ތިމާވެށި

އެލްނީނޯގެ ސަބަބުން ކަނޑުގެ ދިރުމަށް އަސަރުކުރޭ !


މިއަދަކީ ބައިނަލްއަޤްވާމީ މޫސުމާބެހޭ ދުވަހެވެ. ކޮންމެ އަހަރަކު މާޗް މަހުގެ 23 ވަނަ ދުވަހު ދުނިޔޭގެ ފެންވަރުގައި އދ. އިން ފާހަގަކުރާ މިދުވަސް ފާހަގަކުރުމުގެ ބޭނުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އަސަރުތަކަށް ސަމާލުކަން އިތުރުކުރުމެވެ. ބައިނަލްއަޤްވާމީ މޫސުމާބެހޭ ދުވަސް ފާހަގަކުރަނީ ނަވާރަސަތޭކަ ފަންސާސްވަނަ އަހަރު ބައިނަލްއަޤްވާމީ މޫސުމާބެހޭ އިދާރާ އުފެދުމަށް ނިސްބަތްކޮށެވެ. ބައިނަލްއަޤްވާމީ މޫސުމާބެހޭ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި އދ. ން މިއަހަރު ކަނޑައަޅާފައިވަނީ "ހޮޓަރ، ޑްރަޔަރ، ވެޓަރ، ފޭސް ދަ ފިއުޗަރ" ނުވަތަ ހޫނުގަދަކަން، ހަނަފަސްކަން، ތެތްކަން، ކުރިމަގާ ކުރިމަތިލާ، މި ޝިޢާރެވެ. މޫސުމީ ބަދަލުތަކަށް އޭގެ އެންމެ ބޮޑު އަސަރެއް ފޯރުވާ އެއްކަމަކީ އެލްނީނޯ ކަމަށް ކްލައިމެޓޮލޮޖިސްޓުން ހާމަކުރައްވައެވެ. މޫސުމީ ބަދަލުތަކަކީ އޭގެ ޒާތުގައި މުޅި ދުނިޔޭގެ ފިނިހޫނުމިނަށް އޭގެ ސަބަބުން ބަދަލުތަކެއް ގެނުވާ ނިޒާމެކެވެ. 

ދުނިޔޭގެ މޫސުމަށް އަންނަ ކޮންމެ ބަދަލަކީ، އޭގެ ސަބަބުން އަހަރެމެންގެ ވަށައިގެންވާ ހުރިހާ ދިރުންތަކަށް އޭގެ އަސަރު ފޯރާ ކަންކަމެވެ. އެލްނީނޯ ކުރިމަތިވަނީ ތިމާވެއްޓަށް އަންނަ ބަދަލްތަކެއްގެ ސަބަބުންނެވެ. ފަހުގެ އަހަރުތަކުގައި ހޫނުމިން މައްޗަށް ދިއުމާއި އެލްނީނޯ ބާރުގަދަވުމަކީ، ވިހަގޭހުގެ ސަބަބުން ޖައްވު ހޫނުވުމާއި، ދުނިޔޭގެ ދެތަނޑީގައިވާ ގަނޑުފެން ވިރުމުގެ އިތުރުން ކަނޑުގެ ލޮނުގަޑު އުފުލުން ފަދަ މޫސުމީ ބަދަލުތަކާ ގުޅިފައިވާ ޙާދިސާތައް ކަމަށް ކްލައިމެޓޮލޮޖިސްޓުން ހާމަކުރައްވައެވެ. މިގޮތުން ދުނިޔޭގެ ފިނިހޫނުމިން އެންމެ މައްޗަށްދިޔަ ކަމަށް މިހާތަނަށް ރެކޯޑް ކުރެވިފައިވަނީ މިދިޔަ 2015 ވަނަ އަހަރުއެވެ. އެލްނީނޯގެ ސަބަބުން ކަނޑުތަކުގެ ދިރުމާއި މަސްވެރިކަމުގެ އިތުރުން އެންވެރިކަމަށްވެސް އަސަރުކުރާ ކަމަށް ދިރާސާތަކުން ދައްކާއެވެ. މި އަހަރުގެ ޝިޢާރު "ހޫނުގަދަކަން، ހަނަފަސްކަން، ތެތްކަން، ކުރިމަގާ ކުރިމަތިލައްވާ" މި ޝިޢާރުން ދޭން ބޭނުންވާ މައިގަނޑު މެސެޖަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ނިސްބަތް މިހާރުން މިހާރަށް މަދުކުރުމާއި، މިކަންތައްތަކަށް ސަމާލުކަން ނުދެވިއްޖެނަމަ ދުނިޔޭގެ ފިނިހޫނުމިން އިތުރަށް މައްޗަށް ހިނގައިދާނެކަމާއި، މިކަމުގެ ސަބަބުން ދުރާލައި ލަފާނުކުރެވޭފަދަ ކުއްލި ބަދަލުތައް ދުނިޔޭގެ މޫސުމަށް ކުރިމަތިވެދާނެކަމުގެ ބިރު އޮތްކަމެވެ.