ޚަބަރު

ބޯކޮށް ވާރޭވެހި އުތުރުގެ ގިނަ ރަށްތަކެއްގައި ފެން ބޮޑުވެއްޖެ


  • އުތުރުގެ 8 ރަށަކުން ފެން ބޮޑުވެގެން ރިޕޯޓުކޮށްފައިވޭ

  • ގެއްލުންތަކުގެ ތަފްޞީލުތައް ދަނީ އެއްކުރަމުން

  • ކުރިއަށްއޮތް 24 ގަޑިއިރުވެސް އުތުރަށް މޫސުން ގޯސްވާނެ

އުތުރަށް ކުރަމުންދާ ވިއްސާރައިގައި 8 ރަށަކުން ފެންބޮޑުވުގެން ރިޕޯޓްކޮށްފައިވާ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭއިން ވިދާޅުވެއްޖެއެވެ.

އެގޮތުން ރިޕޯޓްކޮށްފައިވަނީ ހއ އަދި ހދ. އަތޮޅުގެ ރަށްތަކުނެވެ. އެން.ޑީ.އެމް.އޭއިން ވިދާޅުވީ ހދ. ފިނޭ، ހއ. ހޯރަފުށި، ކެލާ، މުރައިދޫ، ތަކަންދޫ، ދިއްދޫ، އުތީމު އަދި ތުރާކުނުންވެސް ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވާކަމަށެވެ.

މީގެތެރެއިން ބައެއް ރަށްތަކުން ފެން ހިންދުމުގެ މަސައްކަތް، އެމް.އެން.ޑީ.އެފްގެ ނޮދަރން އޭރިއާ ކޮމާންޑްގެ އެހީގައި ކުރިއަށްގެންގޮސްފައިވެއެވެ. ތަކަންދޫގައި ދެ ޕަމްޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް މަޢުލޫމާތު ދީފައިވާކަމަށް އެން.ޑީ.އެމް.އެމްއޭއިން ވިދާޅުވެއެވެ.

އެއްފަހަރާ ގިނަ ރަށްތަކެއްގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ކޮންމެވެސްވަރެއްގެ ދަތިތަކެއް ކުރިމަތިވަމުންދާކަން އެން.ޑީ.އެމް.އޭއިން ފާހަގަކުރެއްވިއެވެ.

އެ އޮތޯރިޓީން ވިދާޅުވީ، ފެންބޮޑުވެ ގޭގެއިން މީހުން ބަދަލުކުރަންޖެހޭ ޙާލަތަށް އެއްވެސް ރަށެއްގައި ގޮސްފައި ނުވާކަމަށެވެ. ނަމަވެސް ގޭގެއަށް ފެން ވަދެ، ބައެއް ކަހަލަ ގެއްލުންތައް ވެގެން އަންގާފައިވާކަމަށެވެ. ގެއްލުމުގެ ތަފްޞީލު އެނގޭނީ ފެން ހިންދުމުގެ މަސައްކަތަށްފަހު، އެކަމާއި ގުޅޭ ރިޕޯޓް ކައުންސިތަކުން ހެދުމުންނެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު ކުރި ވިއްސާރައިގެ އިތުރުން، ކުރިއަށް އޮތް 24 ގަޑިއިރުވެސް އުތުރަށް ވިއްސާރަވާނެކަމަށް ލަފާކުރެވޭކަމަށެވެ. މެޓުން ރެކޮޑްކޮށްފައިވާގޮތުގައި އުތުރުގެ ބައެއް ރަށްތަކަށް 40 މިލިމީޓަރަށް ވާރޭ ވެހިފައިވެއެވެ. އާދަޔާޚިލާފަށް ވާރޭވެހިފައި ނުވި ނަމަވެސް، މިގޮތަށް ފެން ބޮޑުވާން ދިމާވީ ވިއްސާރަ ވިލާ ދައުރުވާ މިންވަރު ކުޑަވެ ހުއްޓާނުލާ ގިނައިރު ވާރޭވެހުމުގެ ސަބަބުންކަމަށް މެޓުން ލަފާކުރެއެވެ.