ޚަބަރު

މި ފަސް އަހަރުގެ ތެރޭގައި ޒަކާތުގެ ގޮތުގައި ދެއްކި ފައިސާ ވަނީ އިތުރުވެފައި


  • 2018-2023 އާ ދެމެދު ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ ވަނީ އިތުރުވެފަ

  • ފަޤީރުންނަށް ތަނަވަސްކަން ހޯދައިިދިނުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން

  • ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްވެސް ޚާއްސަ އިސްކަމެއް

މި 5 އަހަރުގެ ތެރޭގައި ޒަކާތުގެ ގޮތުގައި ކޮންމެ އަހަރަކު ދައްކާ ފައިސާ އިތުރުވެފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ފިތުރު ޒަކާތުގެ ގޮތުގައި 2019 ވަނަ އަހަރު 5.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު 8.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ގޮވާމުން ޒަކާތަށް ލިބުނު ފައިސާގެ އަދަދަށް ބަލާއިރު 2019 ގައި 1،692.30 ރުފިޔާ ލިބިފައިވާއިރު މި އަހަރު ވަނީ 12،959.29 ރުފިޔާ ލިބިފައެވެ. މުދަލު ޒަކާތަށް ބަލާއިރު 2019 ވަނަ އަހަރު 71.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 2021 އަދި 2022 ވަނަ އަހަރު 91.9 އަދި 92.4 މިިލިއަން ރުފިޔާ ވަނީ ޒަކާތުގެ ގޮތުގައި ލިބިފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވީ، ފާއިތުވި 5 އަހަރު ޒަކާތުގެ ގޮތުގައި ދައްކާ މިންވަރު އިތުރުވެފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، "ޒަކާތު ނަފާ" ޕްރޮގްރާމަކީވެސް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތެއްދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެއް ކަމަށެވެ. މި ޕްރެގްރާމްގެ ދަށުން ފަޤީރުންގެ ދަފްތަރުގައިވާ ފަރާތްތައް އަމިއްލައަށް ދިރިއުޅެވޭނެ ފަދަ ތަނަވަސްކަން ހުރި ބަޔަކަށް ހަދައިދިނުމުގެ ގޮތުން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އެމީހުންނަށް އެކިކަހަލަ މަސައްކަތް ކުރެވޭނެ ފުރުޞަތުތައް ހޯދައި މިދެނީ. އެ ފުރުޞަތުތަކުގެ އަލީގައި، މިސާލަކަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތެއް، އެފަރާތަކަށް އަޅުގަނޑުމެން އެ ތަމްރީން ދީފަ އެމީހުންނަށް ދަނޑުވެރިކަން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދީ، ފަހަން ބޭނުންވާ ފަރާތެއްނަމަ ފެހޭނެ އިންތިޒާމެއް އަޅުގަނޑުމެން މި ހަމަޖައްސައިދެނީ. މިއީ އެކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް. އެއީ ފަޤީރުންގެ ގޮތުގައި ތިބި މީހުން އަމިއްލަ ފައި މައްޗަށް ތެދުވެވޭނެ ގޮތެއް ހަދައިދިނުން." އިސްލާމިިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން "2018-2023 މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއަށް ނަޒަރެއް" މި ނަމުގައި ކިޔާ ފޮތެއް ނެރުއްވާފައެވެ. މިފޮތުގެ ބޭނުމަކީ މި ސަރުކާރުން އިސްލާމިކް މިނިސްޓްރީއަށް ކަނޑަައަޅުއްވާފައިވާ މެންޑޭޓް ޙާޞިލުކުރެވިފައި ހުރީ ކިހާ މިންވަރަކަށްކަން ރައްޔިތުންނަށް އަންގައިދިނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފޮތުގައި މައިގަނޑު ގޮތެއްގައި ހިމެނިފައިިވަނީ އިސްލާމިކް މިނިސްޓްރީން 2018-2023 އަށް ކޮށްފައިވާ މަސައްކަތްތަކާއި ކުރިއަށް ރާވާފައި ހުރި މަސައްކަތްތަކާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މިހާތަނަށް ޕްރޮގްރާމްތައް ހިންގައިފައިވާ މިންވަރެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ދީނީ ކަންކަން އިތުރުކޮށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން ހިންގަމުންދާ މަސައްކަތްތަކުގައި ޢިލްމުވެރިންނާއި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުން ލިބޭކަމަށެވެ. އަދި ފުރިހަމަކޮށް ކަންކަން އިންތިޒާމު ކުރެވިގެން ދަނީ ގިނަ ޢަދަދެއްގެ ޢިލްމުވެރިންގެ އެހީތެރިކަމާއެކުކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފަރުޟު ޒަކާތާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުމާއި ކޮންމެ 3 މަހުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާންކުރުމާއި، މުދަލު ޒަކާތާއި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެއްސުމާއި، އަހަރަކުން އެއްފަހަރު ފަޤީރުންގެ ދަފްތަރު އެކުލަވާލުމާއި އެފަރާތަކަށް މުދަލު ޒަކާތާއި ފިތުރު ޒަކާތުގެ ފައިސާ ދޫކުރުމަކީ އިސްލާމިކް މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެކެވެ.