ވިޔަފާރި

އިންޝުއަރ ފޯރަމްގައި 10 ބޭންކަކުން ބައިވެރިވަނީ


ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖުން މިމަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް އިންޝުއަރސް ފޯރަމް" ގައި ކޮލަމްބޯގެ 10 އިންވެސްޓްމެންޓް ބޭންކަކުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ހާމަކުރައްވައިފިއެވެ.

މިމހުގެ 28 ވަނަ ދުވަހު ބާއްވާ މިފޯރަމްގައި ކޮލޮމްބޯ ސްޓޮކް އެކްސްޗޭންޖުގެ ޗެއަރމަނާއި ސީއީއޯވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި ފޯރަމްގައި ޝްރީލަންކާގެ ސެކިއުރިޓީޒް މާކެޓުގައި ހުރި ފުރުޞަތުތަކާއި އިންވެސްޓްކުރެވޭނެ ގޮތްތަކާގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ބައިވެރިންނާ ޙިއްޞާކުރެވޭނެ ކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން މަޢުލޫމާތު ދެއެވެ. އަދި ރާއްޖޭގެ ކުންފުނިތަކަށް ކޮލޮމްބޯގެ އިންވެސްޓްމެންޓް ބޭންކުތަކުގެ މެމްބަރުންނާއި ވަކިވަކިން ބައްދަލުކޮށް، ވާހަކަ ދައްކަން މިފޯރަމްގައި ފުރުޞަތު ލިބިގެންދާނެއެވެ.

ރާއްޖޭގެ ޙިއްޞާގެ ބާޒާރު ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ދަށުން ބައިނަލްއަގްވާމީ މާރކެޓުތަކުން ރާއްޖޭގެ ކުންފުނިތަކަށް ފައިސާ ހޯދުމަށް ހުރި ފުރުޞަތުތައް ހޯދައި ދެނެގަތުމުގެ މަސައްކަތް  

ދަނީ ކުރަމުންނެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ގުޅިގެން ކުރަމުންދާ މިމަސައްކަތްތަކުގެ ދަށުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި ކޮލޮމްބޯ ސްޓޮކް އެކްސްޗޭންޖާއި ދެމެދު ވަނީ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގއެއްގައި ސޮއިކޮށްފައެވެ. މި އެމް.އޯ.ޔޫ އާ ގުޅިގެން  ދިވެހި ކުންފުނިތަކަށް ވަނީ ކޮލޮމްބޯ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށް ޑޮލަރުން ފައިސާ ހޯދުމުގެ މަގުފަހިކޮށްދެއްވާފައެވެ.