ޚަބަރު

ނިޒާމީ ވޯޓު މަޑުޖައްސާލައި، ޑރ. މުޢިއްޒަށް އެއްބާރުލުން ދެއްވަން މަޖިލީހުން ނިންމަވައިފި


  • ހުވާ ކުރެއްވުމަށް މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް

  • މިވަގުތު ނިޒާމުގެ ވޯޓު މަޑުޖައްސާލަން ވަނީ ނިންމާފަ

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށްޓަކައި ނިޒާމީ ވޯޓު ނެގުމަށް ކުރަމުންދިޔަ މަސައްކަތް މަޑުޖައްސާލައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް އެއްބާރުލުން ދެއްވަން ރައްޔިތުންގެ މަޖިލީހުން ނިންމަވައިފިއެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކާއި ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޑރ. މުއިއްޒު ހުވާ ކުރެއްވުމާއި، ސަރުކާރާއި ހަވާލުވުމުގެ އެންމެހާ ކަންކަން ވީހާވެސް އަމާން ކަމާއިއެކު ކުރިއަށް ގެންދިއުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާނެކަށެވެ.

"އެބައްދަލުވުގައި އަޅުގަނޑު ޑރ. މުއިއްޒަށް ޔަގީންކަން އެރުވިން ރައްޔިތުންގެ މަޖިލީހުން އެބޭފުޅާގެ ހުވާ ކުރެއްވުމާއި އަދި ސަރުކާރު ފަށާ ގަތުމާއި ގުޅޭގޮތުން ކޮށްދޭންޖެހޭ ކަންކަމަށް، މިމަޖިލީހުގެ ތަރުތީބު ތަކުގެ ތެރެއިން އަޅުގަނޑުމެން އެއްބާރުލުން ދެމުން ގެންދާނެކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމުގެ ވޯޓާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން މިހާރު އެވޯޓު ނެގުމަށް އެކަމަށް ވަކާލާތު ކުރާ ޑިމޮކްރެޓްސްގެ މެމްބަރުންވެސް ބޭނުން ނުވާކަމަށް ދެންނެވި ކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ. މަޖިލިސް ރައީސް ވިދާޅުވީ މިކަމުގައި މިވަގުތު ވޯޓަށް ނޭހި ނަމަވެސް ފަހުން އެވޯޓު ނެގިދާނެކަމަށް ޑރ. މުއިއްޒުވެސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ދެންނެވިން މިހާރު އަޅުގަނޑު ވެސް އެ ވޯޓަށް އެދުނު ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން ވެސް އެދެނީ އެ މަސައްކަތް މިވަގުތު ނުކުރުމަށޭ. ޑިމޮކްރެޓިކް ޕާޓިން އެދެނީ ޑރ. މުއިއްޒުގެ ސަރުކާރު އެކުލަވާލެވި، އެ ސަރުކާރުން ރިޔާސީ ނިޒާމުގައި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާ ވެރިކަމުގެ ހުވާ ކުރައްވާނީ އަންނަ މަހުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ސިޔާސީ ޕާޓީތަކުގެ ތެރެއިން ހަމައެކަނި ތާއީދު ކުރާ ޕާޓީއަކީ ޑިމޮކްރެޓްސްއެވެ. އެހެން ހުރިހާ ޕާޓީތަކާއި ލީޑަރުންވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާކަމަށް ވިދާޅުވެފައެވެ.