ޚަބަރު

ޖޭއެސްސީގައި ސިޔާސީ އެއްވެސް މީހަކު ހިމެނިގެންނުވާނެ، މިނިވަން ކުރާނަން: ޑރ. މުޢިއްޒު


  • ޝަރުޢީ ދާއިރާ މިނިވަން ނުވަނީ ޖޭއެސްސީ ސިޔާސީ ވުމުންކަމަށް

  • ޤާނޫނުތަކަށް ބަދަލު ގެންނަވައި އެދާއިރާ އިޞްލާހުކުރައްވާނެކަމަށް

  • ޖޭއެސްސީގައި ތިއްބަވަންވާނީ ރިޓަޔަރޑް ފަނޑިޔާރުންކަމަށް

ޖުޑީޗަލް ސާރވިސް ކޮމިޝަން، ޖޭއެސްސީގައި ސިޔާސީ އެއްވެސް ބޭފުލަކު ހިމެނިވަޑައިނުގަންނަވާނެ ގޮތަށް އިޞްލާހު ކުރައްވާނެކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބޭރުގެ މީޑިއާއެއްކަމަށްވާ އަލް ޖަޒީރާއަށް ދެއްވި ބަސްދީގަތުމުގުގައި ވާހަކަފުޅު ދައްކަވަމުން، އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މިވަގުތު، ރާއްޖޭގައި އޮތް ޝަރުޢީ ނިޒާމު މިނިވަންކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށެވެ. އެ ނިޒާމު މިނިވަން ނޫންކަމަށް ޑރ.މުޢިއްޒު ފާހަގަކުރެއްވި އެންމެ މުހިންމު އެއް ސަބަބަކީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ހިމެނިވަޑައިގަތުމެވެ. މިއާއެކު ޑރ.މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ޝަރުޢީ ދާއިރާ މިނިވަން ކުރައްވާނެކަމަށާއި، ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހުން ފެށިގެން އެއީ އަދުލުވެރި ނިޒާމަކަށް ބަދަލުކުރެއްވުމުގެ މަސައްކަތްކުރައްވަން ފަށްޓަވާނެކަމަށެވެ.

ޝަރުޢީ ނިޒާމު މިނިވަން ކުރައްވާނީ ކިހިނެއްތޯ ސުވާލު ކުރެއްވުމުން، ޖަވާބުގައި އިންތިޚާބީ ރައީސް ވިދާޅުވީ، ޖޭއެސްސީއަށް ސިޔާސީ ގޮތުން މުވައްޒަފުން އައްޔަން ކުރުން ނިމުމަކަށް ގެންނަވާނެކަމަށެވެ. ޖޭއެސްސީގައި ސިޔާސީ މީހުން ތިބުމަކީ މިނިވަން އިންސާފުވެރި ނިޒާމެއް ޤާއިމްކުރުމަށް އޮތް އެންމެ ބޮޑު އެއް ހުރަސްކަމަށް ވެސް އިންތިޚާބީ ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ޖޭއެސްސީއަށް ސިޔާސީ މީހުން އައްޔަން ކުރުން ނިމުމަކަށް ގެންނަވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި ޝަރުޢީ ދާއިރާގެ އިދާރީ ހިންގުންވެސް ޖޭއެސްސީގެ ދަށުން ބަދަލުކުރައްވާނެކަމަށްވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު (ޖުޑިޝަރީ ނިޒާމާއި ގުޅިގެން ހަދާފައިވާ) ޤާނޫނުތަކަށް ބަދަލުގެންނާނަން، ސިޔާސީ އެއްވެސް މީހަކު ޖުޑިޝަލް ސާވިސް ކޮމިޝަނުގައި ނުތިބޭ ގޮތަށް. ޖުޑިޝަލް ސާވިސް ކޮމިޝަނުގައި، އެޑްމިނިސްޓްރޭޝަން އޮފް ޖުޑިޝަރީ ނޯންނާނެ." ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒުގެ ވާހަކަފުޅުގައި ޖޭއެސްސީ އެކުލަވާލުމުގައި އެންމެ ރަނގަޅު ގޮތަކީ، ރިޓަޔާޑް ފަނޑިޔާރުން ފަދަ ބޭފުޅުން ތިއްބެވުމެވެ.

ޖޭއެސްސީ މިހާރު އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށެވެ. އެ ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހިުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާ މެންބަރެއްވެސް ހިމެނިވަޑައިގަންނަވައެވެ. އަދި ބަންޑާރަ ނާއިބާއި، ކޯޓުތަކުގެ ފަރާތުން ތިއްބަވާ މެންބަރުންނާއި، ސިވިލް ސާރވިސް ކޮމިޝަނުގެ ރައީސްވެސް ހިމެނިވަޑައިގަންނަވައެވެ.