ޚަބަރު

އިންޓަރނޭޝަނަލް ޑްރައިވާސް ޕަރމިޓް ޕްރޮގްރާގައި ބައިވެރިވާން ހުޅުވާލައިފި


  • އިންޓަރނޭޝަނަލް ޑްރައިވަރސް ޕަރމިޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

  • މިޕަރމިޓް ދޫކުރާނީ އޭކެޓަގަރީގެ ދާއިމީ ލައިސަންސް އޮންނަ މީހުންނަށް އެކަނި

  • ޕަރމިޓް ހޯދުމަށް ހަދާ ތަމްރީންގައި ބައިވެރިވުމަށް ސިމްސް ޕޯޓަލްއިން އެދެވޭނެ

އިންޓަރނޭޝަނަލް ޑްރައިވަރސް ޕަރމިޓް ހޯދުމަށް ހަދަންޖެހޭ ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލައްވައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ވިދާޅުވީ އެއްގަމު އުޅަނދު ދުއްވުމަށް އެމިނިސްޓްރީން ދޫކުރައްވާ ލައިސަންސްތައް ބައިނަލްއަޤުވާމީގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެއްތުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. މީގެދަށުން އިންޓަރނޭޝަނަލް ޑްރައިވަރސް ޕަރމިޓް ހޯދުމަށް ފުރިހަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިކޮށް މިހާރު އެދެވޭނެކަމަށެވެ.

ޓްރާންސްޕޯޓުން ވިދާޅުވީ އިންޓަރނޭޝަނަލް ޑްރައިވަރސް ޕާމިޓް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދެވޭނީ މިނިސްޓްރީން ދޫކޮށްފައިވާ އޭޒޯނުގެ ދާއިމީ ލައިސަންސް އޮންނަ ފަރާތްތަކަށް ކަމަށެވެ. އަދި މި ހުއްދަ ދޫކުރެވޭނީ މިނިސްޓްރީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ކަމަށް މިނިސްޓްރީން ކަނޑައަޅާ މީހުންނަށް ކަމަށް ޓްރާންސްޕޯޓުން ވިދާޅުވެއެވެ.

މިގޮތުން ދޫކުރެވޭ އިންޓަރނޭޝަނަލް ޑްރައިވަރސް ޕަރމިޓަކީ ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968ގައި ބައިވެރިވެފައިވާ ޤައުމުތަކުގައި ޤަބޫލުކުރާނެ ޕަރމިޓެއް ކަމަށް ޓްރާންސްޕޯޓުން ވިދާޅުވިއެވެ.

ރާއްޖޭގައި ބޭނުންކުރާ ލައިސަންސްއަކީ ބައިނަލްއަޤުވާމީގޮތުން ޤަބޫލުކުރާއެއްޗަކަށް ހެދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދިވެހިން ޢާއްމުކޮށް ގޮސް އުޅޭ ޤައުމުތަކުގައި ރާއްޖޭގެ ޑްރައިވިންގ ލައިސަންސް ބޭނުންކުރެވޭނެހެން ސަރުކާރުންވަނީ އެޤައުމުތަކާއެކު އެއްބަސްވުން ޤާއިމުކުރައްވާފައެވެ.