ޚަބަރު

އިންތިޚާބީ ރައީސް ޑރ. މުޢިއްޒަށް އިންޑިއާގެ ބޮޑުވަޒީރު މަރުޙަބާ ދަންނަވައިފި


  • ޑރ. މުޢިއްޒު އިންތިޚާބު ކާމިޔާބުކުރެއްވީ %54.04 ވޯޓާއެކު

  • އިންތިޚާބީ ރައީސް އިންޑިއާގެ ބޮޑުވަޒީރު ތަހުނިޔާ ވިދާޅުވި

  • ރާއްޖެއާއެކު ގާތްގުޅުމެއް ބާއްވާނެކަމުގެ ޔަޤީންކަން މޯދީ ދެއްވި

ރިޔާސީ އިންތިޚާބު 2023 ކާމިޔާބުކުރެއްވި ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަރުޙަބާ ދަންނަވައިފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އެމް.ޕީ.ގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވާ ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ވަނީ ބޮޑުތަނުން ކުރި ހޯއްދަވާ، މި އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. އެގޮތުން އިންތިޚާބުގެ %54.04 ވޯޓު ޑރ. މުޢިއްޒަށް ވަނީ ލިބިވަޑައިގެންފައެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގަތީ %45.96 ވޯޓެވެ.

ޕީ.ޕީ.އެމް ޕީ.އެން.ސީގެ މި ކާމިޔާބީ ފާހަގަކޮށް ޑރ. މުޢިއްޒާއި އެމަނިކުފާނުގެ ޓީމަށް އެކި ފަރާތްތަކުން އަންނަނީ ތަޙުނިޔާއާއި މުބާރިކްބާދީ ދަންނަވަމުންނެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ ދަންނަވާފައެވެ.

ޑރ. މުޢިއްޒަށް ތަހުނިޔާ ވިދާޅުވެ ބޮޑުވަޒީރު މޯދީ ކުރެއްވި ޓުވީޓުގައި އިންޑިއާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެ ޤައުމުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އިންޑިއާއިން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް މޯދީ ވިދާޅުވިއެވެ.


އިންޑިއާގެ އިތުރުން ޗައިނާއިންވެސް ޑރ. މުޙައްމަދު މުޢިއްޒަށް ވަނީ މަރުޙަބާ ދަންނަވާފައެވެ. އެގޮތުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލިޖިން ވަނީ ޑރ. މުޢިއްޒަށް ތަހުނިޔާ ވިދާޅުވެ ޓުވީޓްކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުން ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ހޯއްދެވި ފުރިހަމަ ކާމިޔާބީ ފާހަގަކުރައްވާ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އިސްބޭފުޅުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން، ކެބިނެޓް ވަޒީރުންނާއި، ސިޔާސީ ޕާޓީތަކުން އަންނަނީ ޑރ. މުޙައްމަދު މުޢިއްޒަށް މަރުހަބާ ދަންނަވަމުންނެވެ.

މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ކުރީގެ އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ރައީސް ޑރ. މުޙަންމަދު ވަޙީދު ޙަސަން ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ކުންފުނިތަކާއި، ގިނަ އަދަދެއްގެ އާއްމުންވެސް އަންނަނީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތަހުނިޔާ ވިދާޅުވެ، ސޯޝަލް މީޑިއާގައި ޕޯސްޓްކުރަމުންނެވެ.