ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލްގެ ހުރިހާ ފަންގިފިލާއެއްވެސް ބޭނުންކުރޭ: އައިޖީއެމްއެޗް


  • 2 ފަންގިފިލާ ފިޔަވައި ހުރިހާ ފަންގި ފިލާއެއްގައިވެސް ސިއްޙީ ޚިދުމަތް ދެމުންދޭ

  • 8 އަދި 14 ވަނަ ފަންގިލާ އެމްއެންޔޫގެ ދަރިވަރުންނަށް ޚާއްސަކޮށްފައި

  • ދޮގުވާހަކަތައް ނުފެތުރުމަށް އަޖީއެމްއެޗުން އިލްތިމާސްކުރި

ދަރުމަވަންތަ ހޮސްޕިޓަލްގެ ބައެއް ފަންގިފިލާތައް ބޭނުންކުރަމުން ނުދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އައިޖީއެމްއެޗުން ދޮގުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ބައެއް ފަންގިފިލާތައް ބޭނުންނުކުރާ ކަމަށާއި އެ އިމާރާތް މޯގޭޖް ކޮށްފައިވާކަމަށް ބުނެ ޚަބަރު ފަތުރާފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ދޮގޮކޮށް އައިޖީއެމްއެޗްއިން ވަނީ ދޮގު މައުލޫމާތު ނުފެތުރުމަށް އެދިފައެވެ. އައިޖީއެމްއެޗުން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 8 އާއި 14 ވަނަ ފަންގިފިލާ ފިޔަވައި ހުރިހާ ފަންގިފިލާއެއްގައިވެސް ސިއްޙީ ޚިދުމަތް ދެމުން ގެންދާކަމަށެވެ. އަދި 8 ވަނަ ފަންގިފިލާއާއި 14 ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ.

އައި.ޖީ.އެމް.އެޗުން ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލްގެ 15 ވަނަ ފަންގިފިލާއިން ފެށިގެން 19 ވަނަ ފަންގިފިލާއަށް އެއީ ޕްރައިވެޓް ކޮޓަރިތައް ކަމަށާއި 20 ވަނަ ފަންގިފިލާއަކީ ޕްރެޒިޑެންޝަލް ސުއިޓް ކަމަށެވެ. އަދި 21 ވަނަ ފަންގިފިލާއިން 23 ވަން ފަންގިފިލާގައި ވިޒިޓިންގ ޑޮކްޓަރުން ތިބުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު 24 ވަނަ ފަންގިފިލާއަކީ މީޓިންގ ރޫމްތަކަށް ޚާއްޞަކޮށްފައިވާ ފަންގިފިލާކަމަށްވެސް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ ކުރީގެ ރައީސް ޔާމީންގެ ދައުރުގައި 3 ޢިމާރާތް ބިނާކުރުމަށް ނިންމައި އެވޯޑު ކުރި މަޝްރޫއެކެވެ. މި 3 ޢިމާރާތުގެ ތެރޭގައި 10 ފަންގިފިލާގެ 2 ޢިމާރާތާއި 25 ފަންގިފިލާގެ ޢިމާރާތެއް އަޅާނެ ކަމަށް އޭރުގެ ޕްލޭންތަކުން ދައްކާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. ނަމަވެސް މި މަޝްރޫޢު ނިމުނުއިރު 3 ޢިމާރާތުގެ އަގަށް ނިންމާފައިވަނީ 1 ޢިމާރާތުގެ މަސައްކަތްކަމަށާއިި، އެ މަޝްރޫޢަށް 143 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ހާމަކުރައްވާފައިވެއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، މި ސަރުކާރުން ބެލި ބެލުމުން މިފަދަ ޢިމާރާތެއް ބިނާކުރުމަށް އެންމެ ބޮޑުވެގެންވެސް ދާނެކަމަށް އަންދާޒާކުރެވެނީ 40 މިލިއަން ޑޮލަރު ކަމަށެވެ.