ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ފުވައްމުލަކުގެ ދެކުނު ސަރަހައްދުގައި ކުރިއަށްދާ މިމަޝްރޫޢުގެ ދަށުން މަގުތަކުގެ ސަބް-ބޭސް ތައްޔާރުކުރުމާއި، ތާރު އެޅުމާއި، ދުވާރު ހެދުމުގެ އިތުރުން މަގުބައްތި ހަރުކުރުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި މަގު ހުރަސްކުރާ ސަރަހައްދުތަކުގައި ސިގްނަލް ބެހެއްޓުމުގެ މަސައްކަތްތައް ހިމެނެއެވެ. މިހާރު ކުރިއަށްދަނީ ސެޓްލްމަންޓް ޓޭންކްތަކާއި، ކޭބަލް ޖަންކްޝަން ފޮށިތަކާއި ހޮޅި ވަޅުލުމުގެ މުހިންމު މަސައްކަތްތަކެވެ.
ފުވައްމުލަކު ސިޓީގެ މަގު ހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތްވެސް މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވެގެން ދިއުމަކީ ޒަމާނުއްސުރެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުންނާއި މަގުތައް ހަލާކުވެފައި އޮތުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދިޔަ ދަތިތަކަށް ދާއިމީ ހައްލެއް ލިބި، ދަތުރުފަތުރަށާއި ދިރިއުޅުމަށް ބޮޑު ލުއިފަސޭހަކަމެއް ގެނެސްދޭނެ ކަމެކެވެ.
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން އިސްނަގައިގެން ކުރިއަށްގެންދާ މިމަޝްރޫޢު އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ 25 ޖުލައި 2023 ގައެވެ.
ފުވައްމުލަކު ސިޓީގެ މަގުތަކުގައި ތާރުއެޅުމުގެ 2 ވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 52 މަގެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވާއިރު، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އޮތީ މަސައްކަތް ހުއްޓިފައެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިމަސައްކަތް ވަނީ އަލުން ފަށައިފައެވެ.