ޚަބަރު

އުރީދޫ މޯލްޑިވްސްގެ ހެޑް ކުއަރޓަރސް ރަސްމީކޮށް ހުޅުވައިފި


  • އުރީދޫ މޯލްޑިވްސްގެ ހެޑްކުއަރޓަރސް ހުޅުވާފައިވަނީ ހުޅުމާލޭ ސެންޓަރަލް ޕަރކް ކުރިމަތީ

  • މިޢިމާރާތް ރަސްމީކޮށް ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް

  • ޢިމާރާތަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވާގޮތަށް ޢިމާރާތްކޮށްފައިވާ ތަނެއް

އުރީދޫ މޯލްޑިވްސްގެ ހެޑްކުއަރޓަސް ޢިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އުރީދޫ އެޗްކިއު ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާރކް ސަރަޙައްދުގައި ތަރައްޤީކޮށްފައިވާ އުރީދޫ މޯލްޑިވްސްގެ ހެޑްކުއަރޓަރސް ރަސްމީކޮށް ހުޅުވާދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ، އުރީދޫއަކީ ރާއްޖޭގެ މުވާސަލާތީ ޚިދުމަތުގައި އިންޤިލާބީ ބަދަލުތަކެއް ގެނައުމުގައި މުހިއްމު ހިއްސާދާރެއްކަމަށެވެ. އަދި ޤައުމީ ތަރައްޤީގެ ރޭހުގައި އުރީދޫއިން އަބަދުވެސް ބާރެއްގެ ގޮތުގައި ޙަރަކާތްތެރިވާކަން ނައިބު ރައީސްވަނީ ފާހަގަކުރައްވާފައެވެ.

ނައިބު ރައީސް ވިދާޅުވީ، މުވާސަލާތީ ގޮތުން ގުޅުން ބަދަހިކުރުމުގެ އިތުރުން ޤައުމީ އެކި މަސައްކަތްތަކުގައިވެސް އުރީދޫއިން އަންނަނީ ފާހަގަކުރެވޭ ޚިދުމަތްތަކެއް ދިވެހި ޤައުމަށްކޮށްދެއްވަމުންކަމަށެވެ.

"އުރީދޫއަކީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި ބޮޑު ބާރެއް. ޑިޖިޓަލީ ރާއްޖެއިން ހޯދަމުންދާ ތަރައްޤީގައި އުރީދޫގެ ދައުރު ވަރަށް ބޮޑު".ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ ގްރޫޕް އޮފް ކޮމްޕެނީސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޢަޒީޒް އަލް އުޘްމާން ފަޚްރޫ ވިދާޅުވީ ދުނިޔޭގެ އެތައް ޤައުމެއްގައި ޓެލެކޮމިއުނިކޭޝަން ޚިދުމަތްދެމުންދާއިރު ރާއްޖެއަކީ އެކުންފުނިންގ ޚިދުމަތްދޭ އެންމެ ކުޑަ މާކެޓްކަމަށެވެ. އެހެންނަމަވެސް އުރީދޫ މޯލްޑިވްސްއަކީ މުޅި އުރީދޫ ގްރޫޕްގައިވެސް ހުނަރުގެ ގޮތުން ބަލާއިރު އެއްވަނަކަމަށް ޢަޒީޒް އަލް އުޘްމާން ފަޚްރޫ ވިދާޅުވިއެވެ.

"އުރީދޫ ގްރޫޕުން ރާއްޖެ ސިފަކުރަނީ މުޅި ކުންފުނީގެ އިންކިއުބޭޓަރގެ ގޮތުގައި. އެއީ ހުނަރާއި ޚިޔާލުގެ ދާއިރާ ތަނަވަސްވުމުން. އުރީދޫ މޯލްޑިވްސްގެ ދަށުން އުފެދިފައިވާ އެތައް ހުނަރުވެރިންނެއް ދުނިޔޭގެ އެތައް މިތަނުގައި ހިންގަމުން އަންނަ އުރީދޫގެ އޮޕަރޭޝަނުގައި ދަނީ ބޭނުންކުރަމުން." ޢަޒީޒް އަލް އުޘްމާން ފަޚްރޫ ވިދާޅުވިއެވެ.

ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގައި 18 އަހަރުގެ ތަޖުރިބާއާއެކު ޚިދުމަތްދެމުން އަންނަ އުރީދޫ މޯލްޑިވްސްގެ ހެޑް ކުއަރޓަރސް ތަރައްޤީކޮށްފައިވަނީ ޒަމާނީ ޓެކްނޮލިޖީއާއެކުގައެވެ.

ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަންދީގެން ތަރައްޤީކޮށްފައިވާ މިޢިމާރަތަކީ ތިމާވެއްޓާ ރައްޓެހިގޮތަކަށް ފަރުމާކޮށްފައިވާ ތަނެކެވެ. ކަރަންޓު ބޭނުންކުރެވޭ ނިސްބަތް މަދުކުރެވޭނެ ޚާއްސަ ލައިންޓިންގ ސިސްޓަމަކާއި، ތާޒާ ވައި ޢިމާރަތުގެ ތެރޭގައި ދައުރުވާނެ އިންތިޒާމުވެސްވަނީ ޤާއިމުކޮށްފައެވެ.

ސޯލާގެ ޒަރީއްޔާއިން ތަނުގެ ހަކަތަ މެނޭޖްކުރަމުންދާއިރު ވާރޭފެން ރައްކާކުރެވޭނެ އިންތިޒާމުވެސް ޢިމާރާތުގައިވަނީ ޤާއިމުކޮށްފައެވެ. ހަމައެއާއެކު އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއްވެސް ޢިމާރާތުގައިވަނީ ޤާއިމުކޮށްފައެވެ. މީގެއިތުރުން މުވައްޒަފުންގެ ދުޅަހެޔޮކަމަށް ރިޢާޔަތްކުރެވިގެން ތަރައްޤީކޮށްފައިވާ މިޢިމާރާތުގައި މުވައްޒަފުންނަ ޚާއްސަ އެކި ސަރަޙާއްދުތަކާއި ޖިމާއި ކެފޭއާއި ކުޑަކުދިން ތިބޭނެ ޚާއްސަ ސަރަޙައްދެއްވެސްވަނީ ޤާއިމުކޮށްފައެވެ.