ޚަބަރު

ދެވަނަ ބުރުގައި ރާއްޖެއިން ބޭރުގައި ބަހައްޓާ ފޮށިތަކުގައި ވޯޓުލާނެ ގަޑިތައް ޢާއްމުކޮށްފި


  • ރާއްޖެއިން ބޭރުގެ 5 ޤައުމެއްގައި ވޯޓު ފޮށި ބަހައްޓާ

  • ވޯޓު ފޮށިތައް ހުޅުވާ ގަޑިތައް އިލެކްޝަނުން މިހާރުވަނީ ޢާއްމުކޮށްފައި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރާއްޖެއިން ބޭރުގައި ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލާ ގަޑިތައް އިލެކްޝަން ކޮމިޝަނުން އާއްމުކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރ ވާ މީހުންގެ ނިސްބަތުން ޢާއްމުކޮށް ދިވެހިން ދަތުރުކޮށް އުޅޭ ޤައުމުތަކުގައި އިލެކްޝަނުން ވޯޓުފޮށި ބަހައްޓާ ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސަވަވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ރާއްޖެއިން ބޭރުގެ 5 ތަނެއްގައި ވޯޓު ފޮށިވަނީ ބަހައްޓާފައެވެ. މިގޮތުން އަބޫދާބީއާއި، އިންޑިއާގެ ޓްރެވިންޑަރަމްއާއި، ސްރީލަންކާގެ ކޮލަންބޯއާއި، އިނގިރޭސިވިލާތުގެ ލަންޑަނާއި، މެލޭޝިއާގެ ކުއަލަލަންޕޫރުގައި ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ.

ދެވަނަ ބުރުގައިވެސް މި 5 ޤައުމުގައި ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ބުރުގައި ބައެއް ޤައުމުތަކުގައި ވޯޓުލާ މަރުކަޒަށް ވޯޓު ފޮށި ހުޅުވާ ގަޑިއަށް މީހުން ނުދިޔުމުގެ ސަބަބުން ވޯޓު ފޮށި ހުޅުވުން ލަސްވުން ފަދަ ބައެއް މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން މިފަހަރު މިގޮތަށް ދިމަނުވާނެހެން އިލެކްޝަނުން ވަނީ ކުރިން ވޯޓުލާ ގަޑިތައް ޢިއުލާންކޮށް އަންގާފައެވެ.

މިގޮތުން އަބޫދާބީގައި ހެނދުނު 8 ޖަހާއިރު ވޯޓު ލާން ފަށާގޮތަށްވަނީ ހަމަޖައްސާފައެވެ. އަދި އިންޑިއާގެ ޓްރެވިންޑަރަމްއާއި ސްރީލަންކާގެ ކޮލަންބޯއާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ވޯޓުލާން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 0830 ހުގައެވެ. މެލޭޝިއާގެ ކުއަލަލަންޕޫރުގައި ވޯޓުލާން ފެށުމަށް ހަމަޖެހިފައިވަނީ މެންދުރު ކުރި 11 ޖަހާއިރުގައެވެ.

އަބޫދާބީގައި ވޯޓު ފޮށި ބަންދުކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 5 ޖަހާއިރުގައެވެ. އިންޑިއާގެ ޓްރެވިންޑަރަމްއާއި ސްރީލަންކާގެ ކޮލަންބޯއާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ވޯޓު ފޮށިތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 5:30 ހުގައެވެ. މެލޭޝިއާގެ ކުއަލަލަންޕޫރުގައި ވޯޓު ފޮށި ބަންދުކުރުމަށް ހަމަޖެހިފައިވަނީ ރޭގަނޑި 8 ޖަހާއިރުކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.

ރާއްޖެއެކޭ އެއްގޮތަށް ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކުންވެސް ފަހު ވަގުތަށް މަޑުނުކޮށް ވަގުތު އޮއްވާ ވޯޓުލާން ދިޔުމަށް އިލެކްޝަން ކޮމިޝަނުން އިލްތިމާސްކުރައްވައެވެ.