ޚަބަރު

މޫސުމީ މައްސަލަތަކަށް ޙައްލު ހޯދުމަށް "މޯލްޑިވްސް އޯޝަން ހެކަތަން 2023" ފަށައިފި


  • ރާއްޖޭން 9 ޓީމު އަދި ބޭރުގެ 1 ޓީމުން ވަނީ ބައިވެރިވޭ

  • ބޭނުމަކީ މޫސުމީ ބަދަލުތަކުން ލިބެމުންދާ ގެއްލުންތައް ދެނެގަތުން

  • ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ ޑޭޓާ ހޯދޭނެ ގޮތްތައް ހޯދުން

ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި މޫސުމީ މައްސަލަތަކަށް އޮތް ޙައްލު ދެނެގަތުމަށްޓަކައި ކުރިއަށްގެންދާ "މޯލްޑިވްސް އޯޝަން ހެކަތަން 2023" މިއަދު ފަށައިފިއެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޝަން ހެކަތަން ޝަރަފްވެރިކޮށްދެއްވީ ކްރޮސް ރޯޑްގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާއެވެ.

”މޯލްޑިވްސް އޯޝަން ހެކަތަން 2023" ގައި 10 ޓީމަކުން ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ނާޒުކު ރަށްތަކަށް ލިބެމުންދާ ގެއްލުންތައް ދެނެގަތުމަށާއި، ސިޔާސަތުތަށް ތަންފީޒްކުރާ ފަރާތްތަކަށް އެ ކަންކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އެންމެ ފަހުގެ ޑޭޓާ ލިބޭނެ ގޮތް ފަހިކޮށްދިނުމުގެ ގޮތުން ތަފާތު ހިޔާލުތައް ހުށައަޅާފައެވެ. މި ހަރަކާތުގައި ޓީމުތަކުން ވަނީ ތަފާތު 10 ހިޔާލެއް ހުށައަޅާފައެވެ. ހެކަތޯންގައި ރާއްޖޭން 9 ހިޔާލެއް ހުށައަޅާފައިވާއިރު މެލޭޝިޔާގެ އޭޝިއާ ޕެސިފިކް ޔުނިވަރސިޓީގެ ފަރާތުންވެސް ވަނީ ހިޔާލެއް ހުށައަޅާފައެވެ.

ރާއްޖެއިން ހުށައެޅި ހިޔާލުތަކުގެ ތެރޭގައި އެންމެ ފަހުގެ ޑޭޓާ ލިބިގަތުމަށް ބޭނުންވާ ޕްލެޓްފޯމެއް ހެދުމާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މަސައްކަތްކުރުމާއި، ގޮނޑުދޮށްތަކަށް ދިމާވާ މައްސަލަތަށް ރިޕޯޓުކުރުމާއި، ކާރިސާއެއް ދިމާވެދާނެކަމަށް ލަފާކުރެވޭ ހާލަތްތަކުގައި އެކަމެއް ރައްޔިތުންނާއި ހަމައަށް ގެނެސްދެވޭނެ ޕްލެޓްފޯމެއް ހެދުމާއި، ސެޓަލައިޓް އަދި ޑްރޯން މެދުވެރިކޮށް ރަށްގިރާފައި ހުންނަ މިންވަރު ވަގުތުން ދައްކާލެވޭނެ ގޮތެއް ހޯދައިދިނުމާއި، ގޮނޑުދޮށްތަކުގެ ޑޭޓާގެ އިތުރުން ކަނޑުގެ ތަޣައްޔަރުކަން ކުޑަކުރުމަށް ހައްލެއް ހޯދައިދިނުން ހިމެނެއެވެ.

މޯލްޑިވްސް އޯޝަން ހެކަތަން 2023 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ސާފު ފެން ލިބުމަށް ގޮންޖެހުންތައް ކުރިމަތިވުމާއި، ތެޔޮ އެންދުމާއި، ޕްލާސްޓިކް ބޭނުންކުރުމަކީ އޭގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބެމުންދާ ކަންކަން ކަމަށެވެ. އަދި މިކަންކަމަށް މިހާތަނަށް އެދެވޭ ހައްލެއް ލިބިފައިނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް މަދުކޮށް މިކަަމަށް ހައްލެއް ގެނައުމަށް އެންމެ ފަހުގެ ޑޭޓާ ބޭނުންވާކަމަށެވެ. ނަމަވެސް މިހާތަނަށް ދިގު މުއްދަތަކަށް އެއްކުރެވިފައިވާ ޑޭޓާއެއް ނެތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް އޮތް މަގަކީ އެންމެ ފަހުގެ ޑޭޓާ ނުވަތަ މިކަމާ ގުޅޭ މައުލޫމާތު ލިބޭނެ މަގެއް ހޯދުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ ރާއްޖޭގެ ޓެކްނޮލޮޖީ ޕާޓްނަރުންގެ ފަރާތުން ލިބެން ހުރި ޑާޓާ ބޭނުންކުރުމަކީ ރާއްޖެއަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ހައްލެއް ހޯދުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ. އެގޮތުން އެ ފަރާތްތަކުން މުރަކަ ފަރުތަކަށާއި، އައްސޭރިފަށަށް ދިމާވަމުންދާ ގެއްލުންތަކުގެ އިތުރުން ގޮނޑުދޮށްތަކަށް ދިމާވަމުންދާ ގެއްލުންތައް މޮނިޓަރ ކުރާފަރާތްތަކުގެ ޑޭޓަ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެހެންކަމުން އެފަރާތްތައް އެ ހޯދާ މައުލޫމާތު އެންވަރަންމަންޓް މިނިސްޓްރީއަށް ލިބޭނެ ގޮތްތަކާއި ރާއްޖޭގެ ސިޔާސަތުތައް ކަނޑައެޅުމުގައި މި މައުލޫމާތުތައް ހިމަނާނެ ގޮތްތަކާއި، އާޚިރުގައި ރާއްޖޭގެ ޖަޒީރާ ރަށްތަކުގައި ދިރިއުޅެވޭނެ ގޮތަކީ ކޮބައިކަން ދެނެގަތުމަށްޓަކައި މިއީ ރާއްޖެއަށް އޮތް އެންމެ އެދެވޭ ހައްލު." މިނިސްޓަރ ޝައުނާ ފާހަގަކުރެއްވިއެވެ.

"ދަ މޯލްޑިވްސް އޯޝަން ހެކަތަން 2023" ހަރަކާތަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކާއި ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި އިތުރަށް ދިރާސާކޮށް އެކަށީގެންވާ ހައްލެއް ހޯދުމަށްޓަކައި ޓެކްނޮލޮޖީ އަދި ތިމާވެށީގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އަމާޒުކޮށްގެން ބާއްވާ ހަރަކާތެކެއެވެ. މި ހެކެތަން އަކީ ގިނަ ބަޔަކު ޝާމިލް ވާނެހެން 48 ގަޑިއިރު ހަމަވާގޮތަށް 3 ދުވަހަށް ބަހައިލައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ.

ހެކަތަން ކުރިއަށް ދާނީ 3 ދުވަހުގެ މުއްދަތަކަށް މިމަހުގެ 17އާއި ހަމައަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ. 10 ޓީމަކުން ބައިވެރިވާ މި ހެކަތަންގެ އެއްވަނަ ފަރާތަށް 10،000 އެމެރިކާ ޑޮލަރުގެ އިނާމެއް ކަނޑައަޅާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.