ޚަބަރު

އިންތިޚާބީ ރައީސްގެ އޮފީސް ހިންގާނީ ސްޓެލްކޯގެ 5ވަނަ ފަންގިފިލާގައި


  • އޮފީސް ހުންނާނީ ސްޓެލްކޯ 5 ވަނަ ފަންގިފިލާގައި

  • ސްޓްރާންސިޝަނަލް ކޮމިޓީ ވަނީ އެކުލަވާލައްވާފައި

  • ޓްރާންސިޝަނަލް މަސައްކަތަށް އެއްބާރުލެއްވުން ދެއްވުމަށް ރައީސް އެދިވަޑައިގެންފައިވޭ

"އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ހިނގަމުންދާނީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ 5 ވަނަ ފަންގިފިލާގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ނިމުނު ރިޔާސީ އިންތިޚާބާ ގުޅިގެން، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމަށްޓަކައި، "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް"ގެ ނަމުގައި އިދާރާއެއް، މިމަހުގެ 5 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އުފައްދަވާފައެވެ.

ވެރިކަން ބަދަލުވުމުގެ މަރުޙަލާއާ ބެހޭ ޤާނޫނު ގައިވާ ގޮތުން، ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ވިލަރެސްކުރެއްވުމަށްޓަކައި، "ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން"ގެ މަގާމަށް، ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސަވައިފައިވަނީ، ލ. ފޮނަދޫ، އަރާއިރު، ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އެ މަރުޙަލާގެ ކަންކަން ވިލަރެސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ހަމަޖައްސަވައިފައިވަނީ، ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް، ޙުސައިން ޢާމިރެވެ.

ވެރިކަން ބަދަލުވުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށާއި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކަށާއި، ސަރުކާރުގެ އިދާރާތަކުގެ އިސް މަގާމުތަކަށް އަތުވެދާނެ ބަދަލުތަކަކަށް ތައްޔާރުވުމުގެ ގޮތުން ކުރައްވަންޖެހޭ ކަންތައްތައް ކުރުމަށް، ސަރުކާރުގެ އޮފީސްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އަންގާފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންނާއި، ޤާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން، ހިނގަމުންދާ ރިޔާސީ ދައުރު ނިމެންދެން، އެ ފަރާތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރެއްވުމުގައި ދެމިތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.

އިންތިޤާލީ މަރުހަލާގެ މަސައްކަތްތައް ކުރުމަށް ވަނީ 15 ޓީމެއް އެކުލަވާލާފައެވެ.