ޚަބަރު

މިދިޔަ މަހު ޖެންޑާއަށް 254 މައްސަލައެއް، ގިނައީ ކުޑަކުދިންނާއި ގުޅޭ މައްސަލަތައް


  • މިދިއަ އޮގަސްޓް މަހު، ޖެންޑާއަށް 254 މައްސަލައެއް ހުށަހަޅާފައިވޭ

  • ޢާއިލާތަކާއި ގުޅޭ 44 މައްސަލައެއް ހުށަހަޅާފައިވޭ

  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ހާނިއްކާގެ 45 މައްސަލަ ވަނީ ހުށަހެޅިފައި

މިދިޔަ އޯގަސްޓްމަހު އެކަނިވެސް 200 އަށްވުރެ ގިނަ މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށާއި، އޭގެ ތެރޭގައި ގިނައީ އިހުމާލުވުމާއި ގެވެށި އަނިޔާގެ މައްސަލަތައްކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވިދާޅުވެއްޖެއެވެ. މިއަހަރުގެ އޯގަސްޓްމަހު ޖުމްލަ 254 މައްސަލައެއް އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ އޯގަސްޓްމަހު އެންމެ ގިނައިން ހުހެޅިފައިވަނީ ކުޑަކުދިންނަށް ގެވެށި އަނިޔާ ކުރުމާއި، އެހެނިހެން ހާނިއްކާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ 96 މައްސަލައެއް މިދިޔަމަހު ހުށަހަޅާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ކުޑަކުދިންނާއި ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތައް:

• އިހުމާލުވުމުގެ 25 މައްސަލަ
• ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 22 މައްސަލަ
• ޖިންސީ ހާނިއްކާގެ 18 މައްސަލަ
• ޖިސްމާނީ އަނިޔާގެ 13 މައްސަލަ
• ނަފްސާނީ އަނިޔާގެ 12 މައްސަލަ
• ގަނާގެ ޝިކާރައަކަށްވުމުގެ 2 މައްސަލަ
• އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ
• ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 1
• ކުޑަކުދިންނަށް ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 1 މައްސަލަ
• އެހެނިހެން އަނިޔާގެ 1 މައްސަލަ

މީގެ އިތުރަށް، ޢާއިލާ އާއި ގުޅޭ ޖުމްލަ 44 މައްސަލައެއް ޖެންޑަރއަށް ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، އޭގެތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކެވެ. އެގޮތުން ކުދިން ބެލުމާއި ގުޅޭ 18 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ޢާއިލާއާއި ގުޅޭ މައްސަލަތަކުގެ ތެރެއިން، ޙަޟާނާތުގެ 6 މައްސަލައަކާއި، ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 3 މައްސަލައެއްގެ އިތުރުން، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 17 މައްސަލަ މިދިޔަމަހު ޖެންޑަރއަށް ރިޕޯޓްކޮށްފައިވެއެވެ.

ޢާއިލާ އާއި ގުލޭ މައްސަލަތަކުގެ އިތުރަށް، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 45 މައްސަލައެއް ވަނީ ޖެންޑާއަށް ހުށަހަޅާފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނޫ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 20 މައްސަލައެއް މިދިޔަމަހު ރިޕޯޓްކޮށްފައިވެއެވެ. އަދި ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 15 މައްސަލައަކާއި، ޖިންސީ އަނިޔާގެ 4 މައްސަލައެއްގެ އިތުރުން، ބިރުދެއްކުމުގެގޮތުން ކުރެވޭ ކަންކަމުގެ 2 މައްސަލައެއް ރިޕޯޓު ކޮށްފައިވެއެވެ.

ދައުލަތަށް މިދިޔަ އޯގަސްޓްމަހު، 4 ކުއްޖަކު އަލަށް ވަނީ ނަގާފައެވެ. މިއާއެކު އޯގަސްޓްމަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމްލަ ޢަދަދަކީ 169 އެކެވެ. އަދި 4 ކުއްޖަކު އާއިލާއާއި އަލުން ރީ-އީންޓަގްރޭޓްކުރެވި، 2 ކުއްޖަކު ވަނީ ފޮސްޓަރކޮށްފައެވެ. ހަމައެހެންމެ ދައުލަތުގެ ބެލުމުގެ ދަށުގައިވެ 18 އަހަރުވުމުން 6 ކުއްޖަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދީ މުޖުތަމަޢުއަށް ރީ-އިންޓަގްރޭޓް ކުރެވިފައިވާކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.