ޚަބަރު

ގޯތި ދޫކުރަން ހުޅުމާލެ ހިއްކަން ފަށައިފި، 63 ހެކްޓަރު ބިން ހިއްކާނެ


  • ހުޅުމާލެއިން ހިއްކަނީ ސަފާރީތައް އަޅާފައި އޮތް ސަރަޙައްދު

  • 63 ހެކްޓަރު ބިން ހިއްކާނެ

  • މުޅި ޕްރޮޖެކްޓް 6 ހަފްތާ ތެރޭ ނިންމާލާނެ

  • އެ ސަރަހައްދުން ގޯތި ދޫކުރާނެ

ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށްޓަކައި ހުޅުމާލެއިން ބިންހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ފަޅުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ސީއެމްސީއިންނެވެ. އެކުންފުންޏާ އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ.

ހުޅުމާލެ ހިއްކުމުގެ މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެޗްޑީސީންގެ ޕްރޮޖެކްޓް މެނޭޖަރ ހުސައިން ހަނާން އަޙްމަދު ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ މަރުހަލާތަކަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ހިއްކުމަށް ހަމަޖެހިފައިވަނީ 10 ހެކްޓަރުގެ ބިމެވެ. އެ 10 ހެކްޓަރުގެ ބިން ގާތްގަނޑަކަށް 2 ހަފުތާ ތެރޭގައި ނިންމާލެވޭނެ ކަމަށް ހަނާން ވިދާޅުވިއެވެ. އަދި މުޅި މަޝްރޫޢުގެ މަސައްކަތް ހައެއްކަ ހަފުތާތެރޭގައި ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ހަނާން ވިދާޅުވިއެވެ.

"އެންވަޔަރަމެންޓަލް މެޓިގޭޝަން މޭޝަރތައް އަޅުގަނޑުމެން ކޮންޓްރެކްޓަރު ވަނީ ކޮށްފަ. އެގޮތުން ސީލްސް ސްކްރީން އަޅާ ބަނޑުވޯލްތަކާ އެއްޗެހި ޖަހާފަ އެހުރީ. އަޅުގަނޑުމެން ޓާގެޓް މި ކުރަނީ ފުރަތަމަ މި ހިއްކާ އޭރިޔާ ވަން ޓު ޓޫ ވީކްސް [އެކެއް ނޫނީ ދެ ފަހްތާ]ތެރޭގަ ނިންމާލަން. ބިން ހިއްކުމާއެކު ހިއްކާ ސަރަހައްދު ހިމާޔާތް ކުރުމުގެ މަސައްކަތްވެސް ކުރާނެ." އެޗްޑީސީންގެ ޕްރޮޖެކްޓް މެނޭޖަރ ހުސައިން ހަނާން އަޙްމަދު ވިދާޅުވިއެވެ.

ހުޅުމާލޭގައި މިހާރު ތަރައްޤީ ކުރެވެމުންދާ ފިޔަވަހިތަކެކޭ އެއްފަދައިން ތިންވަނަ ފިޔަވަހީގައިވެސް ރައްޔިތުންނަށް ލުއިފަސޭހަވާނޭހެން ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް އެންމެ އަދާހަމަ ބީދައަކުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެގޮތުން މަގުތަކާއި ބްރިޖްގެ އިތުރުން ޕާކްތައް ހަދާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްވެސް ގިނަ ފުރުސަތުތައް ލިބިގެންދާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ބިން ހިއްކަމުންދަނީ ހުޅުމާލޭގައި މިހާރު ސަފާރީތަކާއި އަމިއްލަ މީހުން އުޅަނދުތައް އަޅަން ބޭނުންކުރަމުންދާ ފަޅުގެ ސަރަޙައްދެވެ. އެއީ ކްލަބްމެޑް ރިސޯޓަށް ބޭނުންކުރި ސަރަޙައްދުން ފެށިގެން، ހުޅުމާލޭގައި ހިންގަމުން އަންނަ މޭރީ ބްރައުން ރެސްޓޯރަންޓް ކުރިމަތިން އޮންނަ ފަޅުގެ ސަރަޙައްދާ ހަމައަށެވެ.

މި ސަރަހައްދު ހިއްކުމުގެ މަސައްކަތް ކުރަމަށް އެޗްޑީސީން ވަނީ އެސަރަހައްދުގައި އަޅާފައި އޮތް އުޅަނދުތައް ނަގައި، ހުޅުމާލެ ބޭރުގައާއި، އަދި ކުޑަގިރި ފަޅާއި ދިޔަނެރު ފަޅުގައިވެސް އެ އުޅަނދުތައް އެޅޭނެ އިންތިޒާމު ހަމަޖައްސާފައެވެ. ކުޑަގިރި ފަޅާއި ދިޔަނެރު ފަޅުގައި އުޅަނދުތައް އެޅޭނީ އެޗްޑީސީގައި ރަޖިސްޓްރީކޮށްގެންނެވެ.

ހުޅުމާލެއިން އަލަށް ހިއްކާ މި ބިމުގައިގައި ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުންމަށް ބިން ބޭނުންކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަލަށް ހިއްކާ ސަރަައްދުން މާލޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން ގޯތި ދިނުމަށް ނިންމާފައިވެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވި 19639 މީހުންނަށް ގޯތި ލިބުނެއެވެ. އެއީ 9001 ގޯއްޗެވެ. އޭގެތެރެއިން މިހާރު ވަނީ ހުޅުމާލެއާއި ގުޅިފަޅުން ގޯތިދޫކުރަށް ފަށާފައެވެ. އެގޮތުން ހުޅުމާލެއިން 1351 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި މިހާރު ތައްޔާރުވަމުން އަންނަނީ ގިރާވަރު ފަޅުން ގޯތި ދޫކުރުމަށެވެ.