 
										
			ވެރިކަން ބަދަލުވުމުގެ މަރުޚަލާގައި، "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް"އަށް ބޭނުންވާނެ މަޢުލޫމާތުތައް ސަރުކާރުގެ މުވައްސަސާތަކުން އެއްކޮށްފައި ބެހެއްޓުމަށާއި، ބޭނުންވެއްޖެ ޙާލަތުގައި އެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މުވައްސަސާތަކަށް އަންގަވައިފިއެވެ.  
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ދެންނެވުމެއްގައި ވަނީ، ވެރިކަން ބަދަލުވުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށާއި، މަސައްކަތްތަކަށާއި، ސަރުކާރުގެ އިދާރާތަކުގެ އިސް މަޤާމުތަކަށް އަތުވެދާނެ ބަދަލުތަކަކަށް ތައްޔާރުވުމުގެ ގޮތުން މަސައްކަތްތަކެއް ކުރަންވަން އަންގާފައެވެ. 
އެގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ ފަރާތްތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ މިންވަރު ނުވަތަ މަސައްކަތްތަކުގެ ސްޓޭޓަސް އެނގޭނޭ ލިޔުންތައް ތައްޔާރުކުރުމަށް ވަނީ އަންގަވާފައެވެ.
		
 
										
			މައިގަނޑު 14 ކަމަކާއި ގުޅޭ މަޢުލޫމާތު އެއްކުރުމަށް އިދާރާތަކާއި މުވައްސަސާތަކަށް މި ދެންނެވުމުގައި ވަނީ އަންގަވާފައެވެ. މީގެތެރޭގައި އިދާރީ އޮނިގަނޑާއި، މިނިސްޓްރީތަކުގެ ދާއިރާގެ ބަޖެޓުގެ ތަފްޞީލާއި، ދާއިރާގެ ޤާނޫނާއި ގަވާއިދުތަކާއި، ޚިދުމަތްތަކުގެ ތަފްޞީލު ހިމެނެއެވެ. 
ބޭނުންކުރާ ސޮފްޓްވެއަރތަކުގެ ލިސްޓާއި، އެކިއެކި މަޝްރޫޢުތަކާއި މުޢާހަދާތަކުގެ އެއްބަސްވުންތަކާއި އަދި އެ މަސައްކަތްތައް ރޭވިފައިވާގޮތާއި ކުރިއަށް ގޮސްފައިވާ މިންވަރުގެ ތަފްޞީލު ރިޕޯޓް އެކުލަވާލުންވެސް މީގެ ތެރޭގައި ހިމެނެއެވެ.  
މީގެއިތުރުން ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކޮށްފައިވާ ދާއިރާތަކާއި، އެމީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓްވެސް ތައްޔާރުކުރަން ވަނީ އަންގަވާފައެވެ. 
އެކި ދާއިރާތަކުގައި ހިންގުމުގެ މަސައްކަތްތަކުގައި، ޤާނޫނީގޮތުންނާއި މާލީގޮތުންނާއި އަދި އިދާރީ ގޮތުން ހުރި ގޮންޖެހުންތަކުގެ މަޢުލޫމާތު ހިމެނުމަށްވެސް އިދާރާތަކަށް އަންގަވާފައިވެއެވެ.  
މީގެއިތުރުން ދަޢުލަތުގެ ބަޖެޓުގެ ތަފްޞީލްތައް އެއްކުރުމަށް، މިނިސްޓްރީ އޮފް ފިނޭންސްއަށް ރައީސް ވަނީ އަންގަވާފައެވެ.
		
 
										
			މި މަޢުލޫމާތުތައް އެއްކޮށް، ޙިއްސާކުރަންވާނީ އެ އިދާރާއެއްގެ ވެރިޔާގެ ބެލުމުގެ ދަށުންކަމަށް މި ދެންނެވުމުގައިވެއެވެ. ސަރުކާރުގެ އިދާރާތަކުން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔެކިޔުން ފޮނުވަންވާނީ "ގަވަރންމަންޓް އީ- ލެޓަރ މެނެޖްމަންޓް ސިސްޓަމް" މެދުވެރިކޮށެވެ.
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެއިން މައުލޫމާތެއް ފޮނުއްވާނީ، އެކަމަށް އެދި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިޓީއަކުން އެ އިދާރާއަކަށް ހުށަހެޅުމުންކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. ކަމެއް ހަމަޖެއްސުމާބެހޭ ގޮތުން ސުވާލު އުފެދޭ ހާލަތެއް އަތުވެއްޖެނަމަ، ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ވިލަރެސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅުއްވާފައިވާ ފަރާތާ މަޝްވަރާކުރެއްވުމަށް މި އެންގެވުމުގައިވެއެވެ. 
މި މަސައްކަތަކީ ސަރުކާރުގެ އިދާރާތައް ހިންގުމަށް ބުރޫ ނާރާނެ ގޮތެއްގެ މަތީން، އަދި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ ގޮތެއްގެ މަތީން، ވެރިކަން ނަޤުލު ކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރައްވަން އަންގަވާފައިވާ މަސައްކަތެކެވެ.