ޚަބަރު

ގިރާވަރު ރައްޔިތުންގެ ޙައްގު ހޯދައިދޭނަން: ޑރ.މުޢިއްޒު


  • މާލެ އަތޮޅު ގިރާވަރުގެ މީހުން އެންމެ ފުރަތަމަ ބަދަލުކުރީ ހުޅުލެއަށް

  • މިރަށު މީހުން ހުޅުލެއަށް ބަދަލުކުރީ 1960 އަހަރުތަކުގެ ތެރޭގައި

  • އޭގެ އަހަރުތަކެއް ފަހުން އެމީހުންވަނީ މާލެއަށް ބަދަލުކޮށްފަ

  • މުއއްޒު ވަނީ ގިރާވަރު ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭނެކަމަށް ވިދާޅުވެފަ

މާލެއަށް ބަދަލުކޮށްފައިވާ ކ.ގިރާވަރު ރައްޔިތުން ބާކީކޮށް އެކަހެރިކޮށްފައި އޮތްއޮތުން ނިމުމަކަށްގެނެސް އެމީހުންގެ ހައްގު ހޯދައިދޭނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ މާލޭގައި ދިރިއުޅޭ ގިރާވަރު ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ ދިވެހި އެންމެހާ ރައްޔިތުންނަށް ލިބޭ ހަމަހަމަ ޙައްޤުތައް އެ ރައްޔިތުންނަށް ވެސް ހޯއްދަވައިދެއްވާނެކަމަށެވެ. އަދި އެމީހަކު އުފަންވާ ރަށަކުން، ތަނަކުން ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ސަބަބުން ޚިދުމަތް ދިނުމުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"މިހުރިހާ ކަމެއް ކުރާނީ އިގްތިޞާދު ނަގައިކޮޅަށްޖަހައިގެން އާމްދަނީ ހޯދައިދިނުމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މިހުށައަޅާ ސިޔާސަތުގެ ތެރެއިން ގިރާވަރުގެ ރައްޔިތުންނަށް އެކަން ވެސް ޔަގީންކޮށްދޭނަން" ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

މާލެ އަތޮޅު ގިރާވަރުގެ މީހުން 1960 ވަނަ އަހަރު ބަދަލުކުރީ ހުޅުލެއަށެވެ. އޭގެ އަހަރުތަކެއް ފަހުން އެމީހުން މާލެއަށް ބަދަލުކުރިއެވެ.

ޑރ މުއިއްޒު ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ ގުޅީ ފަޅުގައި ބަނދަރަކަށް ބޭނުންވާ ޖާގަ ކަނޑައެޅުމަށްފަހު، އެފަޅު ހިއްކާ ގިރާވަރު ފަޅާއި، ފުށިދިއްގަރު ފަޅު އެއްކޮށް ހިއްކައިގެން ފުރަތަމަ އަހަރުގައި މާލޭގެ ރައްވެހީންނާއި، މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖައްސަވައި ދެއްވާނެކަމަށެވެ. މިކަންކަމަކީ ދިރާސާކޮށް ކަންކުރަންވީ ގޮތް ބަލައި ޔަގީންކޮށްގެން ދައްކާ ވާހަކަކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.