ޚަބަރު

ހުޅުދުއްފާރުގައި ދަނާލެއް ތަރައްޤީކޮށްދޭނަން: ޑރ. މުޢިއްޒު


  • އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހުޅުދުއްފާރު ތަރައްޤީކުރަންޖެހޭކަމަށް ވިދާޅުވި

  • ގާއުނޑޫދޫ ކައުންސިލުގެ ދަށަށް ބަދަލުކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންނެވި

ރ. ހުޅުދުއްފާރަށް ތަޢުލީމު ޙާސިލުކުރުމަށް ދާ ކުދިން ތިބޭނެ ދަނާލެއް ތަރައްޤީކޮށްދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މުޢިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން އެރަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ތަރައްޤީކުރަމުން އައި ހުޅުދުއްފާރު އެކި ގޮތްގޮތުން ތަރައްޤީކުރަންޖެހޭކަމަށެވެ. އެގޮތުން ތަޢުލީމު ޙާސިލުކުރުމަށް އެކި ރަށްރަށުން އަންނަ ކުދިން ތިބޭނެ އިންތިޒާމެއް ހަމަޖައްސަންޖެހޭކަން ފާހަގަކުރައްވާ ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އެކަން ކޮށްދެއްވާނެކަމަށެވެ. އަދި ލާމަރުކަޒީ އުސޫލުން ބާރުވެރިކުރުވޭ ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް އިޤްތިޞާދީ ނަފާހޯއްދަވާދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

އެގޮތުން ހުޅުދުއްފާރުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ގާއުނޑޫދޫ ކައުންސިލުގެ ދަށަށް ލިބޭނެ ގޮތް ހައްދަވާދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"މިރަށުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ގާއުނޑޫދޫއަކީ މިރަށަށް އިޤްތިޞާދީ ނަފާލިބޭ ރަށެއް އެހެންނަމަވެސް މިހާރު އޮތީ އެހެންބައެއްގެ މަސައްކަތަކަށް ދޫކޮށްފައިކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބޭ. އެހެންވީމަ އެކަމުގައި އެގްރީމެންޓެއްވެސް އޮންނާނެ. އެކަން އޮންނަ އުސޫލުގެ ތެރެއިން ބަލާ މިރަށު ރައްޔިތުންނަށް ނަފާ ލިބޭތަނެއްގެ ގޮތުގައި އެތަން ހެދުމަށް އަޅުގަނޑު މަސައްކަތްކުރާނެ ވާހަކަ ދަންނަވަން." މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، ރަށްރަށުގެ ރައްޔިތުން ބޭނުންވާ ތަރައްޤީގެ ކަންކަން ކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށެވެ. އަދި އާބާދީއަށް ބޭނުންވާ ނިސްބަތަށް ބެލުމަށްފަހު ރަށްރަށަށް ކުޅިވަރުގެ އެކި ވަޞީލަތްތައް ޤާއިމުކޮށްދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި މިހާރު ހިނގަމުންދާ ކަންކަމާއި އަދި އެކި ސަބަބުތަކަށްޓަކައި ހުއްޓިފައި ހުރި މަސައްކަތްތައްވެސް ނިންމުމަށް މަސައްކަތްކުރައްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.