މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އޮބްޒަރވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 12،083 ފަރާތަކުން ހަރަކާތްތެރިވާނެ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. މިއީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހަރަކާތްތެރިވި މީހުންނަށްވުރެ 3012 މީހުން އިތުރު އަދަދެކެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮބްޒަރވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވީ 9،071 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އޮބްޒަރވަރުންގެ ގޮތުގައި ހަރަކާތްތެރިވި 3428 މީހުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވި 3836 މީހުންނާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވި 1807 މީހުންނެވެ.
ނަމަވެސް މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އޮބްޒަރވަރުންނާއި މޮނިޓަރުންނާއި މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ އަދަދު މިވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.
* އޮބްޒަރވަރުން 4،194
* މޮނިޓަރުން 5،925
* ކެންޑިޑޭޓުންގެ މަންދޫބުން 1،964
މީގެ އިތުރަށް، އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ އަދަދުވެސްވަނީ އިތުރުވެފައެވެ. އެގޮތުން އިންތިޚާބުގެ ދެވަނަ ބުރުގައި އޮފިޝަލުންގެ ގޮތުގައި 5429 މީހުން ހަރަކާތްތެތިވާއިރު ފުރަތަމަ ބުރުގައި ހަރަކާތްތެރިވެފައިވަނީ 4،968 އޮފިޝަލުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވީ، ވޯޓުލާ ސަރަހައްދުތަކަށް ފޮނުވުމަށް ހަމަޖެހިފައިވާ އޮފިޝަލުން މިހާރު އެރަށްރަށަށް ފޮނުވާފައިވާ ކަމަށެވެ. އަދި މާލޭ ސަރަހައްދުން އޮފިޝަލުންނާއި، ނުފޮނުވިވާ 4 ރަށަށްވެސް މިއަދު ހެނދުނު 8:00 ގައި އޮފިޝަލުން ފުރާފައިވާ ކަމަށެވެ. ހަބީބު ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ފާހަގަކުރެވުނު ކަންކަމަށް ބަލައި، އޮފިޝަލުންނަށް އިތުރަށް ދޭންޖެހޭ ތަމްރީނުތައްވެސް ދެއްވާފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 282،804 ފަރާތަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ. އަދި ޖުމްލަ 586 ވޯޓު ފޮށި ބެހެއްޓުމަށްވަނީ ނިންމާފައެވެ.