ޚަބަރު

"ޕިންކް ރިބަން ރަން 2023"އަށް މިއަހަރުވެސް ބޮޑު ތަރުހީބެއް


  • އެކި ރަށްރަށުގައި އެއް ވަގުތެއްގައި ދުވުން ކުރިއަށް ގެންދިޔަ

  • މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔައީ ހުލުމާލޭގައި

  • ރައީސްގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވި

  • އެންމެ މުހިންމު މަޤްޞަދަކީ ކެންސަރަށް ހޭލުންތެރިކުރުން

އުރަމަތީގެ ކެންސަރަށް ޢާންމުން ހޭލުންތެރިކުރުމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ "ޕިންކް ރިބަން ރަން" މިއަހަރު ކުރިއަށް ގެންގޮސްފިއެވެ.

މާލޭގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ. މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ "ޕިންކް ރިބަން ރަން" ވަނީ ކޮންމެ އަތޮޅެއްގައިވެސް ކުރިއަށް ގެންގޮސްފައެވެ. މިހަރަކާތް ކުރިއަށްދިޔަ ވަގުތުގައި ދުޅަހެޔޮ ސިއްޙަތެއްގެ މުހިންމުކަމާއި، ސިއްޙީ ގިނަ މަޢުލޫމާތުތަކެއް އާންމުންނަށް ހިއްސާކުރުމަށްޓަކައި ސްޓޯލްތައް ވަނީ ބަހައްޓާފައެވެ.

ދުނިޔޭގައި އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހު ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ. އެގޮތުން ރާއްޖޭގައިވެސް އޮކްޓޯބަރުމަހަށް ދެމިގެންދާގޮތަށް އުރަމަތީ ކެންސަރަށް ޢާންމުން ހޭލުންތެރިކުރުމަށް ތަފާތު ގިނަ ޙަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން އެ ސޮސައިޓީގެ ޗެއަރޕާސަން ޖުވޭރިޔާ ސަޢީދު ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ އެ ދުވުމަކީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފަންޑްރައިސް ކުރުމުގެ ގޮތުން ކުރިއަށްގެންދާ ރަންއެއްކަމަށެވެ. އަދި އަންނަ ހަފްތާގެ ބަންދުގައި "ހާޑްރޮކް" ގައި ދުވުމެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށާއި، މުޅި އަހަރުގެ ތެރޭ ކޮންމެ މަހެއްގައި ކެންސަރަށް ސްކްރީން ކުރުމަށް ހަރަކާތެއް ކުރިއަށްގެންދާކަން ޖުވޭރިޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރަށް މިމަހުގެ ފަހުކޮޅު ހއ.އަތޮޅުގައި ސްކްރީނިންގެ ހަރަކާތް ކުރިއަށްގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ސެންޓްރަލް ޕާކްގައި ހުންނާނެ ހުޅުމާލެ ހޮސްޕިޓަލާއި ކެންސަރ ސޮސައިޓީގެ ސްޓޯލްތައް. އެތަންތަނުން ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޢުލޫމާތުތައް ފޯރުކޮށްދޭނެ. އުރަމަތީގެ ކެންސަރުން ރައްކާޓެރިވުމަށް 40 އަހަރުން މަތީގެ ކޮންމެ އަންހެނަކުވެސް ސްކްރީން ކުރުމަކީ ވަރަށް މުހިއްމުކަމެއް. ހަރަކާތްތެރިވެ އުޅުމާއި ރަނގަޅުކާނާ ބޭނުންކުރަންވާނެ." ކެންސަރ ސޮސައިޓީގެ ޗެއަރޕާސަން ޖުވޭރިޔާ ސަޢީދު ވިދާޅުވިއެވެ.

"ޕިންކް ރިބަން ރަން" ތެރެއިން ޓީޝާޓު ވިއްކައިގެނާއި އެހެނިހެންގޮތްގޮތުން ލިބޭ ފައިސާ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއަށް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ. "ޕިންކް ރިބަން ރަން"ގައި ކުރިއަށްގެންދިޔަ މިހަރަކާތުގައި ގިނަ ޢަދަދެއްގެ ޢާންމުން ބައިވެރިވެފައިވެއެވެ.

ކެންސަރު ބައްޔަކީ ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިއްޖެނަމަ ފަރުވާ ކުރެވޭ ބައްޔެއްކަމުން، އެފަދަ ކަންކަމާއިމެދު ޢާއްމުން ހޭލުންތެރިކުރުވުން މުހިއްމުކަމަށް ކެންސަރ ސޮސައިޓީއޮފް މޯލްޑިވްސްއިން ފާހަގަކުރެއެވެ.

"ޕިންކް ރިބަން ރަން ވޯކް"ގެ ނަމުގައި ބާއްވާ މި ހަރަކާތަކީ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއާއި، ބޭންކް އޮފް މޯލްޑިވްސް، ބީ.އެމް.އެލް ގުޅިގެން ބާއްވާ ޚާއްސަ ހަރަކާތެކެވެ. ބީ.އެމް.އެލްއިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ކެންސަރ ސޮސައިޓީން ބާއްވަމުން އަންނަ "ޕިންކް ރިބަން ވޯކް"އާއި، ކެންސަރ ސްކްރީނިންގ ފަދަ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ތިން ސަބަބުގެ ތެރޭގައި ކެންސަރު ހިމެނެއެވެ. ރާއްޖޭގެ ބަލިތަކުގެ ޙާލަތާއި ގުޅޭގޮތުން 2020ވަނަ އަހަރު ދުނިޔެގޭ ސިއްޙަތު ޖަމިއްޔާއިން ކުރި ދިރާސާއެއްގައި ބުނާގޮތުން ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ %17އަކީ ކެންސަރުގައި މަރުވާ މީހުންނެވެ.

އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައިވެސް އާސަންދަ މެދުވެރިކޮށް އެންމެ ގިނަ ބަޔަކު ފަރުވާ ހޯދާ ބައްޔަކީ ކެންސަރެވެ. މީގެތެރެއިން ފިރިހެނުންނަށް ޖެހޭ ކެންސަރަށް އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ ފުއްޕާމޭގެ ކެންސަރަށެވެ. އަދި އަންހެނުންނަށް ޖެހޭ ކެންސަރަށް އެންމެ ގިނައިން ފަރުވާހޯދާފައިވަނީ އުރަމަތީގެ ކެންސަރަށެވެ.