ޚަބަރު

ޑރ. މުޢިއްޒުގެ ސަރުކާރުގައި ސިޔާސީ މަޤާމުގެ ގޮތުގައި ކަނޑައަޅާފައިވަނީ 700 ވަޒީފާ


  • މިހާރުގެ ސަރުކާރުގައި 1063 ސިޔާސީ މަޤާމް ވަނީ އުފައްދަވާފަ

  • ރައީސް ޔާމީނުގެ ވެރިކަމުގައި ސިޔާސީ 800 ވަޒީފާވަނީ އުފައްދާފައި

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އެކުލަވާލާއިރު ސިޔާސީ މަޤާމުތަކުގެ ގޮތުގައި ހަމަޖައްސާނީ 700 ވަޒީފާކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު ފިރުޒުލް ޢަބްދުﷲ ޙަލީލް ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން މިކަން ހާމަކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފިރުޒަލް ވިދާޅުވީ، މި މަޤާމުތަކުގެ ތެރޭގައި ރައީސް އޮފީހާއި އެމަނިކުފާނު ހުންނަވާ ގެކޮޅާއި، ނައިބު ރައީސް ހުންނަވާ ގެކޮޅުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭގޮތަށެވެ.

މި ސަރުކާރުގެ ސިޔާސީ މަޤާމުތައް އެއްހާހަށްވުރެ ގިނައެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި އުފައްދަވާފައިވާ ސިޔާސީ މަޤާމުތަކަށްވުރެ މިސަރުކާރުން އުފައްދާ ސިޔާސީ މަޤާމުތައް މަދުވާނެކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ޑރ. މުޢިއްޒުގެ ސަރުކާރުން އެކުލަވާލާ ކެބިނެޓްގައި ޙާއްސަ އިސްކަމެއް ދެއްވާނީ ކަމަށް ޤާބިލް ދާއިރާތަކުން ކިޔަވައިގެން ތިއްބެވި ބޭފުޅުންހަމަޖެއްސެވުމަށްކަމަށް އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.