ޚަބަރު

ދުންޔާ މައުމޫން އަނެއްކާވެސް ޕީޕީއެމްއަށް


  • ދުންޔާ ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ޚާރިޖީ ވަޒީރުކަން ކުރައްވާފައި

  • ކުރީ ސަރުކާރުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރެއްވި

ކުރީގެ ޚާރިޖީ ވަޒީރު އަދި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްއަށް އަނެއްކާވެސް ސޮއިކުރައްވައިފިއެވެ.

ދުންޔާ މައުމޫން ޕީ.ޕީ.އެމްއާއި ގުޅިވަޑައިގަތީ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމަށް ޕީ.ޕީ.އެމް ޕީ.އެން.ސީ ކޯލިޝަނުން މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ކަންމަތީ ބައްދަލުވުމުގެ ތެރެއިންނެވެ. ދުންޔާގެ ފޯމާއި ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އެވެ.

ދުންޔާ މައުމޫން އަނެއްކާވެސް ޕީ.ޕީ.އެމްއާއި ގުޅިވަޑައިގެންފައިވާއިރު، އެކަމަނާ ވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޚާރިޖީ ވަޒީރުކަމާއި، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ. ކުރިން ޑީއާރްޕީގައިވެސް މަސައްކަތްކުރެއްވި ދުންޔާ ވަނީ ރައީސް ޔާމީންގެ ސަރުކާރު ނިމުމާއެކު ޕީ.ޕީ.އެމްއިން ވަކިވެވަޑައިގެންފައެވެ. އެއަށްފަހު 2021 ވަނަ އަހަރު އެކަމަނާ ގުޅިވަޑައިގަތީ ކާނަލް ނާޒިމް އިސްވެ ހުންނަވާ އުފެއްދެވި މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީއާއެވެ.

ދުންޔާ މައުމޫން ޕީޕީއެމްއާއި އަލުން ގުޅިވަޑައިގެންފައި މިވަނީ އެކަމަނާ މަސައްކަތް ކުރެއްވި އެމްއެންޕީއިންވެސް ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ތާއިދުކުރަން ނިންމާ، ކޯލިޝަން ހަދާފައިވަނިކޮށްށެވެ.