ޚަބަރު

ރިޔާސީ އިންތިޚާބާއި ގުޅޭ 52 މައްސަލައެއް އޭސީސީންދަނީ ބަލަމުން


  • އިންތިޚާބާއި ގުޅޭ ޖުމްލަ 97 މައްސަލައެއް އޭސީސީއަށްވަނީ ހުށައަޅާފައި

  • 52 މައްސަލައެއް ދަނީ ބަލަމުން

  • ޕާޓީތަކާއި ކޮމްޕްލަޔަންސް ބިއުރޯއާއި އަމިއްލަ މީހުން ހުށަހެޅި މައްސަލަވެސް ހިމެނޭ

ރިޔާސީ އިންތިޚާބާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 52 މައްސަލައެއް ބަލަމުން އަންނަ ކަމަށް އެކޮމިޝަނުން ހާމަކުރައްވައިފިއެވެ. ކޮމިޝަނުން ވިދާޅުވީ އިންތިޚާބާ ގުޅިގެން މިހާތަނަށް 97 މައްސަލައެއް އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބަކީ މިނިވަންކަމާއެކު ދެފުށް ފެންނަ ގޮތަށް ކުރިޔަށްދާ ސުލްހަވެރި އިންތިޚާބަކަށް ހެދުމަށް ދައުލަތުގެ ކަމާއި ގުޅޭ ހުރިހާ މުވައްސަސާއަކުންވަނީ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އިންތިޚާބާއި ގުޅިގެން އެކި ފަރާތްތަކުންވަނީ ތަފާތު އެކި މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފައެވެ. މިގޮތުން މިހާތަނަށް 97 މައްސަލައެއް ހުށައަޅާފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

އިންތިޚާބާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީތަކުން ހުށައަޅާފައިވާ 3 މައްސަލައަކާއި، ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއިން ހުށައަޅާފައިވާ 5 މައްސަލައަކާއި، އަމިއްލަ ފަރުދުންގެ ފަރާތުން ހުށައަޅާފައިވާ 27 މައްސަލައެކެވެ. މީގެއިތުރުން ދައުލަތުގެ އިދާރާތަކުން ހުށައަޅާފައިވާ މައްސަލައަކާއި ކާކުކަން ނޭނގޭގޮތަށް ހުށައަޅާފައިވާ 61 މައްސަލައެއް ލިބިފައިވާކަމަށް އޭސީސީން ވިދާޅުވެއެވެ. މީގެތެރޭގައި އެއްކަމަކާ ގުޅޭ ޝަކުވާތައް ތަކުރާރުކޮށް ހުށައަޅާފައިވާ ކަމަށް އޭސީސީން ވިދާޅުވެއެވެ. އެގޮތުން ބެލުމަށްފަހު މީގެތެރެއިން 52 މައްސަލައެއް ރަޖިސްޓަރކޮށް ބަލަމުންދާކަމަށް އޭސީސީން ވިދާޅުވެއެވެ.

ރަޖިސްޓްރީކޮށްގެން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި އިންތިޚާބުގައި ރިޝްވަތު ދިންކަމުގެ 36 މައްސަލައާއި، ނުފޫޒު ފޯރުވިކަމުގެ 11 މައްސަލައެއްގެ އިތުރުން ދައުލަތުގެ ވަޞީލަތްތައް ބޭނުންކުރުމުގެ 5 މައްސަލައެއް ހިމެނޭކަމަށް އޭސީސީން ހާމަކުރައްވައެވެ.

އޭސީސީން މިމައްސަލަތައް ބަލަމުންދާކަމަށް ވިދާޅުވެފައިވާއިރު އެއްވެސް މައްސަލައަކާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކުރައްވާފައެއްނުވެއެވެ. އިންތިޚާބަކީ ނަޒާޙާތްތެރި ދެފުށް ފެންނަ އިންތިޚާބަކަށް ހެދުމަށްޓަކައި ޤާނޫނީ ބާރާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޒިންމާ އެންޓި ކޮރަޕްޝަން ކޮމިޝަނުން އުފުލަންޖެހެއެވެ. އެހެންކަމުން އިންތިޚާބާއި ގުޅޭގޮތުން ހުށައެޅޭ މައްސަލަތައް ބަލާ ދިރާސާކޮށް އެފަދަކަންކަން ނުހިނގާނެ ގޮތްތަކާއި ގުޅޭގޮތުން ކަމާއި ބެހޭ މުއައްސަސާތަކަށް އިރުޝާދު ދެއްވުމާއި، ފިޔަވަޅު އަޅަންޖެހޭ ހާލަތުގައި ފިޔަވަޅު އެޅުމުގެ ފުރިހަމަ ބާރުވެސް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލިބިގެންވެއެވެ.

އެގޮތުން ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުން އިންތިޚާބުގައި ޚަރަދުކުރުމަށް ފައިސާ ހޯދާގޮތާއި ހޭދަކުރާގޮތާއި، ކެމްޕޭންކުރުމާއި ކެމްޕޭނުގައި ދައުލަތުގެ މުވައްޒަފުން ޙަރަކާތްތެރިވާގޮތާއި، ދައުލަތުގެ މުދަލާއި ވަޞީލަތް ބޭނުންކުރާގޮތް ބަލަންޖެހެއެވެ. އަދި ރިޝްވަތު ދިނުމާއި ވޯޓު ގަތުމަކީ ކަނޑައެޅިގެން މަނާކަމަކަށްވާއިރު މިފަދަ ކަންކަން ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ އޭސީސީގެ ޒިންމާއެއް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.