ޚަބަރު

ދިޔަމިދިލީ ގަނޑުވަރު މިއުޒިއަމަކަށް ހެދުމުގެ މަސައްކަތް ބަޔަކާއި ޙަވާލުކޮށްފި


  • ތ.ދިޔަމިދިލީ ގަނޑުވަރު މިއުޒިއަމަކަށް ހެދުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޝާފު ދި ބިލްޑަރސްއާއި

  • މިމަސައްކަތް ޙަވާލުކުރީ 1.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް

  • ބަންދު ދުވަސްތައް ނުހިމެނޭހެން 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ

ތ. ދިޔަމިގިލި ގަނޑުވަރު ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާއި ޙަވާލުކޮށްފިއެވެ. ނޭޝަނަލް ސެންޓަރ ފޯރ ކަލްޗަރަލް ހެރިޓޭޖް އިން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ޝާޑު ދި ބިލްޑަރއާއެވެ.

ރާއްޖޭގެ ތާރީޚާއި ގުޅުންހުރި މުހިއްމުކަންކަން ދިރުވާ އާލާކޮށް އެކަންކަމުގެ މަޢުލޫމާތު ކުރިއަށް އޮތް ޖީލަށް އެނގޭނެހެން ޢާއްމުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މީލާދީގޮތުން 1700ގެ އަހަރުތަކުގައި ރަސްކަންކުރެއްވި ތ.ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަމުގެ އާސާރުތައް މިއުޒިއަމެއްގެ ގޮތުގައި ފެންނަން ހުންނާނެ ފަދަގޮތަކަށް އަންނަނީ ތަރައްޤީކުރަމުންނެވެ. މިމަސައްކަތް ކުރުމަށް ނޭޝަނަލް ސެންޓަރ ފޯރ ކަލްޗަރ ހެރިޓޭޖްއިންވަނީ ޝާޑު ދި ބިލްޑަރ ކިޔާކުންފުންޏަކާއި ޙަވާލުކޮށްފައެވެ.

މި މަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ 1.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މި މަސައްކަތް އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ ބަންދުދުވަސްތައް ނުހިމެނޭގޮތަށް 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މިގަނޑުވަރު ހިމެނޭ ސަރަޙައްދު މިއުޒިއަމްއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގަނޑުވަރުގެ ޢިމާރާތުގައި ކުރަންޖެހޭ ބައެއް މަރާމާތުގެ މަސައްކަތްތައްކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ވަޑާމުގެ މަސައްކަތުގެ ތެރޭގައި ދޮރުތަކުގެ މަސައްކަތްކުރުމާއި ބައެއް ފަރުނީޗަރުގެ ތެރެއިން ފޮޓޯތަކުން ފެންނަ އެހެންނަމަވެސް މިހާރު ނެތް ބައެއް އާސާރީ ތަކެއް ހަދާ ޑިސްޕްލޭކުރުމަށް ހަމަޖެހިފައިވާކަމަށް ހެރިޓޭޖުން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން ކޮމްޕައުންޑް ތެރޭގައި ކެފޭއަކާއި ސްވެނިއަރ ޝޮޕްއެއް ތަރައްޤީކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. ހެރިޓޭޖުން ވިދާޅުވީ މިމަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ، އުތީމު ގަނޑުވަރުން ޢާއްމުންނަށް ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ޢާއިލާ އަދި ދިރިއުޅުމާއިގުޅޭ މަޢުލޫމާތުތައް ލިބިގެންދާ ފަދައިން ދިޔަމިގިލީ ގަނޑުވަރާއެކު އެދަރިކޮޅުގެ ވާހަކަވެސް ޢާއްމުންނަށް ފެންނަން ހުންނާނެގޮތްހެދުންކަމަށެވެ.

ދިޔަމިގިލީ ގަނޑުވަރު ހުންނަ ގޯތީގައި ދިގުމިނުގައި 34 ފޫޓު އަދި ފުޅާމިނުގައި 30 ފޫޓު ހުރެއެވެ. މި ގަނޑުވަރު ރާނާފައިވަނީ އުވައާއި ހިރިގައު ބޭނުންކޮށްގެނެވެ. މި ގަނޑުވަރު ހުންނަނީ ރަށުގެ މެދަށްވާ ގޮތަށެވެ. ބެލެވޭގޮތުގައި މި ގަނޑުވަރަށް މިހާރު 318 އަހަރު ވެދާނެއެވެ. އަދި މި ގަނޑުވަރު ހިމެނޭ މަގަށް ދީފައިވާ ނަމަކީވެސް ގަނޑުވަރަށް ނިސްބަތްކޮށް، ގަނޑުވަރުމަގެވެ.