ޚަބަރު

ޓްރެފިކް ޖޫރިމަނާ މަޢާފު ލިބޭނީ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމުން، ބައިވެރިވުމަށް ހުޅުވާލައިފި


  • ޓްރެފިކް ޖޫރިމަނާ މަޢާފް ހޯދުމަށްތަކައި ވަކި ތަމްރީން ޕްރޮގްރާމެއް ފުރުހިމަކުރަންޖެހޭ

  • އެ ތަމްރީން ޕްރޮގްރާމްއަކީ 20ގަޑިއިރުގެ ޕްރޮގްރާމެއް

  • ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް މިނިސްތްރީގެ ސިމްސް ޕޯޓަލްގައި އެދެވޭނެ

ޓްރެފިކާ ގުޅޭ އުސޫލުތަކާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ މަޢާފްކޮށްދެވޭނީ އެކަމާ ގުޅޭ ޚާއްސަ ޕްރޮގްރާމެއް ފުރުހަމަކުރުމުންކަމަށް ކަނޑައަޅައި އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޓްރެފިކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތައް މަޢާފްކޮށްދިނުމަށް ނިންމަވާފައެވެ. މިއީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ޢަމަލުކުރުމަށް ރައްޔިތުންނަށް ބާރު އެޅުމަށާއި ޓްރެފިކާ ގުޅޭ އުޞޫލުތަކާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުޔެއް ދިނުމުގެ ގޮތުން އެމަނިކުފާނު ނިންމަވާފައިވާ ނިންމެވުމެކެވެ.

މިކަމާ ގުޅެގޮތުން މަޢުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރ ހުސައިން ނަޒީރު ވިދާޅުވީ ޖޫރިމަނާތައް މަޢާފްކޮށްދިނުމަށް ހަމަޖެހިފައިވަނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާޢީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަރުމާކޮށް ކަނޑައަޅާ 20 ގަޑިއިރުގެ ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަކުރުމުންކަމަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ މީހުންނަށް އެ ފުރުޞަތު ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފައެވެ. ޕްރޮގްރާމްގައި ބައިވެރިވުމުން އެމީހަކަށް ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށްދާނެގޮތުގެ ޝެޑިއުލް ހިއްސާކުރާނެކަމަށް ނަޒީރު ވިދާޅުވިއެވެ.

"ފުރިހަމަ ކުރަންޖެހޭ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރުމުން ޖޫރިމަނާތައް މާއަފްކުރެވެނީ. މިހާރު މިނިސްޓްރީން ވަނީ ކޮންކަހަލަ ޖޫރިމަނާތަކެއް ތޯ ބަލާ ތަމްރީން ދިނުމަށްޓަކައި ވަކި ސިލަބަހެއް ކަނޑައަޅާފައިި. ޕޮލިހުންނާއެކު ކުރެވުނު މަޝްވަރާގެ ތެރެއިން 20 ގަޑިއުރުގެ ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހޭނެ. ސިމްސްގެ ތެރެއިން އެޕްލައި ކުރުމުން އެމީހަކަށް ޝެޑިއުލަތް ލިބެމުންދާނެ." ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރ ހުސައިން ނަޒީރު ވިދާޅުވިއެވެ.

މިޓްރެއިންގ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފަވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން، 2 ހަފްތާއާއި 1 މަސްދުވަހަށްވުރެ ދިގު ނުވާނެ ގޮތަކަށެވެ. މިކަން ކުރުމުގެ ބޭނުމަކީ ޓްރެފިކް ޤަވާއިދާ ޚިލާފުވާ ފަރާތްތަކުން، މިފަދަ މައްސަލަތައް ތަކުރާރުވާ މިންވަރު މަދުކުރުމެވެ. އަދި މީގެ ސަބަބުން ޓްރެފިކް ޤަވާއިދުތަކަށާއި، އިޖްތިމާޢީ އެހެން މައްސަލަތަކާ ގުޅޭގޮތުން މީހުން އަހުލުވެރިވާ މިންވަރު އިތުރުކުރެވިގެންދާނެ ކަމަށްވެސް ސަރުކާރުން ފާހަގަކުރައްވައެވެ.

ޖޫރިމަނާ މަޢާފް ހޯދުމަށްޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީން ޕްރޮގްރަމްގައި ބައިވެރިވުމަށް މިއަދުން ފެށިގެން އަންނަ މަހުގެ 25 ގެ ނިޔަލަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. ޕްރޮގްރާމްގައި ބައިވެރިވެވޭނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލް (https://sims.transport.gov.mv) މެދުވެރިކޮށް ހުށައަޅާ ފަރާތްތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނިންމެވުމާ ގުޅިގެން މަޢާފުކުރުމަށް ހަމަޖެހިފައިވަނީ ލައިސަންސް އާ ގުޅޭ ޖޫރިމަނާއާއި ގަވާއިދާ ޚިލާފަށް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާއާއި، އުޅަނދުގައި ހުންނަންޖެހޭ ތަކެތި ހަމަނުވެ ދުއްވުން ނުވަތަ ބޭނުންކޮށްގެން އަރާފައިވާ ޖޫރިމަނާއާއި، ޓެކްސީއާ ގުޅޭގޮތުން ކޮށްފައިވާ ޖޫރިމަނާތައްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.