ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް ޚާއްސަ ސްކޯލަރޝިޕް ފުރުޞަތުތަކެއް


  • ޝައުގުވެރިވާ ފަރާތްތަކަށް އޮކްޓޯބަރު 5 އާއި ހަމައަށް ކުރިމަތިލެވޭނެ

  • އިނގިރޭސިވިލާތުގައި ކިޔެވުމަށްފަހު ސަރުކާރުން ކަނޑައަޅާ ތަނެއްގައި 2 އަހަރު ވަޒީފާ އަދާކުރަން ޝަރުޠުކުރެވޭ

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރުމުގެ ސްކޯލަރޝިޕަށް ކުރިމަތިލުމަށް ޓީޗަރުންނަށް ހުޅުވާލައިފިއެވެ.

ސަރުކާރުގެ ޚަރަދުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ބޭނުންވާ ފަރާތްތަކަށް ޓީޗަރސް ފޯ އިންކްލޫސިވް އެޑިޔުކޭޝަން ސްކޮލަރޝިޕް 2023 އަށް ޝައުގުވެރިވާ ފަރާތްތަކުން 'މައި އެޑިޔު' ޕޯޓަލް މެދުވެރިކޮށް މި ސްކޯލަރޝިޕަށް ކުރިމަތިލެވޭނެއެވެ. އަދި މި ފުރުޞަތު އަންނަ މަހުގެ 5 ވަނަ ދުވަހާއިހަމައަށް އޮންނާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ސްކޯލަރޝިޕްގެ ދަށުން މި ފުރުޞަތުގައި އިނގިރޭސިވިލާތުގައިި މާސްޓަރސް އޮފް އޯޓިޒަމް ކިޔެވުމަށް 4 ފުރުޞަތު އަދި މާސްޓަރސް އޮފް އެޑިޔުކޭޝަނަލް އެސިސްޓިވް ޓެކްނޮލޮޖީ ކިޔެވުމަށް 3 ފުރުޞަތު ލިބިގެންދާނެކަމަށް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއެވެ.

ހަޔަރ އެޑިއުކޭޝަނުން ވިދާޅުވީ މި ސްކޮލަރޝިޕަށް ކުރިމަތިލެވޭ ފަރާތުގެ ޝަރުޠުތަކުގެ ތެރޭގައި ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު ސަރުކާރު ސްކޫލެއްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށްފައިވާ ފަރާތެއް ކަމުގައިވާންޖެހޭނެކަމަށެވެ.


މި ސްކޮލަރޝިޕްގައި ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް ހަމަޖައްސާނީ ދިވެހި ސަރުކާރުންކަމަށް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއެވެ. އެގޮތުން ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، ބުކް އެލަވަންސް، ކޯސް ފީ، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާޗަރ އެލަވަންސް، އިންޝުއަރެންސް އަދި ވިސާ ޚަރަދު ހިމެނޭކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ހަޔަރ އެޑިއުކޭޝަނުން ވިދާޅުވީ، މިސްކޮލަރޝިޕް ސްކީމްގެ މަޤްޞަދަކީ ހުރިހާ ކުދިން ޝާމިލްކުރުމުގެ ސިޔާސަތުގެ ތެރެއިން އުނގެނުމުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އުނގަންނައިދޭ މުދައްރިސުން ތަމްރީންކޮށް ބިނާކުރުންކަމަށެވެ. އަދި ތަމްރީނު ލިބިފައިވާ މުދައްރިސުންގެ ސަބަބުން، އުނގެނުމުގައި ޚާއްޞަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ދަރިވަރުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވި ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ހުރިހާ ކުދިންނާއި މީހުން ޝާމިލްކުރާ މުޖުތަމަޢެއް ބިނާކުރުމުގެ މަޤްސަދުގައިކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވީ މިސްކޮލަރޝިޕްގެ ފުރުޞަތު ލިބޭ ކެންޑިޑޭޓުން ކިޔަވާ ނިމިގެން ރާއްޖެ އައުމުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ކަނޑައަޅާ ސްކޫލެއްގައި ނުވަތަ ތަޢުލީމުދޭ މަރުކަޒެއްގައި މަސައްކަތްކުރުމަށް ޝަރުތުކުރެވޭނެކަމަށެވެ.

ތަޢުލީމީ ދާއިރާއިން މަތީ ތަޢުލީމުގެ ފުރުސަތު ފަހިކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ދާއިރާއެކެވެ. މިގޮތުން ރާއްޖޭގައި ކިޔަވައިދޭ ޓީޗަރުންނަކީ ހުނަރުވެރި ޤާބިލް ޓީޗަރުންކަމުގައި ހަދާ ހުރިހާ ކުދިންނަށްވެސް ހަމަހަމަ އުސޫލުގެ ދަށުން ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.