ވިޔަފާރި

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އަމިއްލައަށް ކުރި މަސައްކަތް ފުޅާވެ ކުންފުންޏަކަށް


  • މި ކުންފުންޏަށް މިހާރު ވަނީ 5 އަހަރު ވެފައި

  • ދުޅަހެޔޮ ކާނާ ކެއުމަށް ދަނީ އާންމުން ހޭލުންތެރި ކުރުވަމުން

  • ކެމިކަލް ނުލައި ގޭގައި ގަސްހައްދާނެ ގޮތްވެސް ކިޔައިދޭ

ވެލްނަސް މެޓާރސްއަކީ މީގެ 5 އަހަރުކުރިން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފައުންޑަރ ޒުލްފާ ނަސީރު މެލޭޝިއާގެ ވެލްނަސް އެކްސްޕާރޓްސްގެ ޕްރޮގްރާމެއްގައި ބައިވެރިވެ، ހަށިގަނޑަށް އައި ހެޔޮ ބަދަލާއި ގުޅިގެން އާއިލާގެ ބައެއް މެމްބަރުންނާއި ގާތް ރައްޓެހިންކޮޅަކަށް މި ހެޔޮ ބަދަލު ހޯދައިދިނުމަށް އެކުންފުންޏާއެކު ފެށި ޕްރޮގްރާމް ތަކެއްގެ މައްޗައް އެކުލެވިގެންވާ އަމިއްލަ ކުންފުންޏެކެވެ.

މީގެ 4 އަހަރުކުރިން ވެލްނަސް މެޓާރސްގެ ފަރާތުން ރާއްޖެއަށް ފުރަތަމަ ތަޢާރަފް ކުރެވުނީ 21 ޑޭސް ފިޓްޗެލަންޖެވެ. މި ޕްރޮގްރާމް ވެގެންދިޔައީ ގިނަބައެއްގެ މަޤުބޫލުކަން ލިބިގެންދިޔަ ޕްރޮގްރާމަކަށެވެ.

މި ޕްރޮގްރާމް ހިންގުމަށާއި މި ޕްރޮގްރާމްގައި ބައިވެރިވާ ބައިވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވެގެންދިޔައީ ޕްރޮގްރަމްގައި ތައްޔާރުކުރާ މީލް ޕްލޭންގައި ހުންނަ ތަރުކާރީއާއި މޭވާ ރާއްޖޭގެ ރަށްރަށުން ލިބުމުގެ ދަތިކަމެވެ. އެހެންކަމުން ކޯޗް ޒުލްފާއަށް ވިސްނުނީ މި މައްސަލަ ހައްލުކުރުމަށް ކުރެވެން އޮތްހަމަ އެކަނި ކަމަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދަނޑެއް ޤާއިމްކުރުންކަމަށެވެ.

21 ޑޭސް ފިޓްޗެލެންޖްގެ ބައިވެރިންނަން މިކަމަށް ޝަޢުޤުވެރިކުރުމުގެ ގޮތުން ކެމިކަލާ ނުލައި އިންދާފައިވާ ގަސްގަހުން ލިބޭ ތަރުކާރީއާއި މޭވާގެ ފައިދާ ކިޔަވައިދޭން ފެށުނެވެ.

ކޯޗް ޒުލްފާގެ މަސައްކަތުން ބައެއް ބައިވެރިން އަމިއްލަ ގެތަކުގައި ފަސޭހައިން ހައްދާލެވޭ ތަރުކާރީއާއި މޭވާ އިންދައި އާއިލާގެ މެންބަރުންނަށް ވާވަރަށް ގޮވާންކުރަން ފެށިއެވެ. ލިބުނު މިކުޑަކުޑަ ހިތްވަރުން މި މަސައްކަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އަމަލީގޮތުން މަސައްކަތް ފަށާނެގޮތަކާމެދު، ވެލްނެސް މެޓަރސްގައި އެވަގުތު މަސައްކަތް ކުރަމުންދިޔަ ކޯޗުންނާއެކު މަޝްވަރާކުރެވެން ފެށުނެވެ.

އެހެންކަމުން 2022 ވަނަ އަހަރު ޕްލާންޓް އަ ޓްރީގެ ނަމުގައި ޕްރޮޖެކްޓެއް ފެށިއެވެ. މި ޕްރޮޖެކްޓްގައި 14 އަތޮޅަކުން 17 ރަށެއް ބައިވެރިވެފައިވާއިރު މީގެ ތެރޭގައި ހިނެނީ 33 އަމިއްލަ ފަރާތާއި، 18 ސްކޫލްގެ އިތުރުން 9 މުއައްސަސާއެވެ.

މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކީ ހިންގުމަށް ޕްރޮޖެކްޓްގައި ބައިވެރިފަރާތްތަކަށް ގަސް އިންދާނެ އޮށް ފޯރުކޮށްދިނުމުގެ އިތުރުން ބަރާބަރަށް މި ފަރާތްތައް މޮނިޓަރކޮށް އެފަރާތުން އެހީއަކަށް ބޭނުންވޭތޯ ވެލްނަސް މެޓަރސްއިން ބަލާ ގުޅުންބަދަހި ކުރަމުންދިއައެވެ.

މީގެ އިތުރުން ގަސްތަކަށް ދިމާވާ މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ އެ މައްސަލަތައް ހަލުކުރާނެގޮތް ބައިވެރިންނަށް އަންގައިދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ގުޅިގެން ސިލްސިލާ ކްލާސްތަކެއް ނަގައިދޭން ވަނީ ފަށާއިފައެވެ.

މި ޕްރޮޖެކްޓްގައި ބައިވެރިވުމަށް އިތުރު ސްކޫލްތަކާއި ފަރާތްތަކުން އެދެމުން ދިޔަ ކަމުގައިވިޔަސް، ބިމުގެ ދަތިކަމުގެ ސަބަބުން ބޭނުންވާ ވަރަށް ގަސްއިންދެން ނެތުމާއި، ގިނަ ސްކޫލްތަކަކީ 2 ދަނފަޅިއަށް ކިޔަވައިދޭ ސްކޫލްތަކަކަށް ވުމުން، އިންދާ ގަސްތަކަށް ފެންދީ ބެލެހެއްޓުމަށް ވަގުތު ނުލިބުމަކީވެސް އޮތް ގޮންޖެހުންކަމަށް ވެލްނަސް މެޓާސްއިން ފާހަގަކުރެއެވެ.

އެހެންކަމުން ހައިޑްރޯޕޯނިކްސް ވެގެންދިޔައީ މި ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ފަސޭޙައިން ގަސްއިންދާލެވޭ މަޤުބޫލް މެތަޑަކަށްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ހައިޑްރޯޕޯނިކްސްގެ ޕައިލެޓް ޕްރޮޖެކްޓެއް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ވަނީ ފަށާފައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޤާއިމްކުރެވުނު ސިސްޓަމްގައި ލެޓިއުސްގެ އެކި ވެރައިޓީތަކާއި ކިއުކަންބާގެ ބާވަތެއް އިންދައި 42 ދުވަސްތެރޭގައި ގޮވާން ކެނޑޭވަރުވެފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިންހެޔޮކޮށް ކާނާ ކެއުމާއި މިންހެޔޮކޮށް ކަނާ ތައްޔާރުކޮށް ބޭނުންކުރުމުގެ މުހިންމުކަން އަންގައި ދިނުމުގެ ގޮތުން މިންހެޔޮ ތަށިބަރީގެ ނަމުގައިވެސް ޕްރޮޖެކްޓެއް ފާއިތުވެދިޔަ ރަޟާންމަހުގައި އެކުންފުނިން ފެށިއެވެ. މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްޞަދަކީ މިންހެޔޮކޮށް ކާނާ ކެއުމުގެ މުހިންމުކަން އަންގައިދީ ނެތެމުންދާ އާދައެއް ކަމުގައިވާ ތަށިބަރި ބަދަލުކުރުމުގެ އާދަ އިޔާދަކުރުމެވެ.

މީގެ އިތުރުން ދަނޑުވެރިންގެ ދަނޑުތަކުން ގޮވާންކުރާ ތަރުކާރީއާއި މޭވާ ބޭނުންކޮށްގެން ކާނާ ތައްޔާރުކޮށް އެކަކު އަނެކަކަށް ބަދަލުކުރުމެވެ. އަދި ދަންޑުވެރިން ކުރާ މަސައްކަތަށް މާކެޓެއް ހޯދައި ދިނުމަކީވެސް މި ޕްރޮގްރާމްގެ މަޤްސަދެއްކަމަށް ވެލްނަސް މެޓާރސްއިން ވަނީ ބުނެފައެވެ.