ޚަބަރު

ހުރިހާ ކެންޑިޑޭޓުންނަށް ލިޔުން ހަވާލު ކުރާނެ، ރަސްމިއްޔާތެއް ނުބާއްވާނެ: އީސީ


  • ލިޔުން ހަވަލުކުރުމަށް ރަސްމިއްޔާތު ނުބާއްވަން ނިންމީ ޚަރަދު ކުޑަކުރަން

  • ޑރ.މުޢިއްޒަށް ރަސްމީ ލިޔުމެއް

  • އެހެން ކެންޑިޑޭޓުންނަށް ހަނދާނީ ލިޔުމެއް

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިކަމުގެ ރަސްމީ ލިޔުން ހަވާލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަށް ނިންމެވި ރަސްމިއްޔާތު ނުބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބްރައީސް އިސްމާއިލް ހަބީބް ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ކެނޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެއްވިކަމުގެ ރަސްމީ ލިޔުމެއް ހަވާލުކުރުމަށް ޚާއްސަ ރަސްމއިްޔާތެއް ބާއްވާނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މިހާރު އެ ރަސްމިއްޔާތު ނުބައްވާގޮތަށް ހަމަޖައްސާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަބީބް ވިދާޅުވީ ލިޔުން ހަވާލުކުރުމަށް ބާއްވާ ރަސްމިއްޔާތު ކެންސަލްކުރުމަށް ނިންމަވާފައިވަނީ ވީހާވެސް ޚަރަދުކުޑަކޮށް ކަންކަން ކުރުމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުއިއްޒު އެދިވަޑައިގަތުމުންކަމަށެވެ. އެކަމަށް ޚާއްސަ ރަސްމިއްޔާތެއް ނުބޭއްވިނަމަވެސް އިންތިޚާބު ކާމިޔާބުކުރެއްވިކަމުގެ ރަސްމީ ލިޔުން ޑރ.މުއިއްޒާއި ހަވާލުކުރައްވާނެކަމަށާއި، އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށްވެސް އިންތިޚާބުގައި ވާދަކުރެއްވިކަމުގެ ހަނދާނީ ލިޔުމެއް ދެއްވާނެކަމަށް ހަބީބް ވިދާޅުވިއެވެ.

"ލިޔުން އޮތީ ތައްޔާރުވެފައި. އިންތީޚާބު ކާމިޔާބުކުރެއްވި އިންތިޚާބީ ރައީސްއަށް ލިޔުން އަރުވާނެ. އަދި އެހެން ކެންޑިޑޭޓުންނަށްވެސް އިންތިޚާބުގައި ބައިވެރިވިކަމުގެ ހަނދާނީ ލިޔުމެއް އަރުވާނެ. ރަސްމިއްޔާތު ބޭއްވުމުގެ މަސައްކަތުގައި އުޅެނިކޮށް އިންތިޚާބީ ރައީސްގެ ފަރާތްޕުޅުން މެސެޖެއް ލިބުނީ ޚަރަދު ވީހާވެސް ކުޑަކުރުމުގެ ވިސްނުން ކޮމިޝަނުން ގެންގުޅުމަށް. އެހެންވެ އެކަން އެގޮތަށް ނުކުރަން އަޅުގަނޑުމެނަށް ފެނުނީ." އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ޙަބީބް ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެނޑިޑޭޓަކު ވަނީ ވާދަކުރައްވާފައެވެ. ނަމަވެސް އެއްވެސް ކެނޑިޑޭޓަކަށް ޤާނޫނުގައި ބުނާ އަދަދަށް ވޯޓު ލިބިވަޑައިނުގަތުމުން ދެވަނަ ބުރެއް ބާއްވަން ޖެހުނެވެ. އިންތިޚާބުގެ 2 ވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވާދަކުރައްވާ އިންތިޚާބު ކާމިޔާބުކުރެއްވީ ޑރ.މުޙައްމަދު މުއިއްޒުއެވެ.

މުއިއްޒު އިންތިޚާބު ކާމިޔާބުކުރެއްވީ ވޯޓުޅީ މީހުންގެ %54.04 ވޯޓުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ %45.96 އެވެ.