ވިޔަފާރި

ސާޓާ އެވޯޑް: ލީޑިން ބީޗް ޑެސްޓިނޭޝަނާއިއެކު އިތުރު 31 އެވޯޑެއް ރާއްޖެއަށް


  • މިއަހަރުގެ އެވޯޑް ބޭއްވި އިންޑިއާގައި

  • ރާއްޖެއަށް ވަނީ ލީޑިން ބީޗް ޑެސްޓިނޭޝަންއާއި އިތުރު 31 އެވޯޑެއް ލިބިފައި

  • ފޭސަސް އޮފް ސައުތު އޭޝިއާ އެވޯޑް ރާއްޖޭގެ 2 ބޭފުޅަކަށް

މިއަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް، ސާޓާގައި ލީޑިން ބީޗް ޑެސްޓިނޭޝަންއާއެކު އިތުރު 31 އެވޯޑެއް ރާއްޖެއަށް ލިބިއްޖެއެވެ. މިއަހަރުގެ އެވޯޑް ހަފްލާ ބާއްވާފައިވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޝެރެޓަން ގްރޭންޑް ހޮޓެލްގައެވެ.

ސާޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މިއީ ސާޓާ އެވޯޑް ބާއްވާ 7 ވަނަ އަހަރެވެ.

ކޮންމެ އަހަރެއްގެވެސް ސާޓާ އެވޯޑްގެ ގިނަ އެވޯޑްތަކެއް ރާއްޖެއިން އަންނަނީ ހޯދަމުންނެވެ. އެގޮތުން މިއަހަރުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކިއެކި ޕްރޮޕަޓީތަކުން ވަނީ ގިނަ އެވޯޑެއް ހާސިލްކޮށްފައެވެ. އެގޮތުން މިއަހަރުގެ އެވޯޑްގައި ރާއްޖޭގެ ޕްރޮޕަޓީތަކުން ވަނީ 31 އެވޯޑެއް ހާސިލްކޮށްފައެވެ. މީގެތެރޭގައި 14 ގޯލްޑް އެވޯޑާއި، 17 ސިލްވަރ އެވޯޑް ހިމެނެއެވެ.

ވިޒިޓާރސް ޗޮއިސް އެވޯޑްސްއިން ރާއްޖެއަށް ވަނީ ލީޑިން ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ލިބިފައެވެ. މިއީ އާންމުންގެ ހިޔާލަށް ބަލައި ދެމުން އަންނަ އެވޯޑެކެވެ.

މިއަހަރުގެ އެވޯޑް ހަފްލާގައި ވަނީ ސައުތު އޭޝިއާ ސަރަހައްދުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ 4 ފަރާތަކަށް "ފޭސަސް އޮފް ސައުތު އޭޝިއާ" ގެ ނަމުގައި ވަނީ އެވޯޑް ދީފައެވެ. މީގެތެރެއިން ރާއްޖޭގެ 2 ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ. އެއީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރެއްވި ބާނީއެއް ކަމަށްވާ އެމްޔޫ އުމަރު މަނިކާއި، ހޮޓެލްސް އެންޑް ކޮންސްޓްރަކްޝަންގެ ޗެއަރމަން މުޙައްމަދު އަލީ ޖަނާހްއެވެ.

މިއަހަރުގެ ސާޓާ އެވޯޑަށް ސައުތު އޭޝިއާގެ 6 ޤައުމަކުން ވާދަކުރިއެވެ. އެއީ އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބޫޓާން، ބަނގްލަދޭސް އަދި ދިވެހިރާއްޖެއެވެ.