ޚަބަރު

ޖަޕާނުގައި މާސްޓަރސްއަށް ކިޔެވުމުގެ ފުރުޞަތު ލިބޭ ސްކޮލާޝިޕަށް ހުޅުވާލައިފި


  • މާސްޓަރސް ޑިގްރީގެ 6 ސްކޮލަރޝިޕް

  • ކެންޑީޑޭޓުން ހޮވާނީ ޖޭޑީއެސްއިން

  • ހުރިހާ ޚަރަދެއް ހަމަޖައްސައިދޭނީ ޖޭޑީއެސްއިން

ޖަޕާނު ސަރުކާރުން ދޭ، ޖަޕަނީޒް ގްރޭންޓް އެއިޑް، ޖޭ.ޑީ.އެސް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ، ޖޭ.ޑީ.އެސްގެ ފަރާތުން ރާއްޖެއަށް މާސްޓަރސް ޑިގްރީގެ 6 ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. މިސްކޮލަރޝިޕްތަކަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ޖޭ.ޑީ.އެސްގެ ފަރާތުންނެވެ. އަދި މިސްކޮލަރޝިޕަށް ހޮވޭ ކެންޑިޑޭޓުންގެ ކޯހުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދޭނީ ޖޭ.ޑީ.އެސްގެ ފަރާތުންކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

2020 ވަނަ އަހަރު ޖަޕާނު ސަރުކާރުން ފެށި މި ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 16 ދަރިވަރެއް ވަނީ ޖަޕާނަށް ކިޔަވަން ފޮނުވާފައެވެ.

މި ސްކޮލާޝިޕުގެ ދަށުން މާސްޓާސް ޑިގްރީއަށް ހުޅުވާލާފައި ވަނީ ޔުނިވަރސިޓީ އޮފް ސުކުބާއިން މާސްޓާސް ޕްރޮގްރާމް އިން އެންވަޔަރަމަންޓަލް ސައިންސަސާއި، ނެޝަނަލް ގްރެޖުއޭޓް އިންސްޓިޓިއުޓް ފޯ ޕޮލިސީ ސްޓަޑީސް އިން މާސްޓާސް އޮފް ޕަބްލިކް ޕޮލިސީ ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަނުންނެވެ. އަދި ރިޓްސުމެއިކަން ޔުނިވަރސިޓީއިން މާސްޓާސް އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސް ކިޔެވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލައިފައެވެ.

މި ސްކޮލަރޝިޕްގެ ކޯސްތަކާބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުންނާއި، ޖޭ.ޑީ.އެސް ސްކޮލަރޝިޕް ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހެވެ.

މި ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމް.ކިޔު.އޭއިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން އެދެއެވެ.