ޚަބަރު

ޢިމާރާތްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުމަށް ޚާއްސަ ސެޝަންތަކެއް


  • ސެޝަންތައް ކުރިއަށްދާނީ އޮކްޓޯބަރުން ފެށިގެން ޑިސެމްބަރަށް

  • ރަޖިސްޓްރީވުމަށް 1 އޮކްޓޯބަރާއި ހަމައަށް ފުރުޞަތު

  • ޕްރޮގްރާމު ޝެޑިއުލް މިނިސްޓްރީން ހާމަކުރައްވާނެ

ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އާމުންނާއި ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތެއް އަހުލުވެރިކުރުމުގެ ގޮތުން އޮންލައިން ޕްރޮގްރާމްތަކެއް ހިންގުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ނިންމަވައިފިއެވެ.

މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުން ފެށިގެން ޑިސެންބަރ މަހަށެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، މި ސެޝަންތަށް ކުރިއަށް ގެންދިއުމުގެ މަޤްސަދަކީ އިމާރާތްކުރުމުގެ ޤާނޫނާއި، މިޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އާމުންނާއި ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތެއް އަހުލުވެރިކުރުއްވުން ކަމަށެވެ.

މި ސެޝަންތަކުގައި އިމާރާތްކުރުމުގެ ޤާނޫނާއި، މިޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި ރަޖިސްޓަރީވެފައިވާ ހުއްދަދޫކުރާ އިދާރާތްތަކުން އިމާރާތްކުރުމުގެ މަސައްކަތާއި ގުޅުންހުރި ހުއްދަތައް ދިނުމާއި، ކުރެހުން ފާސްކުރުމާއި އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކާއި މެދު އަމަލުކުރަންވީ ގޮތްފަދަ ކަންކަމަށް އަމާޒުކޮށްގެން މައުލޫމާތު ދެވިގެންދާނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ޝަޢުގުވެރިވާ ފަރާތްތަކަށް އަންނަމަހުގެ އެކެއްގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ޕްލޭނިންގ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އޮންލައިންކޮށް އެކަމަށް ޚާއްސަ ގޫގުލް ފޯމެއް ފުރާގޮތަށެވެ.

މި ޕްރޮގްރާމުގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ތާވަލެއް މިނިސްޓަރީގެ ވެބްސައިޓް އަދި މީސްމީޑިޔާގައި ހިއްސާކުރާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޢިމާރާތްކުރުމުގެ ޤާނޫނަކީ 2017 ވަނަ އަހަރު އެކުލަވާ ޢަމަލުކުރަން ފެށުނު ޤާނޫނެކެވެ. މިއީ ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާ ތަރައްޤީކޮށް، ކަނޑައެޅޭ ހަމަތަކަކާއި، މިންގަނޑުތަކެއްގެ މަތިން އެ ދާއިރާ ކުރިއަރުވައި ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ކަނޑައެޅުމަށް އެކުލަވާލާފައިވާ ޤާނޫނެކެވެ.

އެގޮތުން ޢިމާރާތްކުރުމުގެ ހުއްދަ ދިނުމާއި، ބިލްޑިންގ ކޯޑާއި، ޢިމާރާތްކުރުމުގެ މަސައްކަތުގެ ފެންވަރު ބެލުމާއި، ޢިމާރާތްކުރުމުގައި ބޭނުންކުރާ ތަކެތީގެ ފެންވަރު ހިފެހެއްޓުމުގެ އުޞޫލުތައް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ޢިމާރާތްކުރުމުގެ ދާއިރާގައި ދިވެހިންނަށް އިސްކަންދިނުމާއި، މި ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތައް ރަޖިސްޓްރީކުރުމާއި ގިންތިކުރުމާގުޅޭ އުޞޫލުތައްވެސް މި ޤާނޫނުގައި ވަނީ ތަފްޞީލުކޮށްދީފައެވެ.