ޚަބަރު

މިއީ މުސްތަޤްބަލު ބައްޓަންކުރަން ލިބޭ ފުރުޞަތެއް، އެ ހައްގު އަދާކުރައްވާ: އެޗްއާރުސީއެމް


  • މިއީ ޤައުމުގެ މުސްތަޤްބަލު ބައްޓަންކުރާނެ ވޯޓުކަމަށް

  • ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި

  • އެޗްއާރުސީއެމްގެ ފަރާތުން ޖުމްލަ 187 ފޮށި އޮބްޒާވްކުރާނެ

  • 102 އޮބްޒަރވަރުން ހަރަކާތްތެރިވާނެ

ވޯޓަކީ ރާއްޖޭގެ މުސްތަޤުބަލު ބައްޓަން ކުރުމަށް، ލިބޭ ފުރުޞަތެއްކަމަށާއި، އެ ޙައްޤު ފުރިހަމަ ގޮތުގައި ހުރިހާ އެންމެންވެސް ބޭނުންކުރުމަށް އެޗްއާރުސީއެމްއިން ގޮވާލައްވައިފިއެވެ. އެކޮމިޝަނުން ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ގިނަ އަދަދެއްގެ ބަޔަކު، ވޯޓުލުމުގެ ޙައްޤު އަދާ ކުރުމަށްވެސް އެދިވަޑައިގެންފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެޗްއާރުސީއެމްގެ ރައީސާ މަރްޔަމް މުނާ ވިދާޅުވީ ފުރަތަމަ ބުރުގެ ވޯޓުލުމުގައި، އެންމެ މުހިންމު އެއްކަމަކަށް ފާހަގަވީ ބައެއް މަރުކަޒުތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރު ނުވުންކަމަށެވެ. އެކަން އެގޮތަށް ދިމާވީ، ވޯޓުލާ ބޫތު ހުންނަ ގޮތުން، ވޯޓުލާ މީހާގެ ފަހަތުން ވޯޓުލާތަން އޮފިޝަލުންނަށް ފެންނަ ގޮތަށް ހުރުމުންކަމަށް މުނާ ވިދާޅުވިއެވެ.

މުނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މި މައްސަލައަށް ޙައްލު ގެނެސްދެއްވާނެކަމަށް އިލްކްޝަންސް ކޮމިޝަނުން ފާހަގަކުރައްވާފައިވާކަމަށެވެ. އެގޮތުން، ވޯޓުގެ ސިއްރުކަން ކަށަވަރު ކުރުމަށްޓަކައި ވޯޓުލާ ބޫތުތަކަށް ބަދަލުތަކެއް އީސީން ގެންނަވާފައިވާކަން މުނާ ފާހަގަކުރެއްވިއެވެ.

"އީސީން އެންމެފަހުން ބޭއްވި އެޑްވައިސަރީ ކޮމެޓީގައި، އަޅުގަނޑުމެން (ވޯޓުގެ ސިއްރުކަން ކަށަވަރު ނުވާކަމުގެ މައްސަލަ) ފާހަގަކުރީމަ، ވިދާޅުވެފައި އެބަވޭ، ކުޑަކޮށް އަބުރާގެންވެސް ވޯޓުގެ ސިއްރުކަން ކަށަވަރުވާނެގޮތަށް، އެކަން ކޮށްދެއްވާނެކަމަށް. އޭގެ އިތުރަށް، ވޯޓިންގ ބޫތައްވެސް މިހާރު ވަނީ ކުޑަ ބަދަލެއް ގެނެސްފައި. އެއީ ވޯޓުލާ ބޫތުގެ އެތެރޭގައި ކުޑަ ތަންކޮޅެއް ކަފާލާފައި، އެތެރެއަށް މީހާ ވަދެފައި ވޯޓު ލީމަ، (ވޯޓުލާ މީހާ) އަރިމަތިން އެ ފެންނަ ފެނުން، އެބަ ދައްވޭ." މުނާ ވިދާޅުވިއެވެ.

އިންތިޚާބުގެ ދެވަނަ ބުރަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މުނާ ވިދާޅުވީ މާލޭ ސަރަހައްދުގައި 109 ފޮށި އެ ކޮމިޝަނުން އޮބްޒަރވް ކުރައްވާނެކަމަށެވެ. އަދި އަތޮޅުތެރޭގެ 78 ފޮށްޓާއެކު ޖުމްލަ 187 ފޮށި އެޗްއާރުސީއެމްއިން އޮބްޒަރވް ކުރައްވާނެކަމަށް މުނާ ވިދާޅުވިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ނުވަތަ އެޗްއާރުސީއެމްއަކީ ރާއްޖޭގެ ޤާނޫނު އަސާސީގެ ދަށުން، ދައުލަތުގެ އެކި ބާރުތަކުން ރައްޔިތުންނަށް ފޯރުކޮށްދެއްޖެހޭ ޙައްޤުތައް، ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށްޓަކައި އުފައްދަވާފައިވާ މިނިވަން މުއައްސަސާއެކެވެ. އަދި މި މުއައްސަސާ، އުފެއްދުމުގެ ބޭނުމާއި އެއްގޮތަށް، މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދަނީ މިނިވަންކަމާއި، އިންސާފުވެރިކަމާއިއެކު ގައިތޯ ކަށަވަރުކުރުމަށް، އެޗްއާރުސީއެމްއިން މަސައްކަތްކުރައްވަމުން ގެންދަވާނެއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނިމުމުން، އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަންކަމުގެ، ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުގެ އިތުރަށް، ޢާންމުންނަށް ފެންނަގޮތަށް ނެރުމަށް ނިންމަވާފައިވާކަމަށް، އެޗްއާރުސީއެމް އިން ވިދާޅުވެއެވެ.