ޚަބަރު

އާރްޓީއެލް ޒޯން 1: ރައްޔިތުން އަތުން އަހަރަކުން 100މިލިއަން ރުފިޔާ ސަލަމާތްކުރެވިއްޖެ


  • މިސަރވޭއަކީ ޚިދުމަތާމެދު އާއްމުން ދެކޭގޮތް ބެލުމަށް ހެދި ސަރވޭއެއް

  • 93% މީހުން ދެކޭ ގޮތުގައި މިއީ އަގުހެޔޮ ލުއިފަސޭހަ ޚިދުމަތެއް

  • އާރްޓީއެލް ޒޯން އެކަކުން ކަނޑުދަތުރައް ކުރާ ހޭދައިން އަހަރަކު 100މިލިއަން ސަލާމަތްކުރެވޭނެ

ރާއްޖެ ޓްރާސްޕޯޓް ލިންކް އާރްޓީއެލް ޚިދުމަތުގެ ސަބަބުން، އުތުރުގެ 3 އަތޮޅުގެ ރައްޔިތުން ކަނޑުދަތުރަށް ކުރާ ހޭދައިން އަހަރަކު 100 މިލިއަން ރުފިޔާ ސަލާމަތްކުރެވޭ ކަމަށް ސަރވޭއަކުން ދައްކައިފިއެވެ.

އެފްޖޭއެސް ކޮންސަލްޓިން ކިޔާ ފާމަކުން ހެދި މިސަރވޭއަކީ، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ބޭނުމަށް ހެދި ސަރވޭއެކެވެ. އާރްޓީއެލްގެ ޚިދުމަތާއި ގުޅޭގޮތުން ކުރިއަށްގެންދިޔަ މި ސަރވޭއަށް މަޢުލޫމާތު އެއްކޮށްފައިވަނީ ޒޯން 1ގައި ހިމެނޭ ހއ، ހދ އަދި ށ އަތޮޅުންނެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ "ސޯޝިއޯ އިކޮނޮމިކް" މިސަރވޭގެ ބޭނުމަކީ، އާރްޓީއެލްގެ ޚިދުމަތުގެ ސަބަބުން ދަތުރުފަތުރަށް ލިބުނު ލުއިފަސޭހައާއި އަދި އިތުރަށް ރަނގަޅު ކުރަންވީ ކަންކަމާއި، ޖުމްލަކޮށް އެސަރަަޙައްދަށް އިޤްތިޞާދީގޮތުން އައިސްފައިވާ ބަދަލު ދެނެގަތުމަށް ކުރިއަށްގެންދިޔަ ސަރވޭއެއްކަމަށެވެ. މި ދާއިރާތަކުން ތަފްސީލީ ގޮތެއްގައި ސަރވޭގައި މަޢުލޫމާތު އެއްކޮށްފައިވެއެވެ.

ބޮޑުތިލަދުންމައްޗަކީ 50،000އަށްވުރެ ބޮޑު އާބާދީއެއް އޮތް ސަރަޙައްދެކެވެ. މިއަތޮޅުގައި މީހުން ދިރިއުޅޭ 41 ރަށް އޮންނައިރު، ސަރވޭގައި 16 ރަށަކަށް ޒިޔާރަތްކޮށް މަޢުލޫމާތު އެއްކޮށްފައިވެއެވެ.

މިސަރވޭ ކުރިއަށް ގެންގޮސްފައިވަނީ އެވްރެޖްކޮށް އެއްކުރެވޭ ގޮތައް ކުއަންޓިޓޭޓީވް މެތަޑް އަދި ކުއަލިޓޭޓިވް މެތަޑް އެޕްރޯޗެއް ބޭނުންކޮށްގެންނެވެ.

އެގޮތުން 787 މީހުންނާއި ވަކިވަކިން އިންޓަވިއުކޮށް މަޢުލޫމާތު އެއްކުރިއެވެ. އަދި 106 ވިޔަފާރިއަކާއި، 11 ފޯކަސް ގްރޫޕް އަދި އެކިއެކި މުއައްސަސާތައް ހިމެނޭގޮތަށް 45 ތަނަކުން މަޢުލޫމާތު އެއްކުރިއެވެ.

މިސަރވޭއިން ދެއްކި ގޮތުގައި، ޒޯން 1ގެ އާބާދީގެ %83 މީހުން ދަތުރުކުރުމަށް މިހާރު ބޭނުންކުރަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތެވެ. ދަތުރުކުރާ މީހުންގެ ތެރެއިން %39 މީހުން، ގިނައިން ދަތުރުކުރަން ފަށާފައިވަނީ އާރްޓީއެލްގެ ޚިދުމަތް އެސަރަޙައްދުގައި ފެށުމުންނެވެ.

ބޮޑުތިލަދުންމަތީގައި 10500 ގޭބިސީގައި މީހުން ދިރިއުޅެމުން އަންނައިރު އެވަރެޖްކޮށް ކޮންމެ ގޭބިސީއަކުން މަހެއްގެ މައްޗަށް ކަނޑުދަތުރަށް 800 ރުފިޔާ ހޭދަކުރަންޖެހޭ ކަމަށް ސަރވޭއަށް މަޢުލޫމާތު ދީފައިވެއެވެ.

އެހެންކަމުން އަހަރެއްގެ މައްޗަށް އެސަރަޙައްދުގެ ރައްޔިތުންގެ އަތުން 100 މިލިއަން ރުފިޔާ، ކަނޑުދަތުރަށް ކުރާ ޚަރަދުން ސަލާމަތްކުރެވޭކަމަށް މިސަރވޭއިން ވަނީ ދައްކާފައެވެ. މިޚިދުމަތް ހޯދާ މީހުންގެތެރެއިން %93 މީހުން، މިއީ އަގު ހެޔޮ އަތްފޯރާ ޚިދުމަތެއްގެ ގޮތުގައި ފާހަގަކުރެއެވެ.

މިޚިދުމަތް ރާއްޖޭގައި ފެށިތާ އަހަރެއްވީއިރު، މިހާތަނަށް އުތުރުގެ ރަށްތަކުން އާރްޓީއެލްގައި 322238 ފަހަރު މީހުން ދަތުރުކޮށްފައިވެއެވެ. %36 މީހުން ވަނީ އެއްފަހަރަށްވުރެ ގިނަ ފަހަރު އާރްޓީއެލްގައި ދަތުރުކޮށްފައެވެ.

އެންމެ ގިނަ މީހުން ދަތުރުކުރަނީ ސިއްޙީ ޚިދުމަތް ހޯދުމަށެވެ. ދަތުރުކުރާ މީހުންގެ %68 މީހުން ދަތުރުކުރަނީ ސިއްޙީ ޚިދުމަތް ހޯދުމުގެ ބޭނުމުގައެވެ. އާރްޓީއެލް ފެރީގެ ޚިދުމަތާއެކު ސިއްޙީ ޚިދުމަތް ހޯދުމަށް ފަސޭހަވެފައިވާ ކަމަށް %94 މީހުން ޤަބޫލުކުރެއެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތާއެކު އެއްރަށުން އަނެއް ރަށަށް ފަސޭހައިން ދަތުރުކުރެވި އިޖްތިމާޢީ ގުޅުންތައް ބަދަހިވެއްޖެ ކަމަށް ސަރވޭގައި ބައިވެރިވި %89 މީހުން ބުނެއެވެ. އަދި ސަރުކާރާއި އެކިއެކި އިދާރީ ޚިދުމަތްތައް ހޯދަން ފަސޭހަވެފައިވާ ކަމަށް %88 މީހުން ޤަބޫލުކުރެއެވެ.

ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މިހާރަށްވުރެ ފަސޭހަކޮށް ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެހެންޖެހޭކަން މިސަރވޭއިން ފާހަގަކުރެވިފައިވެއެވެ. މިޚިދުމަތަށް މިހާރު އޮންލައިންކޮށް ޓިކެޓް ނެގޭއިރު ޓިކެޓް ނަގާ އެޕްލިކޭޝަނަކީ އިނގިރޭސި ބަހުން އޮންނަ އެޕްލިކޭޝަނެކެވެ.

މީގެއިތުރުން، ފެރީގައި ބައެއްކަހަލަ ކުދި މުދަލާއި، ކުރިއަރ އުފުލޭނެ ގޮތް ވުމަކީވެސް ޚިދުމަތް ބޭނުންކުރާ އާއްމުންގެ އެދުމެކެވެ.

އާރްޓީއެލްގެ ސަބަބުން ރަށްރަށަށް އިޤްތިޞާދީ ގޮތުން ފައިދާކޮށްފައިވާކަމަށްވެސް މިސަރވޭއިން ދައްކައެވެ. އެގޮތުން ރަށްރަށުގެ ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރުމާއި، އަދި ރަށްރަށުގައި ހުންނަ ކެފޭ ރެސްޓޯރަންޓްތަކާއި، ވިޔަފާރިތަކަށްވެސް މީގެ ހެޔޮ އަސަރު ކުރާކަމަށް ސަރވޭއިން ދައްކައެވެ.

އާރްޓީއެލް ޚިދުމަތް އިތުރު އަތޮޅުތަކަށް ފުޅާކުރުމުގައި މިސަރވޭއިން ލިބުނު މަޢުލޫމާތަށް ވަރަށް ބޮޑަށް ރިޢާޔަތް ކުރައްވާނެކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.