ތަޢުލީމު

ބ.ކިހާދޫގައި ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރެއް ޤާއިމްކުރަނީ


 ޒުވާނުން ވަޒީފާގެ ބާޒާރަށް ތަމްރީނުކުރުމަށް ބ.ކިހާދޫގައި ވޮކޭޝަނަލް ސެންޓަރެއް ޤާއިމްކުރައްވަން ސަރުކާރުން ނިންމަވައިފިއެވެ.

ޒުވާނުން ހުނަރުވެރިކުރުވާ ވަޒީފާގެ ބާޒާރަށް ތަމްރީނުކުރުމަށް ބ. ކިހާދޫގައި ވޮކޭޝަނަލް ޓްރެއިނިން ސެންޓަރެއް ޤާއިމްކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޯސްޓްލައިން ފައުންޑޭޝަނާއި ޙަވާލުކުރައްވާފައެވެ. ކިހާދޫގައި ވޮކޭޝަނަލް ޓްރެއިނިން ސެންޓަރު ޤާއިމްކޮށް ހިންގުމަށްޓަކައި ކޯސްޓްލައިން ފައުންޑޭޝަނަށް އެރަށުން ބިމެއް ދޫކޮށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

ކޯސްޓްލައިން ފައުންޑޭޝަނަށް ކިހާދޫގައި ވޮކޭޝަނަލް ޓްރެއިނިން ޤާއިމްކޮށް ހިންގުމަށް ބިމެއް ޙަވާލުކުރެއްވީ ވަޒީފާގެ ބާޒާރުގައި ދިވެހި މަސައްކަތްތެރިންގެ ދައުރު ހަނިވެފައިވާތީ ތަފާތު ފަންނުތަކުން ދިވެހި ޒުވާނުން ތަމްރީނުކުރުމަކީ މުހިންމު ޝައުޤުވެރިކަން އެ ކުންފުނިން ފާޅުކުރުމާއި ގުޅިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު ޤާއިމްކުރެއްވުމަށް ކިހާދޫން މިނިސްޓްރީއަށް ދޫކޮށްފައިވަނީ 223500 އަކަ ފޫޓުގެ ބިމެކެވެ. މި އެއްބަސްވުމުގެ ދަށުން ސޮއިކުރާ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ސެންޓަރު މަސައްކަތް ނިންމާ ކިޔަވައިދިނުމުގެ ޙަރަކާތްތަށް ފަށަންޖެހެއެވެ. އެކުންފުންޏާ ބިން ޙަވާލުކޮށް ސެންޓަރު ހިންގުމަށް ދޫކޮށްފައިވަނީ 20 އަހަރު ދުވަހަށެވެ.

ވޮކޭޝަނަލް ސެންޓަރުގައި މުޅި ރާއްޖެއަަށް އަމާޒުކުރައްވައިގެން ތަފާތު ދާއިރާތަކުން ހުނަރުވެރި ޒުވާނުން އުފެއްދުމުގެ ޕްރޮގްރާމްތަށް ހިންގުމަށް ހަމަޖެހިފައިވާއިރު، މައިގަނޑު ގޮތެއްގައި ހިންގުމަށް ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ތަމްރީނުތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވާފައިވެއެވެ. މިނިސްޓްރީން ވިދާޅުވީ، ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާއިން ހުނަރުވެރި ޒުވާނުން ތަމްރީނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ތަފާތު މަސައްކަތްތައް ކުރަމުން އަންނަ އިރު މި މަސައްކަތުގައި އަމިއްލަ ކުންފުނިތަކުން ދެއްވާ އެއްބާރުލުން މިނިސްޓްރީން ފާހަގަކުރައްވައެވެ. 

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވޮކޭޝަނަލް ސެންޓަރު ޤާއިމްކުރެއްވުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ އެގްޒެގެޓިވް އިބްރާޙީމް އިސްމާއިލެވެ. އަދި ކޯސްޓްލައިން ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ޙުސައިން މުޙައްމަދެވެ.