ޚަބަރު

2024 ވަނަ އަހަރު މަޖިލީހުގެ ދާއިރާތައް ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓް ޢާއްމުކޮށްފި


  • މަޖިލީހަށް އިތުރު 6 ދާއިރާއެއް އިތުރުވާނެ

  • 2024 ވަނަ އަހަރު އިންތިޚާބު ކުރަންޖެހޭ ގޮނޑީގެ ޢަދަދަކީ 93

  • މަޖިލީހުގައި މިހާރު 87 މެމްބަރުން ތިއްބަވާ

ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާގޮތުގެ ވަގުތީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން މިއަދު ޢާންމުކުރައްވައިފިއެވެ. މި ރިޕޯޓުގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރު އިންތިޚާބު ކުރަންޖެހޭ ގޮނޑީގެ ޢަދަދަކީ 93 އެކެވެ.

ރަައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ރިޕޯޓް ތައްޔާރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 72 ވަނަ މާއްދާގައިވާގޮތުންގެ މަތީންނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަައް ކަނޑައެޅުމާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާއާއި 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އެކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ މައިގަނޑު 2 އުޞޫލަކަށް ބަލައިގެންނެވެ. ފުރަތަމަ ބަލާފައިވަނީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުންގެ ގޮތުގައެވެ. އަދި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީ 5000 އަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއްގެ އުޞޫލުންނެވެ.

މިކަންކަމަށް ރިޢާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި އިންތިޚާބުކުރަންޖެހޭ ގޮނޑީގެ ޢަދަދަކީ ޖުމްލަ 93 ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިއީ މަޖިލީހުގައި މިހާރު ތިއްބެވި 87 މެންބަރުގެ ޢަދަދަށް 6 ގޮނޑީގެ އިތުރުވުމެކެވެ.

އެ ކޮމިޝަނުން އިންތިޚާބީ ދާއިރާތަކުގެ ނަންތައް ކަނޑައަޅާފައިވަނީ 31 މެއި 2023 ގެ ނިޔަލަށް ކޮންމެ ރަށެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީއަށް ބަލާ، ކޮންމެ އިންތިޚާބީ ދާއިރާއެއްގައި ހިމެނޭ ރަށްތަކުގެ ތެރެއިން އާބާދީ އެންމެ ބޮޑު ރަށެއްގެ ނަން އެދާއިރާއަކަށް ނިސްބަތްވާގޮތަށް ނަން ކިޔައިގެންނެވެ. އަދި އެއްރަށެއްގައި އެއް އިންތިޚާބީ ދާއިރާއަށްވުރެ ގިނަ ދާއިރާ ހިމެނޭނަމަ އެރަށެއްގައި ހިމެނޭ ދާއިރާތަކަކަށް ނަން ކިޔާފައިވަނީ ސަމުގާ މިސްރާބަށް ބަލައިގެންނެވެ.

2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިތުރުވާ ގޮނޑިތައް:

• މާލޭ ސިޓީ އަށް 2 ގޮނޑި: ހުޅުމާލެ މެދު ދާއިރާ، ހުޅުމާލެ އުތުރު ދާއިރާ
• އައްޑޫ ސިޓީ އަށް 1 ގޮނޑި: ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)
• މާޅޮސްމަޑުލު ދެކުނުބުރިއަށް (ބ. އަތޮޅު) 1 ގޮނޑި: ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
• މާލެ އަތޮޅަށް 1 ގޮނޑި: ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
• ހުވަދުއަތޮޅު އުތުރުބުރިއަށް (ގއ. އަތޮޅު) 1 ގޮނޑި: ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބް ވިދާޅުވީ، މި ބަދަލާއެކު، އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަނިކަމަށެވެ. އަދި ބައެއް އިންތިޚާބީ ދާއިރާތަކުގެ ނަމަށްވެސް ބަދަލު އައިސްފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން، ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނުދާއިރާއަށް، ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާ އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ބަދަލުވުން ހިމެނެއެވެ.

މަޖިލީހުގެ އިންތިޚާބުގެ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 2023 އޮކްޓޫބަރު 19 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް އިކެލްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

އެގޮތުން މި ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ 2023 ސެޕްޓެންބަރު 28 އިން 2023 އޮކްޓޫބަރު 19 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް ޝަކުވާ ހުށަހަޅޭނެއެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ޝަކުވާ ހުށަހެޅޭނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.