ޚަބަރު

ކަނޑު އުޅަނދު ދުއްވާ ފަރާތްތަކަށްވެސް ޑިޖިޓަލް ލައިސަންސެއް ދޫކުރަނީ


  • ޑިޖިޓަލް ލައިސަންސް ޓެސްޓުކުރަން ފަށާނީ 3 މަސްތެރޭގައި

  • ޑިޖިޓަލް ލައިސަންސާއެކު މުޅި ރާއްޖެއިން ލައިސަންސްލިބޭނެ އިންތިޒާމް ހަމަޖައްސަނީ

  • ޑިޖިޓަލް ލައިސަންސަށް ފީގެ ގޮތުގައި 250 ރުފިޔާ ދައްކަންޖެހޭ

ކަނޑު އުޅަނދުތައް ދުއްވާ ފަރާތްތަކަށް ދޫކުރާ ލައިސަންސް ޑިޖިޓަލް ކުރުމަށް ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިހާރު ކަނޑު އުޅަނދުތައް ދުވައްވާ ފަރާތްތަކަށް ލައިސަންސްގެ ގޮތުގައި ދޫކުރަނީ ފޮތަކާއި ލެމިނޭޓްކޮށްފައިވާ ކާޑެކެވެ.

ކަނޑު އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިސަންސް ޑިޖިޓަލް ކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޓްރާންސްޕޯޓު މިނިސްޓްރީގެ ޑިރެކްޓަރ ހުސައިން ނަޒީރު ވިދާޅުވީ، އެއްގަމު އުޅަދުފަހަރު ދުއްވަމުގެ ލައިސަންސް ޑިޖިޓަލައިޒް ކުރި ފަދައިން ކަނޑު އުޅަނދުފަހަރުތައް ދުއްވުމުގެ ހުއްދަ ދުކޮށްފައިވާ ފަރާތްތަކަށް ދީފައިވާ ލައިސަންސްވެސް ޑިޖިޓަލް ކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އެ ލައިސަންސް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ލައިސަންސް ޓެސްޓްކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ.

ނަޒީރު ވިދާޅުވީ، ކަނޑު އުޅަނދުތައް ދުއްވުމުގެ ލައިސަންސް ޑިޖިޓަލްވުމާއެކު މުޅި ލައިސަންސް ބަދަލުވެގެންދާނެކަމަށާ، އީ-ލައިސަންސް ދޭ ކެޓަގަރީތަކާއި ފީތަކަށްވެސް ބަދަލުތަކެއް އަންނާނެކަމަށެވެ. އެގޮތުން މިހާރު ދޫކުރާ ލައިސަންސް ހެއްދުމަށް 25 ރުފިޔާ ނެގިނަމަވެސް ޑިޖިޓަލް ލައިސަންސަކަށް ބަދަލުކުރުމުން ފީއެއްގެ ގޮތުގައި 250 ރުފިޔާ ނަގާނެކަމަށް އޭނާ ވިދާޅުވިއެވެ. ނަޒީރު ވިދާޅުވީ، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސާންސާއެއްގޮތަށް މި ލައިސަންސްގެވެސް ރައްކާތެރިކަން ކަށަވަރުވާނެކަމަށެވެ.

"ކަނޑުގެ އުޅަދުފަހަރުތައް ދުއްވުމުގެ ލައިސަންސަކީ ވަރަށް ކުރީންސުރެވެސް އޮތް ނިޒާމެއް. އެނިޒާމް އެއްކޮށް ބަދަލުތަކެއް ގެނެވުނީ މީގެ 3 މަސްކުރިން ގެނެވުނު ބަދަލަކާއެކު. މިހާރުގެ ކެޓަގަރީ ތަކުގެ ތެރޭގައި 50 ހޯސްޕަވަރުން ދަށް ،50 ހޯސްޕަވަރުން މަތީގެ އުޅަނދުފަހަރަށް ޚާއްސަ ކެޓަގަރީ. 150 ހޯސްޕަވަރުގެ އިންބޯޑު އިންޖީނު އެޅި ބޯޓުފަހަރާއި 150 މަތީގެ އިން ބޯޑު އެޅި އުޅަނދުފަހު ހިމެނޭ. އަދި މަސްވެރި އުޅަނދުފަހަރުތަކާ އެހެނިހެން އުޅަދުތައް ހިމެނޭ ކެތަގަރީއެއް ހިމެނޭ." ޓްރާންސްޕޯޓުގެ ޑިރެކްޓަރ ހުސައިން ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ މިހާރު ހުރި ކެޓަގަރީތަކުގެ އިތުރަށް ބާރު ސްޕީޑްގައި ދަތުރުކުރާ އުޅަނދުފަހަރަށް ވަކި ޚާއްސަ ކެޓަގަރީއެއް އޮންނާނެކަމަށެވެ. އަދި ދުވަސްވީ މީހުންނަށް ދޫކޮށްފައިވާ ލައިސަންސް އަޕްގްރޭޑް ކުރުމަށް އުނދަގުލެއް ނުވާނެކަމަށާއި އެކަމަށްވެސް ޚާއްސަ ކެޓަގަރީއެއް އޮންނާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން ވިދާޅުވީ ކުރިން ވަކި ތިއަރީއަކާއި ޕްރެކްޓިކަލް ޓެސްޓެއް ހެދުމުން ނޫނީ ލައިސަންސް ލިބޭގޮތް އުވާލާ ނިއަމިކަމުގެ ކޯސްތައް ފުރިހަމަކުރުމާއި ދުއްވުމުގެ އިމްތިާހާން ފުރިހަމަކުރުމުން ލައިސަންސްލިބޭ ގޮތްވެސް މިހާރު ހަމަޖައްސާފައިވާކަމަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ޑިޖިޓަލް ލައިސަންސް ތަޢާރަފްވުމާއެކު ރާއްޖޭގެ ހުރިހާ ރަށަކުން ލައިސަންސް ލިބިގެންދާނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަށް ޞައްހަ ނޫން ލައިސަންސެއް ބޭނުންކޮށްފިނަމަ ދިހަ ހާސް ރުފިޔާއިން ޖޫރިމަނާކުރަންނިންމާ ޤަވައިދެއް އެކުލަވާލާފައެވެ. އެ ޤަވައިދުގައި ވާގޮތުން ކަނޑު އުޅަނދު ދުއްވުމުގެ ޤަވާއިދާއި އެއްވެސް ފަރާތަކުން ޚިލާފުވެއްޖެވަނަމަ އެމީހެއްގެ ލައިސަންސް 48 ގަޑިއިރާއި އެއް މަސްދުވަހުގެ މުއްދަތަށް ހިފެހެއްހެއްޓޭނެއެވެ.