ޚަބަރު

މާލޭ ސަރަޙައްދުގައި ހަރަކާތްތެރިވި އޮފިޝަލުންގެ އެލަވަންސް މި ހަފްތާގައި ޖަމާވާނެ: އީސީ


  • މާލޭ ސަރަޙައްދުގައި ހަރަކާތްތެރިވި އޮފިޝަލުންގެ އެލަވަންސް މި ހަފްތާގައި ޖަމާވާނެ

  • ޓްރެއިނަރުންނާއި، ކޯޑިނޭޓަރުންނާއި، ލިއޭޒަން އޮފިސަރުންގެ އެލަވަންސް ވެސް މި ހަފްތާގައި ޖަމާވާނެ

  • އަތޮޅުތަކުގައި ހަރަކާތްތެރިވި އޮފިޝަލުންނާއި، ރިޒަރވް އޮފިޝަލުންގެ އުޖޫރަ ޖަމާކުރުމުގެ މަސައްކަތް ދަނީ ކުރަމުން

އިންތިޚާބުގެ ފުރަތަމަ ބުރުގައި މާލޭ ސަރަޙައްދުގައި ހަރަކާތްތެރިވި އޮފިޝަލުންގެ އެލަވަންސް މި ހަފްތާގައި ޖަމާވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވީ، އިންތިޚާބު ފުރަތަމަ ބުރުގެ ޓްރެއިނަރުންނާއި، ކޯޑިނޭޓަރުންނާއި، ލިއޭޒަން އޮފިސަރުންނާއި، މާލޭ ސަރަޙައްދުގެ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވި އޮފިޝަލުންނާއި ރިޒަރވް އޮފިޝަލުންގެ އެލަވަންސް މި ހަފްތާ ތެރޭގައި ލިބޭނެކަމަށެވެ. އަދި އަތޮޅުތަކުގައި ހަރަކާތްތެރިވި އޮފިޝަލުންގެ މުސާރަ ޖަމާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ޙަބީބް ވިދާޅުވިއެވެ.


އޮފިޝަލުންނަށް އެލަވަންސް ދިނުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އީސީގެ ސެކެޓްރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވީ، އިންތިޚާބުގައި ހަރަކާތްތެރިވި އޮފިޝަލުންނަށް އެލަވަންސް ދިނުމަށް ގާތްގަނޑަކަށް 18 މިލިއަނަށްވުރެ ގިނަ ފައިސާ ޚަރަދުވާނެކަމަށެވެ. އަދި 5000 ވުރެ ގިނަ އޮފިޝަލުން އިންތިޚާބުގެ ފުރަތަމަ ބުރުގައި ހަރަކާތްތެރިވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮފިޝަލުންނަށް ދެވޭ އެލަވަންސްއަށް ބަލާއިރު، ވޯޓުލާ މަރުކަޒުގެ ވެރިއެއްގެ އުޖޫރައަކީ 1500 ރުފިޔާއެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200 ރުފިޔާ އަދި ވޯޓުލާ މަރުކަޒުގެ އޮފިޝަލެއް ނަމަ 1000 ރުފިޔާއެވެ. އަދި ރިޒަރވް އޮފިޝަލުންނަށް 500 ރުފިޔާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި 574 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.