ވިޔަފާރި

އަންނަ އަހަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު %8.3 އިތުރުވާނެ


  • ކުރިއަށްއޮތް 3 އަހަރުވެސް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވާނެ

  • 2024 ގައި ބެޑް ނައިޓްސް %7.3 ގައި ކުރިއަރާނެ

  • މިއަހަރު ޒިޔާރަތްކުރާނެކަމަށް ބެލެވެނީ 1.9 މިލިއަން ފަތުރުވެރިން

އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 8.3 އިންސައްތަ ކުރިއަރާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިގޮތަށް ލަފާކޮށްފައިވަނީ އެ މިނިސްޓްރީން ނެރެފައިވާ 2024 އިން 2026 ވަނަ އަހަރަށް ލަފާކުރާ ފިސްކަލް ސްޓްރެޓަޖީ ރިޕޯޓްގައެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓްގައި ވިދާޅުވެފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާކުރިން އަންދާޒާކުރި މިންވަރަށްވުރެ ބާރަށް ކުރިއަރައ،ި ކޯވިޑް-19 ގެ ކުރިންހުރި މިންވަރާއި ދާދި އެއްވަރަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ޖުމްލަ ރޭގެ އަދަދު ނުވަތަ ބެޑްނައިޓްސް 2019 ގެ ބެޑްނައިޓްސް ހުރި މިންވަރަށްވުރެ އިތުރުވެފައިވާކަމަށެވެ.

ކޯވިޑްގެ ބަލިމަޑުކަމާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް އައި ހީނަރުކަމުން އަރައި ގަންނަން ފަށާފައިވަނީ 2021 ވަނަ އަހަރުގައެވެ. 2022 ވަނަ އަހަރުވެސް މި ދާއިރާ އިއާދަވަމުން އައީ ވަރަށް ހަލުވި ދުވެއްޔެއްގައިކަން ފިނޭންސް މިނިސްޓްރީގެ ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

2022 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކުރިއިރު، 1.63 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށް، ބެޑްނައިޓްސްގެ އަދަދު ހުންނާނީ 10.4 މިލިއަންގައި ކަމަށް އަންދާޒާކުރިއެވެ. ނަމަވެސް އަހަރު ނިމުމުއިރު 1.68 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށް، ބެޑްނައިޓްސް ވަނީ 12.3 މިލިއަނަށްވުރެ އިތުރުވެފައެވެ.

ޗައިނާގެ ބޯޑަރު ހުޅުވައިލައ،ި މިއަހަރުގެ ޖަނަވަރީ މަހު ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އަލުން ޒިޔާރަތްކުރަން ފެށުމާއިއެކު، 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާގެ ހަރަކާތް ވަނީ އިތުރުވެފައެވެ. އެގޮތުން، 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 523,928 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2022 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 21.4 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2019 ވަނަ އަހަރުގެ ފުރަތަމާ ކުއާޓަރާއި އަޅައިބަލާއިރު 8.5 އިންސައްތަ އިތުރު އަދަދެކެވެ.

ބެޑްނައިޓްސްއަށް ބަލާއިރ،ު 3.9 މިލިއަން ބެޑްނައިޓްސް މި މުއްދަތުގެ ތެރޭގައި ރިކޯޑުކޮށްފައިވާއިރު، މިއީ 2022 އަށްވުރެ 15.0 އިންސައްތަ، އަދި 2019 އަށްވުރެ 28.8 އިންސައްތަ އިތުރު އަދަދެކެވެ. މި ކުރިއެރުމުގެ މައިގަނޑު އެއް ސަބަބަކީ މި އަހަރުގެ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހު ޗައިނާގެ ބޯޑަރުތައް ހުޅުވައިލައި، ރާއްޖެއަށް ދަތުރުތައް ފެށިގެން ދިޔުންކަން ފިނޭންސް މިނިސްޓްރީގެ ރިޕޯޓްގައި ވަނީ ފަހަގަކުރައްވާފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މެދުރާސްތާގައި ފަތުރުވެރިކަން ކުރިއަރާ މިންވަރަށް ބަލާއިރު 2024 ވަނަ އަހަރު ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު 8.3 އިންސައްތައިން ކުރިއަރާނެކަމަށް ލަފާކުރެވޭކަމަށެވެ. އެއީ 2 މިލިއަނަށްވުރެ ގިިނަ ފަތުރުވެރިންނެވެ. ބެޑްނައިޓްސް އިތުރުވާ ނިސްބަތް ހުންނާނެކަމަށް ބެލެވެނީ 7.4 އިންސައްތައިގައިކަމަށް ވަނީ ބުނެފައެވެ.

2025 ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ނިމުމާއެކ،ު އެއަރޕޯޓުން ޚިދުމަތްދެވޭ ފަސިންޖަރުންގެ އަދަދާއި އިތުރު ފްލައިޓްތައް ޖެއްސުމުގެ ފުރުސަތު އިތުރުވެގެންދާނެތ،ީ ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ 2.5 މިލިއަން ފަތުރުވެރިންކަމަށް ވަނީ ބުނެފައެވެ.

މި ހިނގާ 2023 ވަނަ އަހަރު ރާއްޖެއަށް 1.8 މިލިއަނާއި 2.0 މިލިއަނާއި ދެމެދުގެ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 1.4 މިލިއަން ފަތުރުވެރިންނެވެ.