ޚަބަރު

އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެފައެއް ނޯންނާނެ، އެއީ ކުރާނެކަމެއްވެސްނޫން: މުޢިއްޒު


  • މިކަމަށް ރައްދު ދެއްވީ މިހާރު ޝޯސަލް މީޑިއާގައި ފެތުރޭ ވީޑިއޯއަކާ ގުޅިގެންކަމަށް ބެލެވޭ

  • މީޙެއްގެ ޙައްގަކަށް އަރައިގަނެފައެއް ނޯންނާނެ

  • ރައްޔިތުން ތިމާ ބަލައިނުގަތުމަކީ އަނެކާގެ އަބުރުކަތިލުމެއްނޫން

އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގެންފައި ނޯންނާނެކަމަށާއި އެއީ، ކުރައްވާނެކަމެއްނޫންކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު މިހެން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަބުރަށް އެމަނިކުފާނަށް ތާއީދު ހޯދުމުގެ ގޮތުން ފުވައްމުލަކު ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުނެވެ.

އިދިކޮޅު ފަރާތްތަކުން އެމަނިކުފާނާ ގުޅުވާ ދައްކަވާ ވާހަކަތަކަށް އިޝާރާތްކުރައްވާ ޑރ. މުޢިއްޒު ވިދާޅުވީ، އެއްވެސް މީހެއްގެ ޙައްޤަކަށް ދުވަހަކުވެސް އަރައިގެންފައި ނޯންނާނެކަމަށާ އަރައިނުވެސް ގަންނާނެކަމަށެވެ. އަދި އެއްވެސް މީހަކަށް އަނިޔާއެއް ދީފައި ނޯންނާނެކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.

"މައްސަލައެއް އޮތިއްޔާ ރަސްމީ އިދާރާތަކުން ބައްލަވަންވީ. ސިޔާސީ ނުފޫޒުން އެއްކިބާވެ، އިންސާފުވެރިކަމާއި މިނިވަންކަމާއި އެކު ބައްލަވަންވީ. އެގޮތަށް ބަލައިފިނަމަ އެކަންކަމުގެ ހަގީގަތް މާރީތިކޮށް ސާފުވާނެ" ޑރ މުއިއްޒު ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގައި ބޭއްވި މި ޖަލްސާގައި އެމަނިކުފާނުގެ އަނބިކަނބަލުން ޝާޖިދާ މުޙައްމަދާ، ޕީޕީއެމް ޕީއެންސީގެ ކޯލިޝަން ޕާޓްނަރ އެމްއެންޕީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންނާ ފުވައްމުލަކު ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ބައިވެރިވެފައެވެ.