ޚަބަރު

ދެވަނަ ބުރުގެ ވޯޓު ފޮށީގެ ޢަދަދަށް ބަދަލެއް، ބަހައްޓާ ތަންތަނަށްވެސް ބަދަލުތަކެއް


  • ފުރަތަމަ ބުރުގައި ބެހެއްޓީ 574 ވޯޓު ފޮށި

  • ދެވަނަ ބުރުގަ ބަހައްޓާ ފޮށީގެ ޢަދަދު އިތުރުވާނެ

  • ވޯޓު ފޮށި ބަހައްޓާ ބައެއް ތަންތަނަށް ވަނީ ބަދަލު ގެނެސް ގެޒެޓްކޮށްފަ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އިތުރު ވޯޓުފޮށި ބަހައްޓާން ނިންމާ، ބައެއް ވޯޓު ފޮށިތައް ބަހައްޓާ ތަންތަނަށް ބަދަލު ގެންނަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބެހެއްޓި 574 ވޯޓު ފޮށީގެ ތެރެއިން 29 ވޯޓު ފޮއްޓެއް ބަހައްޓާ ތަނަށް ދެވަނަ ބުރުގައި ބަދަލު ގެންނަވާފައިވާކަމަށެވެ. އަދި ދެވަނަ ބުރުގައި އިތުރު ތަންތަނުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާކަމަށްވެސް ޙަބީބު ވިދާޅުވިއެވެ. ނަމަވެސް އަލަށް ނުވަތަ އިތުރު ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ ތަފްސީލް އިލެކްޝަންސް ކޮމިޝަނުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ހަބީބު ވިދާޅުވީ ވޯޓު ފޮށި ބަހައްޓާ ތަންތަނަަށް ބައެއް ބަދަލު ގެންނެވީ ބައެއް މަރުޒުތަކުގައި އެކަށީގެންވާ ޖަގާ ނެތުމުގެ ސަބަބުންކަމަށެވެ.

ވޯޓު ފޮށި ބަހައްޓާ ތަންތަނަށް ގެންނެވި ބަދަލު އިލެކްޝަންސް ކޮމިޝަނުން މިހާރު އެކޮމިޝަންގެ ޓްވިޓާގައާއި، ސަރުކާރުގެ ގެޒެޓުގައި ޢާންމުކުރައްވާފައެވެ. މިއާއެކު ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓް އާންމުކުރުމުން އެފޮށިތަކަށް ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް އެމީހަކު ވޯޓްލުމަށް ހާއްސަކޮށްފައިވާ ފޮށި ބަދަލުވިކަން ލިސްޓުން ފެންނަން އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ބަހައްޓާ 29 ވޯޓް ފޮށްޓެއް ބަހައްޓާ ތަންތަނަށް ބަދަލު ގެންނަވާފައިވާއިރު، އޭގެތެރޭގައި ބައެއް ސިޓީތައްވެސް ހިމެނެއެވެ. އަދި މާލޭގައި ވޯޓު ފޮށި ބަހައްޓާ ތަންތަނަށްވެސް ބަދަލު ގެންނަވާފައިވެއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، މިގޮތައް ބަދަލު ގެންނެވީ ބައެއް މަރުކަޒުތަކުގައި އެކަށީގެންވާ ޖާގަ ނެތްކަމަށް އެކޮމިޝަނަށް ފެންނާތީކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، އިންތިޚާބުގެ ދެވަނަ ބުރުގައި ބަހައްޓާ ވޯޓު ފޮށީގެ ޢަދަދު އަދި ފައިނަލް ނުވާކަމަށެވެ. އެ ކޮމިޝަނުން ވަނީ އިތުރުވާ ވޯޓު ފޮށިތައް ކައިރީގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމުގެ މަސައްކަތްވެސް ފަށްޓަވާފައެވެ.