ޚަބަރު

ދެވަނަ ބުރުގެ އިންތިޒާމުތައް ފުރިހަމަ، ބޭއްވީ މިނިވަން އިންތިޚާބެއް: އެޗްއާރުސީއެމް


  • ރައްޔިތުންގެ ބައިވެރިވުމާއެކު ބޭއްވި ވަރަށް ފުރިހަމަ އިންތިޚާބެއް

  • ގިނަ ކަންކަން އީސީއިންވަނީ ރަނގަޅުކޮށްފައި

  • ބޮޑެތި މައްސަލައެއް ނުފެނޭ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކީ، މިނިވަން ދެފުށްފެންނަ އަދި ދިމުގްރާތީ އުސޫލުތަކާއި އެއްގޮތަށް ރައްޔިތުންގެ ބައިވެރިވުމާއެކު ބާއްވާފައިވާ ފުރިހަމަ އިންތިޚާބެއްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން އެޗްއާރްސީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކޮމިޝަންގެ ރައީސާ މަރްޔަމް މުނާ ވިދާޅުވީ، އިންތިޚާބުގެ ފުރަތަމަ ބުރާ އަޅާބަލާއިރު، ގިނަ ކަންތައްތަކެއް އިލެކްޝަންސް ކޮމިޝަނުން ރަނގަޅުކޮށްފައިވާކަމަށެވެ. އެގޮތުން ވޯޓުލާ މަރުކަޒްތަކުގައި ޙަރަކާތްތެރިވި އޮފިޝަލުންގެ ޢަދަދު އިތުރުކޮށް ވޯޓްލާން ދާ މީހުންނަށް ފަސޭހަކުރު އިތުރުން އިދާރީ މަސައްކަތްތައްވެސް ކުރިއަށްވުރެ ފުރިހަމައަށް ދިޔަކަން މުނާ ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިން 8 އޮފިޝަލުން ހަރަކާތްތެރިވި މަރުކަޒުތަކުގައި އޮފިޘަލުންގެ ޢަދަދު 11 އަށް އިތުރުކޮށްފައިވާކަންވެސް މުނާ ފާހަގަކުރެއްވިއެވެ.

އެޗްއާރުސީއެމްގެ ރައީސާ ވިދާޅުވީ، ފުރަތަމަ ބުރަށްވުރެ މިބުރުގެ އިންތިޒާމްތައް ހުރީ ފުރިހަމައަށްކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ވޯޓްލެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ވޯޓްލާ ގަޑި އިތުރުކުރެވުމަކީވެސް ގެނެވުނު ރަނގަޅު ބަދަލެއްގެ ގޮތުގައި މުނާ ފާހަގަކުރެއްވިއެވެ.

"ވޯޓަރސް ޓާރންއައުޓް ރަނގަޅުވުމުގައި ވަގުތަށް ގެނެވުނު ބަދަލު އަޅުގަނޑުމެން ފާހަގަކުރަން. އެގޮތުން ވަރަށް ބޮޑަށް ފާހަގަވި ހަވީރު ގިނަ ބަޔަކު ވޯޓްލުމަށް ނިކުތްކަން. ހަމައެއާއެކީ ބާތިލު ވޯޓް މަދުކުރުމަށް މަރުކަޒުގައި ޙަރަކާތްތެރިވާ އޮފިޝަލުންނަށް ދެވުނު ތަމްރީންގެ ހެޔޮ ބަދަލުވެސް އަޅުގަނޑުމެނަށް ވަރަށް ފާހަގަކުރެވުނު." މުނާ ވިދާޅުވިއެވެ.

މުނާ ވަނީ ވޯޓުލާ ބޫތުތަކަށްވެސް އިލެކްޝަންސް ކޮމިޝަނުން ގެނައި ބަދަލުވެސް ފާހަގަކުރައްވާފައެވެ. އޭގެ ސަބަބުން ވޯޓުގެ ސިއްރުކަން ކަށަވަރުވެގެންދިޔަކަމަށް މުނާ ވިދާޅުވިއެވެ. މުނާ ވިދާޅުވީ ފުރަތަމަ ބުރުގައި ގަޑިއަށް 63 މަރުކަޒެއްގައި ވޯޓުލާން ނުފެށި ދިޔަނަމަވެސް މިބުރުގައި ހުރިހާ ފޮއްޓެއްގައިވެސް ގަޑިއަށް ވޯޓްލާ ފެށި ގަޑިއަށް ވޯޓްލުން ނިމުނުކަން ފާހަގަކުރެވުނުކަމަށެވެ. އަދި މައްސަލަ ތަކާއި ގުޅިގެން ފުލުހުން ޙަރަކާތްތެރިވާން ޖެހުނު ނިސްބަތް މަދުކަން އެޗްއާރްސީއެމްއިން ފާހަގަކުރައްވައެވެ.

"ޖުމްލަ ގޮތެއްގައި ފުރަތަމަ ބުރަށްވުރެ ދެވަނަ ބުރުގެ އިންތިޒާމްތައް ހުރީ ރަނގަޅަށް. ސިޔާސީ އެކި ޕާޓީތަކުން އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ އޮބްޒާވަރުން ބައިވެރިވެފައިވާއިރު، މީޑިއާތަކުންނާއި އިންޓަރނޭޝަލް އޮބްޒާވަރުން މިފަހަރު ވޯޓު ފޮށިތައް ކައިރީ ޙަރަކާތްތެރިވީ މިންވަރުވަނީ އިތުރުވެފައި." މުނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ބައެއް ފޮށިތައް ކައިރީ ޙަރަކާތްތެރިވަމުންދިޔަ އޮބްޒާވަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ސުލޫކީ މިންގަނޑު ހުރީ ހުންނަންޖެހޭގޮތަށް ނޫންކަމަށް މުނާ ވިދާޅުވިއެވެ. އެގޮތުން ކައިރިން ފޮޓޯ ނެގުމާއި، އަޑުގަދަކޮށް ވޯޓްލާ މަރުކްޒުގައި ޙަރަކާތްތެރިވުން މުނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ވޯޓްލާ ސަރަޙައްދުގައި ބައެއް ފަރާތްތަކުން ކެމްޕޭންކުރުމުގެ ގޮތުން މީހުންނާއި ބައްދަލުކޮށް ވާހަކަދައްކާފައިވާކަން އެޗްއާރްސީއެމުން ވަނީ ފާހަގަކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެޗްއާރްސީއެމްގެ ފަރާތުންވަނީ ޖުމްލަ 181 މަރުކަޒެއް އޮބްޒާވްކޮށްފައެވެ. އެއީ މާލެ ސަރަޙައްދުން 106 ފޮށްޓަކާއި 18 އަތޮޅަކުން 31 ރަށުގެ 70 ފޮށި އެކޮމިޝަނުންވަނީ އޮބްޒާވްކޮށްފައެވެ. އަދި 2 ޖަލަކާއި 2 ރިސޯޓެއްގައިވެސް އޮބްޒާވްކުރުމަށް ވަނީ ޙަރަކާތްތެރިވެފައެވެ.