ޚަބަރު

ފްރާންސްގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރގައި ރާއްޖެ އިޝްތިހާރުކޮށްފި


  • އައިއެފްޓީއެމް ޓޮޕް ރިސާ ބޭއްވީ ފެރިސްގައި

  • ރާއްޖޭގެ 28 ކުންފުންޏަކުން ބައިވެރިވެފައިވޭ

  • 30000އަށް ވުރެ ގިނަ މީހުން ފެއަރއަށް ޒިޔާރަތްކުރި

ރާއްޖޭގެ ފަތުުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ފްރާންސްގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ފްރާންސްގެ ވެރިރަށް ޕެރިސްގައި ބާއްވާ އައިއެފްޓީއެމް ޓޮޕް ރިސާގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީއާއެކު ފަތުރުވެރިކަމުގެ ސިނާއަތުގެ 28 ކުންފުންޏަކުންވަނީ ބައިވެރިވެފައެވެ.

އައިއެފްޓީއެމް ޓޮޕް ރިސާއަކީ ފަތުރުވެރިކަމާއި ދަތުރުފަތުރަށް ހާއްސަކޮށްގެން ބާއްވާ 30000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރާ ފެއަރއެކެވެ. މި ފެއަރގައި ލެޝާ އަދި މައިސް ފަދަ ހުރިހާ ޓްރެވަލް ސެގްމަންޓްތަކެއް ހިމެނެއެވެ.

އެމް.އެމް.ޕީ.އާރު.ސީއިން ފްރާންސްގެ މާކެޓަށް ގެންގުޅޭ ސްޓްރެޓެޖީތަކާ އެއްގޮތަށް ފަތުރުވެރިކަމުގެ އެންމެ މަތީ ފަންތީގެ އެއް އިވެންޓަކަށްވެފައިވާ އައިއެފްޓީއެމް ޓޮޕް ރިސާގައި ރާއްޖޭގެ ޚާއްސަ ތަޖުރިބާތަކާއި ސެގްމެންޓުތައް ވަނީ ޕްރޮމޯޓުކޮށްފައެވެ.

އެމް.އެމް.ޕީ.އާރު.ސީން ބުނީ މި ފެއަރގެ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރި ފަރާތްތަކަށް ރާއްޖޭގެ ސަގާފަތް ދައްކާލުމުގެ ގޮތުން ލިބާސް، ފޭލިފަދަ ސަގާފީ ހެދުންތައް ލައިގެން ފޮޓޯ ނެގުންފަދަ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވާކަމަށެވެ.

މިދިޔަ އަހަރުތެރޭ ފްރާންސްއިން ރާއްޖެއަށް 48341 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. އަދި މި އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 37688 އަށް ވުރެ ގިނަ ފަތުުރުވެރިން އައިސްފައިވާއިރު، އެޤައުމަކީ ރާއްޖެއަށް 8 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ.