ޚަބަރު

ރިޔާސީ އިންތިޚާބުގެ ތެރެއިން އެޗްއާރްސީއެމްގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި


  • އިންތިހާބަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރޭތޯ ތަހުގީގު ކުރޭ

  • ފުލުހުން ބައެއް ކެމްޕޭނު ހަރަކާތްތަކަށް ގާނޫނީ އިމުން ބޭރުން ހުރަސްއަޅައި ހުއްޓުވާ

  • އިންތިޚާބަށް ނުފޫޒު ފޯރުވުން ހައްލުކުރުމަށް ގާނޫނީ ބަދަލުތަކެއް ބޭނުންވޭ

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ތެރެއިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމްއަށް ފާހަގަކުރެވުނު ކަންބޮޑުވުންތައް ހިއްސާކޮށްފިއެެވެ.

ރިޔާސީ އިންތިޚާބުގެ ތެރެއިން އެޗްއާރްސީއެމްއިން ފާހަގަކުރެވުނު ކަންބޮޑުވުންތައް ހިއްސާކުރައްވާ ނެރުއްވި ބަޔާނުގައި އިންތިޚާބާއި ދިމާކޮށް ވޯޓަށް ނުފޫޒު ފޯރުވުމަށް ވަކި ކެންޑިޑޭޓަކަށް ތާއީދުކުރަމަށް ޝަރުތުކޮށް ވަޒީފާ ދިނުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި އަދި ވަކި ކެންޑިޑޭޓަކަށް ތާއިދު ކުރުމުގެ ސަބަބުން، ވަޒީފާއިން ވަކިކުރަމުންދާކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން މީސް މީޑިއާގައި ފާޅުކުރަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ.

ވޯޓަށް ނުފޫޒު ފޯރުވުމަށް، ބައެއް ފަރާތްތަކުން ވޯޓު ގަންނަމުންދާކަމަށް މީޑިއާގައި ދައުރުވަމުންދާ ކަމަށާއި އެކަމާއި ކަންބޮޑުވާ ކަމަށް އެޗްއާރުސީއެމުން ވިދާޅުވެއެވެ. އެޗްއާރުސީއެމުގެ ބަޔާނުގައި އެމީހަކު އިޚްތިޔާރު ކުރާ ކެންޑިޑޭޓަކަށް މިނިވަންކަމާއެކު ނުފޫޒުން އެއްކިބާވެ ހުރެ ވޯޓު ދިނުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެންވެއެވެ.

މިފަދަ ކަންކަން ހިނގާ ދިއުމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، ކުންފުނިތައް މެދުވެރިކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ކެމްޕެއިންގެ ކަންކަމަށް ބޭނުންކުރަމުންދާ ކަމުގެ ތުހުމަތުތައް އަޑުއިވެމުން ދިއުމަކީވެސް ކޮމިޝަނުން ނުހައެނު ކަންބޮޑުވާކަމެއް ކަމުން، މިކަންކަން ކަމާއި ގުޅުންހުރި މުއައްސަސާތަކުން ތަހުގީގު ކުރުމަށް އެޗްއާރްސީއެމް އިން ވަނީ ގޮވާލައްވާފައެވެ.

އިންތިޚާބު މޮނިޓަރ ކުރުމުގެ ތެރެއިން ފާހަގަކުރެވުނު މިފަދަ މައްސަލަތަކުގައި ކަންހިނގާފައިވާ ގޮތް ބަލަމުންދާ ކަމަށް އެޗްއާރްސީއެމް އިން ވިދާޅުވިއެވެ. އަދި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤާއި، އެއްވެއުޅުމުގެ މިނިވަންކަން ގާނޫނާއަސާސީން ލިބިދޭ އެންމެ ފުޅާ މިންވަރަށް ލިބިދޭކަން ކަށަވަރުކޮށްދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އެޗްއާރްސީއެމް އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ބިނާކުރުވަނިވި ގޮތެއްގައި ފާޑުކިޔުމަށާއި ނަޒާހަތްތެރިކަމާ އެކު ކެމްޕޭނު ކުރުމަށް އިސްކަންދީ، އަނެކާގެ އަބުރާއި އިއްޒަތަށް އަރައި ނުގަތުމަށާއި އަދި ނަފްރަތު އުފެދޭ ވާހަކަތައް ނުދެއްކުމަށްވެސް އެޗްއާރްސީއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، އެ ކޮމިޝަނުން ވަނީ ރީ-ރަޖިސްޓްރޭޝަންގައިި މައްސަލައެއްވާ ނަމަ، 48 ގަޑިއިރުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމަށް ގޮވާލައި ނުފޫޒުން އެއްކިބާވެ ތިބެ ވޯޓުލުމަށްވެސް އާންމުންގެ ކިބައިން އެދިފައެވެ. އެޗްއާރްސީއެމުން ވިދާޅުވީ ކެމްޕޭން ހަރާކަތްތަކާ ގުޅިގެން ހިނގާފައިވާ މައްސަލަތައް އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. އަދި މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ފަހު އެކަމާ ގުޅޭ ތަފްސީލީ ރިޕޯޓެއް ނެރޭނެ ކަމަށެވެ.