ޚަބަރު

ދިވެހިބަހުގެ އެކެޑަމީން އަދަބީ 3 މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


  • މުބާރާތްތައް އޮންނާނީ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަހުގެ ނިޔަލަށް

  • ބައިވެރިވުމަށް ލިޔެކިޔުންތައް ހުށައެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 24 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން

ދިވެހި ބަހުގެ އެކަޑަމީން ކުރިއަށްގެންދާ އަދަބީ 3 މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި އަހަރުގެ އަދަބީ ކަލަންޑަރުގައި އެ އެކެޑަމީން ކަނޑައަޅާފައިވާ މުބާރާތްތަކަކީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 38 ވަނަ ޤައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 35 ވަނަ ޤައުމީ މުބާރާތުގެ އިތުރުން ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 26 ވަނަ ޤައުމީ މުބާރާތެވެ. ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވީ މި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުން ފެށިގެން ހުޅުވާލިކަމަށެވެ.

ދިވެހިބަހުގެ އެކެޑަމީން ވިދާޅުވީ މި މުބާރާތްތައް ބެހިފައިވަނީ 4 ބަޔަކަށް ކަމަށެވެ. އެ ބައިތަކަކީ ސްކޫލުތަކުގެ ބައި، މަތީ ތަޢުލީމުގެ ބައި، އަމިއްލަ ފަރާތްތަކުގެ ބަައި އަދި އޮފީސް، ކުންފުނި، ކްލަބު، ޖަމުއިއްޔާ، ޖަމާއަތްތަކުގެ ބައެވެ. ސްކޫލުތަކުގެ ބައި ވަނީ އެކި ގިންތިތަކަށް ބަހާލާފައެވެ. އެގޮތުން، އެކި ގްރޭޑްތަކުގެ ދަރިވަރުންނަށް ބައިވެރިވެވޭނެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކީ ސްޓޭޖް 3، 4 އަދި 5 ކުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އޭގެ އިތުރުން މަތީ ތަޢުލީމު ބައިން ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ޔުނިވަރސިޓީ، ކޮލެޖް، އިންސްޓިޓިއުޓް ނުވަތަ އެކެޑަމީގެ ފަރާތުން ބައިވެރިވެވޭނެއެވެ. އަމިއްލަ ފަރާތްތަކުން ބައިވެރިވާނަމަ 18 އަހަރުން ދަށް ނުވަތަ 18 އަހަރުން މަތީގެ އުމުރުފުރާގެ ދަށުން ބައިވެރިވުމުގެ ފުރުޞަތުވެސް އޮންނާނެ ކަމަށް ދިވެހި ބަހުގެ އެކެޑަމީން ފާހަގަކުރައްވައެވެ.

މި ފަހަރު ބާއްވާ 3 އަދަބީ މުބާރާތުގެ ތެރެއިން އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 38 ވަނަ މުބާރާތާއި، ހުތްޢަލިދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 26 ވަނަ މުބާރާތް ކުރިއަށް ދާނީ އެކި ދާއިރާތަކަކުންނެވެ. އެގޮތުން މަޒުމޫނު ލިޔުމުގެ މުބާރާތުގެ ދާއިރާތަކަކީ ބަހާއި އަދަބިއްޔާތު، ޤައުމީ ލޯބި، ދިވެހިރާއްޖެ، ތާރީޚާއި ތަަަރިކަ، ބަވަނަވުން، ސައިންސާއި ފަންނިއްޔާތު، އިގްތިސާދު، އިޖުތިމާއީ ވެށި އަދި އަދުގެ ދުނިޔެއާއި ގުޅޭގޮތުންނެވެ.

ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 26 ވަނަ ޤައުމީ މުބާރާތުގައި ޅެން ހެދުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ ތާރީހާއި ތަރިކަ، ބަހާއި އަދަބިއްޔާތު، ޖަޒުބާތާއި އިހުސާސްއާއި ޝުޢޫރު، އަދުގެ ދުނިޔެ، ސައިންސާއި ފަންނިއްޔާތު، އިގުތިސާދު، އިޖުތިމާއީ ވެށި އަދި ބަވަނަވުމާއި ގުޅޭގޮތުންނެވެ.

މި ފަހަރުގެ މުބާރާތްތަކުގައި ބައިވެރިވާން ޝަޢުގުވެރިވާ ފަރާތްތަކުން ބައިވެރިވާން އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު، ފޯމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ބައިވެރިންގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯ 2023 އޮކްޓޫބަރު 24 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ދިވެހި ބަހުގެ އެކެޑަމީގެ އީމެއެިލް އެޑްރެސްއަށް މެއިލްކުރުމަށް އެ އެކެޑަމީން ވިދާޅުވެއެވެ.

މި މުބާރާތްތައް އޮންނާނީ 2023 ނޮވެންބަރު މަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަހުއެވެ. މުބާރާތްތައް އޮންނާނެ ތަނާއި ވަގުތެއް މުބާރާތުގައި ބައިވެރިވާ ސްކޫލުތަކަށް މުބާރާތް ބޭއްވުމުގެ 5 ދުވަސް ކުރިން އަންގާނެކަމަށް އެ ދިވެހިބަހުގެ އެކެޑަމީން ފާހަގަކުރައްވައެވެ.

ދިވެހީންނަކީ ދިވެހިބަހަށް އިސްކަންދީގެން ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަންނަ ބަޔަކަށްހެދުމަށާއި، ދިވެހި ބަހާއި ތާރީޚާއި ޘަޤާފަތާއި އާދަކާދައާ މެދު ފަޚުރުވެރިވެ ދިވެހިބަހާއި ތާރީޚާއި ޘަޤާފަތާއި އާދަކާދަ ރައްކާތެރިކޮށް ދިރުވައިއާލާކުރާ ބަޔަކަށް ހެދުމަށްޓަކައި ދިވެހި ބަހުގެ އެކެޑަމީން އަންނަނީ ކޮންމެ އަހަރަކުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދިވެހިބަސް ޙިމާޔަތްކޮށް، ރައްކައުތެރިކޮށް، ދިރުވައި، ދަމަހައްޓައި، ކުރިއަރުވައި މުއްސަނދިކޮށް އަންނާން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ވާސިލްކޮށްދިނުމާއެކު ދިވެހިބަހާއި ދިވެހިތާރީޚާއި ދިވެހި ސަގާފަތާބެހޭ އެންމެ އިތުބާރުހުރި އެންމެ ޞައްޙަ މަޢުލޫމާތު ލިބެންހުންނަ ޤައުމީ މުއައްސަސާއަކަށް ދިވެހި ބަހުގެ އެކެޑަމީ ހެދުމަކީ އެކެޑަމީގެ އުންމީދެވެ.