ޚަބަރު

ބޯހިޔާވަހިކަމުގެ އިތުރު ފުރުޞަތުތަކަށް ހުޅުމާލެއިން ބިން ހިއްކުމަށް ތައްޔާރުވެއްޖެ


  • މި މަސައްކަތް ހަވާލުކޮށްފައިވަނީ ލަންކާގެ ކުންފުންޏަކަށް

  • 62.6 ހެކްޓަރުގެ ބިން ހިއްކާނެ

  • ދިޔަނެރު ފަޅާއި ތިލަފުށިވެސް ހިއްކުމަށް ހަވާލުކުރީ މި ކުންފުންޏަށް

ބޯހިޔާވަހިކަމަށް ހުޅުމާލެއަށް އިތުރުކުރުމަށް ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ހުޅުމާލެ ފަޅުން 62.6 ހެކްޓަރުގެ ބިން ހިއްކުމަށް ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) ކުންފުންޏަކާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

ހުޅުމާލޭގައި އަލަށް ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ މަސައްކަތްތައް ފެށުމަށް، އެސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް ނަގާ، ސަރަޙައްދު ހުސްކުރުމުގެ މަސައްކަތް މިމަހުގެ ތެރޭގައި އެޗްޑީސީން ފަށައި އެ ސަރަހައްދު ވަނީ ހުސްވެސް ކޮށްފައެވެ.

ހުޅުމާލެއިން ހިއްކާ މި ބިމަކީ ގޯތި ދިނުމަށް ހިއްކާ ބިންކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވަނީ ބުނެފައެވެ. އެގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް މި ބިން ބޭނުންކުރާނެއެވެ. ހައުސިން މިނިސްޓްރީން އާއްމުކޮށްފައިވާ ލިސްޓަށް ބަލާއިރު، 1351 ގޯތި ހުޅުމާލެއިން ދޫކުރާނެއެވެ. މީގެތެރޭގައި 8 ސައިޒެއްގެ ގޯތި ހިމެނެއެވެ.

މީގެއިތުރުން އަލަށް ހިއްކާ މި ބިމުގައިގައި ދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުންތައް ބިން ބޭނުންކުރާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެއެވެ.

ހުޅުމާލޭގެ އިތުރުން ސީ.އެމް.ސީ ކުންފުންޏާވަނީ، އިތުރު 2 ސަރަޙައްދެއް ހިއްކުމަށް ހަވާލުކޮށްފައެވެ. އެއީ ދިޔަނެރު ފަޅުން 24.6 ހެކްޓަރ އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ 9.6 ހެކްޓަރ ހިއްކުމަށެވެ. ސަފާރީތަކަށް ޚާއްސަ ބަނދަރެއް ތަރައްޤީކުރުމަށް ހިއްކާ ދިޔަނެރު ފަޅު ހިއްކުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އެ ފަޅުން 24.6 ހެކްޓަރުގެ ބިން ހިއްކަން ވަނީ ހަމަޖެހިފަ އެވެ. ދިޔަނެރު ފަޅު ހިއްކައިގެން ހަތަރު ރަށެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މެރީނާ އައިލެންޑަކާއި 3 ޕިކްނިކް އައިލެންޑެވެ.

މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާނީ މެރީނާ އައިލެންޑެވެ. އެ ރަށުގައި މެރީނާ އަކާއެކު ސަރވިސް ސެންޓަރެއްވެސް ޤާއިމުކުރާނެއެވެ. މީގެއިތުރުން ފިއުލިން ޚިދުމަތާއި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތާއި އުޅަނދުފަހަރަށް ފަސޭހައިން ކުނި މެނޭޖްކުރެވޭނެ ނިޒާމެއްވެސް ޤާއިމުކުރާނެއެވެ. މި މެރީނާގައި އެއް ފަހަރާ 500 އުޅަނދަށް ބަނދަރު ކުރެވޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.