ޚަބަރު

އިންތިޚާބީ ނާއިބު ރައީސް ޕީއެންސީއާ ގުޅިވަޑައިގެންފިކަން މަޖިލީހަށް އަންގަވައިފި


  • އިންތިޚާބީ ނައިބު ރައީސް ޕީއެންސީއާ ގުޅިވަޑައިގެންނެވީ ޕީޕީއެމްގައި ހުންނެވުމަށްފަހު

  • މިހާރު ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 4

  • މަޖިލީހުގެ ރައީސް ވަނީ އިންތިޚާބީ ރައީސާއި ނާއިބު ރައީސަށް މަރުޙަބާ ވިދާޅުވެފައި

އިންތިޚާބީ ނާއިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަޠީފް ޕީއެންސީއަށް ސޮއިކުރައްވައިފައިވާކަން ރަސްމީކޮށް ރައޔްިތުންގެ މަޖިލީހަށް އަންގަވައިފިއެވެ.

ޙުސައިން މުޙައްމަދު ލަޠީފް ނާއިބް ރައީސްކަމުގެ މަޤާމަށް ވާދަކުރެއްވުމާ ހަމައަށް މަޖިލީހުގައި ތަމްސީލްކުރައްވަމުން ގެންދެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައެވެ. ނަމަވެސް ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން އެޕާޓީގެ ނަމުގައި ރިޔާސީ އިންތިޚާބަށް ވާދަކުރެވޭނީ ޕީއެންސީގެ މެމްބަރަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އިންތިޚާބުވެފައިވާ ނާއިބު ރައީސް ޕާޓީ ބަދަލުކުރައްވާފައިވާކަން މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ. ޕާޓީ ބަދަލުކުރައްވަމުން މަޖިލީހަށް ކަރުދާސް ޑޮކިއުމެންޓް ހުށަހަޅުއްވާފައިވާ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ވެސް ލިޔެކިޔުންތައް މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

މި ބަދަލާއެކު މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ މެމްބަރުންގެ އަދަދު ވަނީ 4 އަށް އަރާފައެވެ. މަޖިލީހުގެ ރައީސް ވަނީ މެމްބަރު ޙުސައިން މުޙައްމަދު ލަޠީފް ނައިބް ރައީސްކަމުގެ މަޤާމަށް އިންތިޚާބު ވެފައިވާތީ މަރުޙަބާ ވިދާޅުވެފައެވެ. އަދި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް ވެސް ރައީސް ނަޝީދު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު ބޭއްވެވި ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކުރައްވައި ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ވަނީ %54.04 ވޯޓުން އިންތިޚާބު ކާމިޔާބުކުރައްވައިފައެވެ. މިއިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާއަށް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ %45.96 ވޯޓެވެ.