ޚަބަރު

ސޯޝަލް ހައުސިންގތަކަށް ދައްކަންހުރި ޖޫރިމަނާ ފައިސާ މަޢާފްކޮށްދޭނަން: ޑރ. މުޢިއްޒު


  • ބޯހިޔާވަހިކަމުގެ މައްސަލައަށް ޚާއްސަ ސަމާލުކަމެއްދެއްވާނެކަމަށް ވިދާޅުވި

  • އިތުރަށް ބިން ހިއްކާ މާލޭ ސަރަޙައްދުން ހައުސިންގ މަޝްރޫޢުތައް ހިންގާނެކަމަށް

  • ކުލި ނުދެއްކި އަރާފައިވާ ޖޫރިމަނާތައް މަޢާފުކޮށްދެއްވާނެކަމަށް ވިދާޅުވި

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ސޯޝަލް ހައުސިންގތަކަށް މަހުން މަހަށް ދައްކަންޖެހޭ ކުލި ނުދެއްކި އަރާފަ ޖޫރިމަނާ މަޢާފްކޮށްދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު މިހެން ވިދާޅުވީ، ހުޅުމާލޭ ރައްޔިތުންނާއި ބައްދަލުކުރުމަށް މިއަދު ހަވީރު ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހުރި އެކި ސޯޝަލް ހައުސިންގައި ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރިކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ސަރުކާރެއްގައި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެ ފައިސާ ނުދެއްކޭ ފަރާތްތަކުން އަރާފައިވާ ޖޫރިމަނާ ފައިސާ މަޢާފްދެއްވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގޭ ވަރަށް ގިނަ ސޯޝަލް ހައުސިންގގައި އެކި ސަބަބުތަކާއި ހެދި މަހުން މަހަށް ދައްކަންޖެހޭ ފައިސާ ނޔދެއްކި ޖޫރިމަނާ އަރާފައިވާ ފަރާތްތައް އެބަތިބިކަން. މިއީ ހަމައެކަނި މާލެ އެއް ނޫން. މުޅި ރައްޖޭގައިވެސް، އަދި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައިވެސް ހުރި މިފަދަ ފަރާތްތަކުގެ ޖޫރިމަނާ ފައިސާ މަޢާފްކޮށްދޭނަން." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭގައި މާލެ ސަރަޙައްދުން ހިއްކެން އޮތް ފަޅުތައް ހިއްކައިގެން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފައްޓަވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ފުށިދިއްގަރު ފަޅުން 900 ހެކްޓަރާއި، ގުޅިފަޅުން ހިއްކެން އޮތް 260 އެއްހާ ހެކްޓަރާއި، ގިރާވަރުފަޅުން މިހާރު ހިއްކަމުންދާ ބަޔާއެކު އިތުރަށް ހިއްކެން އޮތް 150 ހެކްޓަރާއި ހިއްކާ ނިންމަދޭނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.