ޚަބަރު

މަސައްކަތްތެރިންނާ ގުޅޭ ބިލްތައް ލަސްވާތީ މެންބަރުންގެ ކަންބޮޑުވުން


  • އިންޑަސްޓްރިއަލް ރިލޭޝަން އަދި ހެލްތް އެންޑް ސޭފްޓީ ބިލްވެސް އޮތީ ތަޅުމުގައި

  • ބިލްތައް ލަސްވާތީ މަސައްކަތް އަވަަސްކުރަން މެންބަރުން ވަނީ ގޮވާލާފައި

  • މި ބިލްތަކުގެ ސަބަބުން މަސައްކަތްތެރިން އަދި ވަޒީފާދޭ ފަރާތްތަކުގެ ޙައްގުތައް ކަށަވަރުކުރެވޭނެ

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލާއި ހެލްތު އެންޑް ސޭފްޓީ ބިލް ފާސްކުރުން ލަސްވާތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލާއި ގުޅޭގޮތުން މިއަދުގެ މަޖިލީހުގައި ވަނީ މެންބަރުން ބަހުސްކޮށްފައެވެ. މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާޙިމް ޝަރީފްއެވެ. މި ބިލު މަޖިލީހުން ބަލައިގަނެ، ދިރާސާކުރުމަށް އިޤްތިޞާދީ ކޮމެޓީއަށް ފޮނުވުމަށް ވަނީ މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލަކީ ރާއްޖޭގައި މަސައްކަތެރިންގެ ޔުނިއަންތައް ރެޖިސްޓްރީކޮށް ހިންގުމުގެ ހައްޤު ޤާނޫނީގޮތުން ކަށަވަރުކޮށްދޭ ބިލެވެ. ރާއްޖޭގައި މިހާރުވެސް މަސައްކަތްތެރިންގެ އެކިއެކި ޔުނިއަންތައް ހިންގަމުން އައިނަމަވެސް، މި ޖަމިއްޔާތައް ހިންގަމުން އަންނަނީ ޤާނޫނީ އެއްވެސް ބާރުވެރިކަމެއް ނެތިއެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލާއެކު، މަސައްކަތްތެރިން އަދި ވަޒީފާ ދޭ ފަރާތްތަކުގެ ޙައްގުތައް ކަށަވަރުކުރުމުގައި ޤާނޫނީގޮތުން ޢަމަލުކުރެވޭނެ އުޞޫލެއް ކަނޑައަޅޭނެއެވެ.

މިއަދުގެ މަޖިލީހުގައި މި ބިލަށް ވާހަކަދައްކަވަމުން، ބިލު މަޖިލީހަށް ވެއްދި މަރަދޫ ދާއިރާގެ މެންބަރު އިބްރާޙިމް ޝާރީފް ވަނީ، ވޯޓަކަށް ނުގޮސް ބިލު މަޖިލީހުގެ ތަޅުމުގައި ތާށިވެފައިއޮތްކަން ފާހަގަކުރައްވާ އެމަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މެންބަރު ޝަރީފް ވިދާޅުވީ، މިހާރުގެ ސިޔާސީ ނުތަނަވަސްކަމަށް ވާހަކަ ދެއްކުމަށްވުރެ، މިފަދަ މުހިންމު ބިލްތަކަށް މަޝްވަރާކޮށް މަސައްކަތްތައް ނިންމުން މާމުހިންމުކަމަށެވެ. ބިލުގައި ވޯޓަކަށް ނޭހި ލަސްވާތީ އެކަމުގައި ހިތާމަ ކުރައްވާކަމަށް ޝަރީފް ވިދާޅުވިއެވެ.

"ކޮންމެ ދުވަހަކު ކުޑަ ވަގުތުކޮޅެއް ދީގެން ބަހުސް ގެންދަނީ. ސިޔާސީ ނުތަނަވަސްކަމުގެ ވާހަކައަށްވުރެ މިގަދަ ބިލެއްގެ މަސައްކަތްތައް ގެންދިއުން މާ މުހިންމު. މަސައްކަތްތެރިންގެ ޖަމިއްޔާ އުފައްދާ ހިންގޭގެ ޤާނުނެއް މިހާތަނަށް ނެތް." ޝަރީފް ވިދާޅުވިއެވެ.

އެހެން މެންބަރުންވެސް ވަނީ މި ބިލްގެ މުހިންމުކަމުގެ މައްޗަށް ވާހަކަދައްކަވާފައެވެ. އެގޮތުން މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތަކުގެ އަޑު އުފުލާ، މި ދާއިރާގައި ހުރި މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ފުޅާކުރުމުގައިވެސް މި ބިލްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ބިލްގެ ސަބަބުން، މަސައްކަތްތެރިންގެ ޙައްގުތަކާއި އަދި ވަޒީފާ ދޭ ފަރާތްތަކުގެ ޙައްގުތައް ބަޔާންކުރެވޭނެއެވެ. މި ޤާނޫނުގެ ދަށުން ރެޖިސްޓްރަރ އޮފް ޔުނިއަން، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަން ޖެހިވަޑައިގަންވާނެއެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލުގެ އިތުރުން ހެލްތް އެންޑް ސޭފްޓީ ބިލްގެ މަސައްކަތް އަވަސްކުރުމަށްވެސް މެންބަރުން ގޮވާލެއްވިއެވެ.

"މަސައްކަތްތެރިންގެ ބިލާއެކު، ހެލްތް އެންޑް ސޭފްޓީ ބިލްވެސް ފާސްވެގެން އައުން މުހިންމު. މި ޤާނޫނުތަކާއެކު މަސައްކަތެރިންގެ ފުރިހަމަ ޤާނޫނީ ބާރުވެގެން ލިބިގެންދާނީ." މެންބަރުން ފާހަގަކުރެއްވިއެވެ.

މި ޤާނޫނު ފާސްވެެއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ރެޖިސްޓްރަރ އޮފް ޔުނިއަންސް ޖަވާބުދާރީވާންޖެހޭނީ އިކޮނޮމިކް މިނިސްޓްރީއަށެވެ.