ޚަބަރު

ނަފްސާނީ ސިއްހަތާ ގުޅޭ ފުރަތަމަ ކޮންފަރެންސް ފަށައިފި


  • އިތުރު ސެޝަންތައް ކުރިއަށްގެންދާނީ ހޯމަދުވަހުގެ ނިޔަލަށް ޕެރަޑައިސްގައި

  • ކީނޯޓް ސްޕީޗްތަކާއި ރިސަރޗް ހުށައެޅުންތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެ

  • 100 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވޭ

އުފެއްދުންތެރި ދިރާސާތައް ހުށަހަޅައިގެން ރާއްޖޭގައި ކުރިއަށް ގެންދާ ފުރަތަމަ ނަފްސާނީ ސިއްހަތުގެ ކޮންފަރެންސް ފަށައިފިއެވެ. މި ކޮންފަރެންސްއަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ނޭޝަނަލް ސެންޓަރ ފޯ މެންޓަލް ހެލްތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ، މިއީ މިމަހު ފާހަގަކުރާ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ކޮންފަރެންސެއް ކަމަށެވެ. އޮއެވަރުގެ ނަމުގައި ކުރިއަށްގެންދާ މި ކޮންފަރެންސްގެ މިއަހަރުގެ ޝިއާރަކީ "ޗޭންޖިންގ ކަރަންޓްސް - ފޯމިން ކަނެކްޝަން"އެވެ.

އޮއެވަރު ކޮންފަރެންސްގެ ޕްރީކޮންފަރެންސް ވޯކްޝޮޕްތައް މިއަދު ވަނީ މާލޭގައި ކުރިއަށްގެންގޮސްފައެވެ. އަދި ކޮންފަރެންސްގެ ބާކީ ހުރި ސެޝަންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން ހޯމަދުވަހުގެ ނިޔަލަށް ޕެރަޑައިސް ރިސޯޓުގައެވެ. އައިޖީއެމްއެޗްއިން ބުނީ މި ކޮންފަރެންސްގައި ކީނޯޓް ސްޕީޗްތަކާއި ރިސަރޗް ހުށައެޅުންތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންދިިޔުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ކޮންފަރެންސްގައި 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައި ވާއިރު އޭގެ ތެރޭގައި ނަފްސާނީ ސިއްހަތުގެ ހިދުމަތްތެރިންނާއި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަސައްކަތް ކުރާ އެކި މުއައްސަސާތައް ހިމެނެއެވެ.

ނަފްސާނީ ބަލި މަޑުކަމަކީ ގިނަ ބަޔަކު އެބައްޔާއި މެދު ފަރުވާ ކުޑަކުރާ އަދި އެވާހަކަ ދެއްކުމުގައި ލަދުގަތުމާއި ފަސްޖެހޭ ބައްޔެކެވެ. މިބައްޔާއި މެދު ޢާއްމުން ހޭލުންތެރިކުރުވާ ބައްޔަށް ފަރުވާ ހޯދުމަށް ބާރު އެޅުމަށް ވޭތުވެދިޔަ 5 އަހަރު ގިނަ މަސައްކަތްތަކެއް ސަރުކާރުން ވަނީ ކުރައްވާފައެވެ. އެގޮތުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ނަފްސާނީ ބައްޔަށް ޚާއްސަ ޑިޕާޓްމެންޓެއް ޤާއިމުކުރައްވާ، މެންޓަލް ހެލްތް ސެންޓަރު ވަނީ ރަސްމީކޮށް ހުޅުވާދެއްވާފައެވެ.

އަތޮޅުތަކުގައިވެސް ނަފްސާނީ ބަލީގެ ފަރުވާ ފުޅާކުރުމަށް ޓާރޝަރީ ހޮސްޕިޓަލްތަކުގައާއި ރީޖަނަލް ހޮސްޕިޓަލްތަކުގައިވެސް މި ޚިދުމަތްވަނީ ތަޢާރަފްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ބައްޔާއި މެދު ޢާއްމުން ދެކޭގޮތް ބަދަލުވެ ފަރުވާއަށް އެދޭ މީހުންގެ ނިސްބަތް ވަނީ ބޮޑުތަނުން އިތުރުކުރައްވާފައެވެ. ގިނަ ބައެއްގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާވަނީ ނަފްސާނީ ބައްޔަށް ކުރާ ހޭދައަކީ އާސަންދަ މެދުވެރިކޮށް ކުރެވޭ ފަރުވާއަކަށް ހައްދަވާފައެވެ.